ފޯކައިދޫ ސްކޫލްގެ ދަރިވަރުން ފައްކާކުރި "ކޮއްލަވާނި ބީޗް"ން އެރަށަށް އުފާވެރިކަން

ކޮއްލަވާނީ ބީޗް
ސްކޫލްގެ މާހައުލުގެ ތެރެއިން މުޖްތަމައަށް ޚިދުމަތް ކުރުމުގެ ރޫހް ދަރިވަރުންގެ ހިތްތަކުގައި ހަރުލައްވަންޖެހޭ - ފޯކައިދޫ ސްކޫލް

ފޯކައިދޫ ސްކޫލްގެ ކީ ސްޓޭޖް އެކަކާއި ދޭއްގެ ދަރިވަރުން “މައި ކޮމިއުނިޓީ” ތީމްގެ ދަށުން މުޖުތަމައުއަށް ފައިދާހުރި މަސައްކަތެއް ކޮށްދިނުމުގެ ގޮތުން ތަރައްގީކުރި ޕިކްނިކް ދާ ސަރަހައްދު "ކޮއްލަވާނި ބީޗް" އިން އެރަށަށް އުފާވެރިކަން ގެނެސްދީފިއެވެ.

ގުރޭޑް ހަޔަކުން ދަށުގެ ކުދިން ނުކުމެ އެންމެ ދެ ހަފްތާގެ ތެރޭގައި ވަނީ ، ކުރިން މީހުން ބޭނުން ނުކުރާ ރަށުގެ އިރުމަތީ ފަރާތު ގޮނޑުދޮށް ސަރަހައްދު ސާފްކޮށް ހިތްގައިމު ޕިކްނިކް ސަރަހައްދަކަށް އެތަން ބަދަލުކޮށްލާފައެވެ.

ފޯކައިދޫ ސްކޫލް
ކޮއްލަވާނީ ބީޗް – ބީޗް ސަރަހައްދު ސާފްކުރުމުގެ މަސައްކަތް ދަރިވަރުން ކުރަނީ – ފޯކައިދޫ ސްކޫލް

ފޯކައިދޫ ސްކޫލްގެ ޕްރިންސިޕަލް މުޙައްމަދު މަތީން ވިދާޅުވީ "މައި ކޮމިއުނިޓީ" ތީމުގެ ދަށުން ދަރިވަރުން ލައްވައި ކުރުވުން ބޭނުންވީ މުޖްތަމައަށް ފައިދާހުރި، ދަރިވަރުން ޝާމިލްކޮށްގެން ކުރިއަށް ގެންދެވިދާނެ ކަމެއް ކުރުވާށެވެ. އެ މަސައްކަތުގެ ތެރެއިން މުޖްތަމައުގައި އެކުދިންގެ ދައުރާއި އެފަދަ މަސައްކަތްތަކުގައި ބައިވެރިވުމުގެ މުހިންމުކަން އެކުދިންނަށް ދަސްކޮށްދެވުނު ކަމަށް މަތީން ވިދާޅުވިއެވެ.

ކޮއްލަވާނީ ބީޗް – ބީޗް ހުޅުވުމުން ގިނަ ބަޔަކު ދަނީ އެތަން ބޭނުން ކުރަމުން – ފޯކައިދޫ ސްކޫލް

"ކޮއްލަވާނި ބީޗް"ގެ ހުރިހާ މަސައްކަތެއްގައި އަމަލީ ގޮތުން ބައިވެރިވީ ދަރިވަރުންނެވެ. ބެލެނިވެރިންނާއި މުދައްރިސުން ކުރި ކަމަކީ އެކުދިންނަށް މަގު ދައްކައިދިނުމެވެ. މަސައްކަތް ކުރަންވީ ގޮތާއި މަސައްކަތުގެ ވައްޓަފާޅި ކިޔައިދީ ދަސްކޮށްދިނުމެވެ. އެ މަސައްކަތުގައި ދަރިވަރުން ޝަޢުޤުވެރިކަމާއެކު ބައިވެރިވިއެވެ. އަމަލީ ގޮތުން  މަސައްކަތުގައި ހަރަކާތްތެރިވިއެވެ. އެކަމުގައި ގުރޭޑް ހަޔަކުން ދަށުގެ ގުރޭޑް ތަކުގައި ކިޔަވަމުންދާ 210 ދަރިވަރުން ބައިވެރިވިއެވެ.

 

" ޕިކްނިކް ގޮސް އެންމެން އެކުގައި އުޅެލާނެ ސަރަހައްދެއް މިރަށަކު ނޯވޭ. ދަރިވަރުން ނުކުމެ މި ކުރި މަސައްކަތުން ހުރިހާ އެންމެންނަށް ނުކުމެލާފައި ތިބެލާނެ ސަރަހައްދެއް ގާއިމް ކުރެވިއްޖެ. ދަރިވަރުންގެ މި މަސައްކަތް ރަށުގެ ހުރިހާ އުމުރު ފުރައެއްގެ މީހުން ބަލައިގެންފި. އެއީ އެކުދިންނަށާއި ސްކޫލަށް ލިބިގެން ދިޔަ ވަރަށް ބޮޑު ހިތްހަމަޖެހުމެއް" މަތީން ވިދާޅުވިއެވެ.

ކޮއްލަވާނީ ބީޗް ސަރަހައްދަކީ ކުރިން މީހުން ގޮސްއުޅޭ ސަރަހައްދެއް ނޫނެވެ. އެތަން އޮތީ ބޭނުންނުކޮށް ދޫކޮށްލާފައެވެ. ތަންސާފުކޮށް ހިތްގައިމު ސަރަހައްދަކަށް އެތަން ހެދީ ދަރިވަރުންގެ ހިތްވަރުންނެވެ. ތަން ސާފުކޮށް ވެލިއަޅައި ޒަމާނީ ޕިކްނިކް ސަރަހައްދަކަށް އެތަން މިހާރު އޮތީ ފައްކާ ކޮށްފައެވެ. ޖޯލިފައްޗާއި އުނދޯލީގެ އިތުރުން އިށީންނާނެ އަށި ފަދަ ތަންތައް ވަނީ ހަދާފައެވެ. ޒަމާނީ ބާބަކިއު ސްޓޭންޑެއް ވަނީ ގާއިމް ކޮށްފައެވެ.

" މަސައްކަތް ކުރުމުގައިވެސް އަޅުގަނޑުމެން ވިސްނީ ބޮޑު ޚަރަދެއް ނުކޮށް، ފަސޭހައިން ލިބެން ހުރި ތަކެތި ބޭނުން ކޮށްގެން ތަން ހަދަން. ގެތަކުން އުކާލަން ވެފައި ހުރި ތަކެއްޗާއި، މަރާމާތުކޮށްގެން އަލުން ބޭނުން ކުރެވިދާނެ ތަކެތި ހޯދައި އެފަދަ ތަކެތީގެ ބޭނުންވެސް ކޮށްފައި ވާނީ. ސަރަހައްދު ވަކިކުރަން ވެސް ޕެލްޓް ޖަހާފައި ހުންނާނީ. މީގެ ބޭނުމަކީވެސް ކުޑަ ޚަރަދަކުން އުފާވެރިކަމާއި ހިތްހަމަޖެހުން ގެނެވިދާނެކަން ކުދިންނަށް ދަސްކޮށްދިނުން" މަތީން ވިދާޅުވިއެވެ.

މަތީން ވިދާޅުވީ " ކޮއްލަވާނި ބީޗް" ސަރަހައްދު މިހާރު އޮންނަނީ ހަލަބޮލިކޮށެވެ. ކުޑަކުދިންނާއި އުމުރުން ދުވަސްވީ މީހުންގެ ވެސް އެންމެ ގަޔާވާ ސަރަހައްދަކަށް އެތަން ވެއްޖެއެވެ.

އެ ބީޗް ތަރައްގީ ކުރުމުގައި ކައުންސިލާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އެހީތެރިކަން އިންތިހާއަށް ލިބުނެވެ. އެ ބީޗްގެ މަސައްކަތް ނިންމައި ރަށުގެ ރައްޔިތުންނަށް އުފާވެރިކަން ގެނެސްދިނީ އިއްޔެއެވެ. ޚާއްޞަ ރަސްމިސްޔާތަކަށްފަހު އެ ބީޗް އާންމުކޮށް ހުޅުވާލުމުންނެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *