ޙަމަދު ސްކޫލުގެ މަތީ ސާނަވީގެ ދަރިވަރުން އަމަލީ ތަޖުރިބާ ހޯދަން އައްޑުއާއި ފުވައްލަކަށް

ލ. ގަމުގައި ހުންނަ ޙަމަދު ބިން ޚަލީފާ އާލް ޘާނީ ސްކޫލުގެ މަތީ ސާނަވީއަށް ކިޔަވަމުންދާ ދަރިވަރުން އައްޑޫ ސިޓީއަށާއި ފުވައްމުލައް ސިޓީއަށް ޒިޔާރަތްކޮށް އަމަލީ ގޮތުން ތަޖުރިބާތަކެއް ކޮށްފިއެވެ.

މިއީ، އެ ދަރިވަރުން ކިޔަވަމުންދާ ފިލާވަޅުތަކާ ގުޅޭ ގޮތުން ބޭނުންވާ މައުލޫމާތާއި ހުނަރާއި އަދި ކުރިއަށް ދިއުމަށް އޮތް ފުރުޞަތުތައް ދެނެގަތުމަށް ކުރި މުހިންމު ދަތުރެއް ކަމަށް ޙަމަދު ސްކޫލުން ބުނެއެވެ.

އެޕްރީލް މަހުގެ 16އިން 23އަށް ކުރިއަށް ގެންދިޔަ މި ދަތުރުގައި އެ ސްކޫލުގެ 51 ދަރިވަރުން އައްޑޫ ސިޓީގައި ހޭދަކުރި ހަތަރު ދުވަހުގެ ތެރޭގައި އައްޑޫ ހައި ސްކޫލުގެ މުދައްރިސުން ވަނީ ޙަމަދު ސްކޫލުގެ ދަރިވަރުންނަށް އެކުދިން ކިޔަވަމުންދާ މާއްދާތަކާ ގުޅުން ހުރި މުހިންމު ސެޝަންތަކެއް ނަންގަވައިދެއްވާފައެވެ. އޭގެ އިތުރުން އައްޑޫ ސިޓީގައި ހުރި ތާރީޚާއި ސަޤާފަތާއި އަދި އެ ސިޓީގެ މުހިންމު ތަންތަނަށް ޒިޔާރަތްކޮށް އެ ތަންނާ ބެހޭ މައުލޫމާތު ވަނީ ހޯދާފައެވެ.

ޙަމަދު ސްކޫލުގެ ދަރިވަރުން ފުވައްމުލަކަށް ކުރި ދަތުރުގައި އެ ސިޓީގެ ގުދުރަތީ ރީތިކަމާއި ބައެއް ދާއިރާތަކުން އެކުދިންނަށް ހުރި ފުރުޞަތުތައް ދެނެގަނެ ކުރިމަގައި ކުރިއަށް ދެވިދާނެ މުހިންމު ދާއިރާތަކުގެ މައުލޫމާތު ވަނީ ހޯދާފައެވެ. މީގެ ތެރޭގައި ޑިވިންގ ޑެސްޓިނޭޝަނެއްގެ ގޮތުގައި ފުވައްމުލައް އިސްތިހާރު ކުރަމުންދާއިރު، ޑައިވިންގއާ ބެހޭ ގިނަ މައުލޫމާތުތަކެއް އެކުދިން ވަނީ ހޯދާފައެވެ.

ޙަމަދު ސްކޫލުގެ ޕްރިންސިޕަލް ޝައުކަތު ލަތީފު ދަރިވަރު ނޫހަށް ވިދާޅުވީ، އެ ސްކޫލުގެ ދަރިވަރުން އަމަލީ ތަޖުރިބާ ހޯދައި ދިނުމަށް 2015 ވަނަ އަހަރުން ފެށިގެން ދަތުރުތަކެއް ކުރަމުންދާ ކަމަށާއި މި އަހަރުގެ ދަތުރުވެސް އައްޑޫއާއި ފުވައްމުލަކަށް ޚާއްޞަ ކުރީ މަތީ ސާނަވީގައި ކިޔަވައިކުދިންގެ އެ ދެ ސިޓީ އިޚްތިޔާރު ކުރުމުން ކަމަށެވެ.
އޭނާ ވިދާޅުވި ގޮތުގައި، އަމަލީ ތަޖުރިބާ ދަރިވަރުންނަށް ހޯދައިދޭން ކުރާ މިދަތުރުތަކުގެ މައިގަނޑު މަގުސަދުތަކަކީ ތަފާތު މާހައުލަކުން އުނގެނުމުގެ ފުރުޞަތު ދަރިވަރުންނަށް ހޯދައިދިނުމާއި، އަދި ޤައުމިއްޔަތަށް ކުދިންގެ ހިތްތަކުގައި ލޯބި ޖެއްސުމަށްޓަކައި މުހިންމު ތާރީޚީ އަދި އާސާރީ ތަންތަން ބަލައި އެތަންތަނާ މެދު ވިސްނައި ފިކުރު ކުރާނެ ފުރުޞަތު ފަހިކޮށްދިނުމެވެ.

ޕްރިންސިޕަލް ޝައުކަތު ވިދާޅުވީ، މި ގޮތަށް ރާވާ ދަތުރުތަކުގައި ރަށްރަށަށްދާއިރު ގެސްޓްހައުސްތަކުގައި ކުދިން ބޭތިއްބުމުގެ ބަދަލުގައި އެ ރަށެއްގެ އާއިލާތަކަކާ އެކީގައި ތިބެވޭނެ އިންތިޒާމް ހަމަޖައްސައިދޭ ކަމަށެވެ. އޭގެ ބޭނުމަކީ އެ ރަށްރަށުގެ އެކި މީހުންގެ ދިރިއުޅުން ވެސް ދަރިވަރުންނަށް ތަޖުރިބާކުރުމުގެ ފުރުޞަތު ހޯދައިދިނުން ކަމަށެވެ.
"ޤައުމީ މަންހަޖުގެ މައިގަނޑު މަޤްޞަދަކީ ވެސް ދިރިއުޅުމަށް ކުއްޖާ ތައްޔާރުކޮށްދިނުން. ދިރިއުޅެން ދަސްކޮށްދެވޭނީ ތިމާ ނޫން އެހެންމީހުންވެސް ދިރިއުޅޭތަނާއި ގޮތް ފެނި އެނގިގެން. " ޝައުކަތު ވިދާޅުވިއެވެ.

ޙަމަދު ސްކޫލުން ބުނީ، މި އަހަރުގެ ދަތުރުގައި އައްޑޫ ހައި ސްކޫލާއި ޏ. އަތޮޅު ތަޢުލީމީ މަރުކަޒުގެ ފުރިހަމަ މެހުމާންދާރީއާއި އެހީތެރިކަން ވަރަށް ބޮޑަށް ލިބިފައިވާ ކަމަށެވެ. އަދި ދަތުރުފަތުރު ކުރުމުގައި މޯލްޑިވިއަންގެ ވަރަށް ދީލަތި އެހީތެރިކަމެއް ލިބިފައިވާ ކަމަށެވެ. އެހެންވެ އެ ދެ ސްކޫލަށާއި މޯލްޑިވިއަންއަށް ޚާއްޞަ ޝުކުރެއް އެ ސްކޫލުން އަދާކުރާ ކަމަށެވެ. އަދި މިފަދަ ދަތުރުތައް އެންމެ ފުރިހަމަ ގޮތުގައި ކުރިއަށް ގެންދިއުމަށް ބެލެނިވެރިންނާއި މުދައްރިސުންގެ އެއްބާރުލުން އަބަދުވެސް ލިބެމުން އަންނަ ކަމަށެވެ.
ޙަމަދު ސްކޫލަކީ ފައުންޑޭޝަން ސްޓޭޖުން ފެށިގެން މަތީ ޘާނަވީއަށް  800 އެއްހާ ދަރިވަރުން ކިޔަވަމުންދާ ސްކޫލެކެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *