ޒުވާން ޚަޠީބުންގެ ޤައުމީ މަހާސިންތާގައި 300 އަށްވުރެ ގިނަ ޚަޠީބުން

ޒުވާން ޚަޠީބުންގެ ޤައުމީ މަހާސިންތާ 13 ސެޕްޓެމްބަރުގައި ފަށާއިރު، އެ މަހާސިންތާގައި 300 ޒުވާން ޚަޠީބުން ބައިވެރިވާނެ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފިއެވެ.

އެ މިނިސްޓްރީން ބުނީ، ރާއްޖެ އިސްލާމީ ހިދާޔަތުގައި 900 އަހަރުވުމުގެ މުނާސަބަތާ ގުޅިގެން، އަންނަ ޖީލުގައި އިސްލާމީ ޝިޢާރު ފާޅުކުރުމަށް އިސްނަގައިގެން ތެދުވި ޒުވާން ޚަޠީބުންނަށް ހިތްވަރުދިނުމުގެ ގޮތުން ބޭއްވޭ ޚާއްޞަ މަހާސިންތާއެއް ކަމަށެވެ. މި މަހާސިންތާގައި 300 އަށް ވުރެ ގިނަ ޚަޠީބުން ބައިވެރިވާއިރު، ހުޅުމާލެގައި ބިންގާ އެޅިގެންދާ ބޮޑު މިސްކިތުގެ ބިންގާ އެޅުމުގެ ޙަފްލާގައި ވެސް ޒުވާން ޚާޠީބުން ރަސްމީކޮށް ބައިވެރިވާނެއެވެ.

އިސްލާމިކް މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވީ، އިސްލާމީ ޒުވާން ޖީލެއް ބިނާކޮށް ރާއްޖޭގެ އިސްލާމީ މުސްތަޤުބަލު އުޖާލާކޮށް ޙިމާޔަތްކުރަން ސަރުކާރުން ވަރަށް ބޮޑު އަހައްމިއްޔަތުކަމެއް ދޭ ކަމަށެވެ. މިހާތަނަށް 700 އަށް ވުރެ ގިނަ ޒުވާން ޚަޠީބުންވަނީ ތަމްރީނުކޮށްފައިކަން ވަޒީރު ފާހަގަކުރެއްވިއެވެ. އަތޮޅުތަކުން މާލެ އައުމުގައި ދަތިތަކެއް ހުރުމާއި އިމްތިހާންތަކާ ގުޅިގެން މަހާސިންތާއަށް ބައެއް ޚަތީބުންނަށް ހާޒިރު ނުވެވޭކަން އިސްލާމިކް މިނިސްޓްރީން ފާހަގަކުރެއެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *