ޓީވީ ސްކްރީނުން ނަޒީރާ ނެގި ފޮޓޯ ނިވްޔޯކް ޓައިމްސްއަށް

ވޯލްޑްކަޕްގެ ފޯރީގައި، މެޗު ހިނގަމުންދާ ވަގުތު ޓީވީ ސްކްރީނުން ފޮޓޯ ނެގުމުގެ ޓްރެންޑްގައި ބައިވެރިވެ ރާއްޖޭގެ ނަޒީރާ ގައްޒާހު ނެގި ފޮޓޯ ނިވްޔޯކް ޓައިމްސްގެ އާޓިކަލެއްގައި ހިމަނައިފިއެވެ.

ދުނިޔޭގެ ކަންކޮޅުތަކުގައި ވައިރަލްވި ފޮޓޯ ޓްރެންޑުގައި އެތަކެއް ބަޔަކު ބައިވެރިވެ ނެގި ފޮޓޯތަކުގެ ތެރެއިން 22 އަހަރުގެ ނަޒީރާ ނެގި ފޮޓޯ ނިވްޔޯކް ޓައިމްސްގެ ސަމާލުކަމަށް އައުމަކީ އޭނާއަށް ލިބުނު ކުއްލި ހައިރާން ކަމެކެވެ.

"ފުރަތަމަ އެމީހުން ކޮންޓެކްޓް ކުރި ހިސާބުން ހީކުރީ އެއީ ފޭކެއް ކަމަށް. އީމެއިލް ވެރިފައިކޮށްފައި އެމީހުން އެދުނު ގޮތަށް ފޮޓޯ ފޮނުވީ. ފޮޓޯގެ ލައިންސް ހޯދަން ކޮންޓްރެކްޓް ފޮނުވި ހިސާބުން ޔަގީންވީ" ދަރިވަރު ނޫހަށް ނަޒީރާ ކިޔައިދިނެވެ.

ޓީވީ ސްކްރީނުން ފޮޓޯ ނެގުން ޓްރެންޑަކަށް ވެގެންދިޔައީ ދަނޑަށް ނުދެވޭ ފޮޓޯގްރާފަރުން ގޭގައި ތިބެގެން ޓީވީ ސްކްރީނުން މެޗުގެ މަންޒަރުތައް ތަފާތު ގޮތަކަށް ނެގުމަށްފަހު އިންސްޓަގްރާމް ކުރަން ފެށުމުންނެވެ. ނަޒީރާ ބުނި އެ ޓްރެންޑަށް އޭނާގެ ނަޒަރު ހުއްޓުނީ އެއީ އޭނާއަށް ވަރަށް ކަމުދިޔަ ފޮޓޯގްރަފީ ސްޓައިލެއް ކަމަށާއި އޭނާ ގެންގުޅޭ އަމިއްލަ ސްޓައިލާ ވެސް ގުޅޭތީ ކަމަށެވެ.

"އަ ބިލިއަން އައިސް. ވަން ޝެއާޑް އެކްސްޕީރިއަންސް" ގެ ނަމުގައި ނިވްޔޯކް ޓައިމްސްގައި މާކް އޯކޮނެލް މި މަހުގެ 19 ވަނަ ދުވަހު ލިޔެފައިވާ ލިޔުމުގައި، ނަޒީރާ ނެގި ފޮޓޯގެ އިތުރުން 14 މީހެއްގެ ފޮޓޯ ހިމަނާފައިވެއެވެ.

ނަޒީރާ ބުނީ، ޓީވީން ފޮޓޯ ނެގުމުގެ ޓްރެންޑްގައި އޭނާ ބައިވެރިވާން ފެށީ މޮރޮކޯ ކުޅުނު ފުރަތަމަ މެޗުން ފެށިގެން ކަމަށާއި މަދު މެޗެއް ނޫނީ ހުރިހާ މެޗެއްގެ ފޮޓޯ ނަގައި އެ ޓްރެންޑްގައި ބައިވެރިވި ކަމަށެވެ. ނަމަވެސް ނިވްކޯގެ ޓައިމްސް އިން ސެލެކްޓްކުރި ފޮޓޯއަކީ އޭނާއަށް އެންމެ ކަމުދިޔަ ފޮޓޯ ނޫންކަމަށެވެ.

ޓީވީ ސްކްރީނުން ނެގި ފޮޓޯތަކުގެ ތެރެއިން ނިވްޔޯކް ޓައިމްސް އަށް އެންމެ ކަމުދިޔަ ފޮޓޯ

"އަޅުގަނޑަށް އެންމެ ކަމުދިޔައީ ބްރެޒިލް ކުޅުނު މެޗެއްގެ ފޮޓޯއެއް" ބެރެޒިލަށް ސަޕޯޓް ކުރާ ނަޒީރާ ބުންޏެވެ.

އިންސްޓަގްރާމް ނަޒީރާ ހިއްސާކުރި ފޮޓޯތަކަށް އެހާބޮޑު ތަރުހީބެއް ލިބިދާނެ ކަމަށް އުއްމީދު ނުކުރާ ކަމަށާއި އޭނާގެ އެއް ޕޯސްޓަށް މިލިއަނަށް ވުރެ ގިނަ ވިއުސް ލިބުމަކީ އެއީ ފޮޓޯގްރަފީ ދާއިރާއިން ކުރިއަށް ދިއުމަށް ލިބުނު ހިތްވަރެއް ކަމަށް ނަޒީރާ ބުންޏެވެ.

ނަޒީރާ ކިޔަވަމުންދަނީ، ހައި އެޗީވާސް ސްކޮލާޝިޕްގެ ދަށުން އިނގިރޭސިވިލާތުގައި އާކިޓެކްޗާގެ ދާއިރާއިންނެވެ. ފޮޓޯ ގްރަފީގެ ތެރެއަށް އޭނާއަށް ވަދެވުނީ، ފޯނުން ފޮޓޯތައް ނަގައި އިންސްޓަރގްރާމަށް ލާންފެށި ހިސާބުންނެވެ. އޭނާ ފްލޯކުރާ މީހުން އިތުރުވާން ފެށީ މީގެ އަހަރެއްހާ ދުވަސް ކުރިން ޓްރެވަލް ފޮޓޯތަކެއް އިންސްޓަގްރާމަށް ލާންފެށި ހިސާބުންނެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *