ސާނަވީން އެއްވަނަ މުއައްޔަދު މަބާޙް މުޙައްމަދަށް، މަތީ ސާނަވީން އެއްވަނަ މުޙައްނަދު މަބާޙް މުޙައްމަދަށް. މުޙައްނަދަކީ 2024 އަހަރުގެ ކެޕްޓަން، މުއައްޔަދަކީ މިހާރުގެ ކެޕްޓަން
2024 ވަނަ އަހަރު އަލް މަދްރަސަތުލް ޢަރަބިއްޔަތުލް އިސްލާމިއްޔާގެ އެންމެ މޮޅު ދަރިވަރުންގެ މަޤާމު ދެ ބެއިން ހޯދައިފިއެވެ. 2024 ވަނަ އަހަރު ސާނަވީން އެއްވަނަ ހޯދީ މުއައްޔަދު މަބާޙް މުޙައްމަދެވެ. މަތީ ސާނަވީން އެއްވަނަ ހޯދީ އޭނާގެ ބޭބެ މުޙައްނަދު މަބާޙް މުޙައްމަދެވެ.
ޢަރަބިއްޔާ ސްކޫލުގެ އަހަރީ އިނާމު ދިނުމުގެ ޖަލްސާ އޮތީ ސެޕްޓެމްބަރު މަހުގެ 10 ވަނަ ދުވަހުގެ ރޭ އިމާދުއްދީން ސްކޫލުގައެވެ. ޝަރަފުވެރިކޮށްދެއްވީ އިސްލާމީ ޔުނިވަރސިޓީގެ ސެންޓަރ ފޯ ރިސާޗް އެންޑް ޕަބްލިކޭޝަންގެ ޑީން ޑރ. އާމިނަތު ޝާފިޔާއެވެ.
ސާނަވީ މަރުޙަލާއިން އެންމެ މޮޅު ދަރިވަރަކަށް ހޮވި މުއައްޔަދަކީ، މި އަހަރު ޢަރަބިއްޔާ ސްކޫލްގެ ކެޕްޓަނެވެ. އަދަބީ ގިނަ މުބާރާތް ތަކަކުން ފާހަގަ ކުރެވޭ ރަންވަނަތަކެއް ޙާޞިލްކޮށްފައިވާ މި ދަރިވަރު ވަނީ 2022 ، 2023 އަދި 2024 ޤައުމީ ވާހަކަދެއްކުމުގެ މުބާތުގައި ބައިވެރިވެ މިއިން ކޮންމެ އަހަރަކު ގަދަ 10 ގައި ހިމެނިފައިވެއެވެ. އަދި 2022 ވަނަ އަހަރު ޤައުމީ ވާހަކަދެއްކުމުގެ މުބާރާތުގައި ބައިވެރިވެ ދަށު ޘާނަވީ ގިންތިން މުޅި މުބާރާތުން 2 ވަނަ އަދި 2022 ވަނަ އަހަރުގެ ޤައުމީ ކުރުވާހަކަ ލިޔުމުގެ މުބާތުގައި ބައިވެރިވެ ދަށު ޘާނަވީ ގިންތިން މުޅި މުބާރާތުން 1 ވަނަ އަދި 2024 ވަނަ އަހަރުގެ ޤައުމީ މަޒުމޫނު ލިޔުމުގެ މުބާތުގައި ބައިވެރިވެ ޘާނަވީ ގިންތިން މުޅި މުބާރާތުން 3 ވަނަ ޙާޞިލް ކޮށްފައިވެއެވެ.
2024 ވަނަ އަހަރު މަތީ ސާނަވީ މަރުހަލާއިން އެންމެ މޮޅު ދަރިވަރަކަށް ހޮވި މުޙައްނަދަކީ 2024 ވަނަ އަހަރުގެ ގައުމީ ވާހަކަދެއްކުމުގެ މުބާރާތުގެ މަތީ ސާނަވީން އެއްވަނަ ހޯދި ދަރިވަރެކެވެ. މީގެ އިތުރުން ޕްރިފެކްޓުކަމުން ފެށިގެން ގޮސް ވައިސް ކެޕްޓަންކަން އަދާކޮށްފައިވާ މުޙައްނަދަކީ 2024 ވަނަ އަހަރުގެ ސްކޫލް ކެޕްޓަނެވެ.
2024 ވަނަ އަހަރު ޢަރަބިއްޔާ ސްކޫލްގެ ސާނަވީ އަދި މަތީ ސާނަވީގެ 132 ދަރިވަރުން އިނާމް ޙާޞިލް ކޮށްފައި ވެއެވެ.
advertisment
ހިޔާލު