ސްކައުޓް ހަރަކާތުން އުނގަންނައިދިނީ ދިވެހީންނަށް މުހިންމު އެތައް ހުނަރަކާއި ރީތި އާދަތަކެއް

ސްކައުޓް ހަރަކާތުން އުނގަންނައިދިނީ ދިވެހީންނަށް މުހިންމު އެތައް ހުނަރަކާއި ރީތި އާދަތަކެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރާއްޖޭގައި ސްކައުޓްގެ ހަރަކާތް ފެށިތާ 70 އަހަރު ފުރުމާ ގުޅިގެން ޤައުމީ ސްކައުޓް ދުވަހުގެ މުނާޞަބަތުގައި ރާއްޖޭގައި ސްކައުޓް ޚިދުމަތް ފެށްޓެވުމުގައި އިސްނެންގެވި ލީޑަރުންނަށާއި، މިދިޔަ 70 އަހަރުގެ ތެރޭގައި މި ހަރަކާތް ދެމެހެއްޓުމުގައި ބައިވެރިވި ހުރިހާ ސްކައުޓުންނަށް މަރްޙަބާއާއި ޝުކުރާއި ސާބަސް، ރައީސް ޑރ. މުއިއްޒުގެ ފޭސްބުކުގައި ރައްދުކުރައްވައި ލިޔުއްވާފައިވެއެވެ.

"މި އުފާވެރި އަހަރީ މުނާސަބަތުގައި އަޅުގަނޑު ދަންނަވަނީ، ޤައުމު ގޮވައިލި ކޮންމެ ވަގުތަކު ސްކައުޓުންވީ ޤުރުބާނީއާއި، މުޤާބިލުގައި އެއްވެސް އުޖޫރައެއް ބަދަލެއް ހޯދުމެއްނެތި ދަރުމައަށް ކޮށްދެމުންދާ ގިނަގުނަ ޚިދުމަތުގެ އަގު ވަޒަންކުރަމުން" ރައީސް ލިޔުއްވާފައިވެއެވެ.

ރައީސް ޑރ. މުއިއްޒު ވިދާޅުވެފައި ވަނީ، ސްކައުޓް ހަރަކާތަކީ ރައްޔިތުންގެ އިތުބާރާއި އިޙްތިރާމް ލިބިފައިވާ، ޤައުމު ފަޚުރުވެރިވާ ޚިދުމަތެއް ކަމަށާއި އަދި ރާއްޖޭގައި އޮތް އެންމެ ޒަމާންވީ، މުޅި ރާއްޖެއަށް އެންމެ ފުޅާކޮށް ފެތުރިފައިވާ އެންމެބޮޑު ވޮލަންޓްރީ ހަރަކާތަކީ ވެސް ސްކައުޓް ހަރަކާތް ކަމަށެވެ.

ދިވެހީންނަށް މުހިންމު އެތައް ހުނަރަކާއި ރީތި އާދަތަކެއް ސްކައުޓް ހަރަކާތުންވަނީ އުނގަންނައިދީފައިކަން ބަޔާން ކުރައްވައި އެމަނިކުފާނު ވިދާޅުވެފައި ވަނީ، ސްކައުޓް ހަރަކާތުން ހަރުދަނާ ދަރިންތަކެއް ޤައުމަށް ވަނީ ބިނާކޮށްދީފައި ކަމަށާއި ރާއްޖޭގެ ރަށްތަކުގެ ގުޅުން ބަދަހިކޮށްދިނުމުގެ އިތުރުން ދުނިޔޭގެ ޤައުމުތަކާ ރާއްޖެއާއޮތް ގުޅުން ވަރުގަދަކޮށްދޭ ބާރަކަށް ވެސް ސްކައުޓް ވެފައިވާ ކަމަށެވެ. އަދި ރާއްޖެ ހޯދަމުންދާ ކުރިއެރުންތަކާއި އަންނަމުންދާ ތަރައްޤީއާއެކު ކުރިމަގުގައި ސްކައުޓް ހަރަކާތް އިތުރަށް ފުޅާކޮށް ސްކައުޓުން އިތުރުކޮށް، ޤައުމީ ޚިދުމަތުގައިދޭ ބައިވެރިވުން ބޮޑުކުރަމުން ދާން ޖެހޭނެކަމުގައި އަޅުގަނޑު ދެކިވަޑައިގަންނަވާ ކަމަށް ވެސް އެމަނިކުފާނު ލިޔުއްވާފައިވެއެވެ.

"ދިވެހި ސްކައުޓް ހަރަކާތަށް ފާގަތިކަމާއި ކާމިޔާބަށް އެދެން. ކުރިއަށް ދިވެހި ޤައުމު! ކުރިއަށް ދިވެހި ސްކައުޓުން" ސްކައުޓް ދުވަހުގެ ކުރު ހިޠާބު ނިއްމާލަވައްމުން ރައީސް ޑރ. މުއިއްޒު ލިޔުއްވާފައިވެއެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *