ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ތާރީޚުގައި ވެސް ފުރަތަމަ ފަހަރަށް އަޑުއިވުމުން މަހުރޫމްވެފައިވާ ދަރިވަރަކު އިންފޮމޭޝަން ޓެކްނޮލޮޖީގެ ދާއިރާއިން ބެޗްލާސް ޑިގްރީ ނިންމައި ގުރެޖުއޭޓް ވެއްޖެއެވެ.
ފެކަލްޓީ އޮފް އިންޖިނިއަރިންގ ސައިންސް އެންޑް ޓެކްނޮލޮޖީން ކިޔެވި އިސްމާއިލް ރާހިލް ދަސްނެވީ އެމްއެންޔޫގައި ބޭއްވި ދަސްވެނިވުމުގެ ރަސްމިއްޔާތުގައި މިއަދު ހެނދުނު ބޭއްވީ ތިންވަނަ ދަންފަޅީގައެވެ.
އޭނާގެ ކާމިޔާބަށް މަތީ ތައުލީމާ ބެހޭ ވުޒާރާއިން ވަނީ ތަހުނިޔާ ދަންނަވާފައެވެ.

ޖަމާލުއްދީން ސްކޫލުން 2018 ވަނަ އަހަރު އޯލެވެލް ނިންމި ރާހިލް، އެޑްވާންސް ސެޓްފިކެޓް އިން އިންފޮމޭޝަން ޓެކްނޮލޮޖީ ނިންމީ ވެސް އެމްއެންޔޫއިންނެވެ.
ރާހިލްގެ ބައްޕަ އަޙްމަދު ވަހީދު ދަރިވަރު ނޫހަށް ވިދާޅުވީ، އުފަންވިއިރު ވެސް ރާހިލް، އަޑުއިވުމުން މަހުރޫވްވެފައިވާ ކަމަށާއި އެ އާއިލާ މާލެ ބަދަލުވީ ވެސް ރާހިލްއަށް ކިޔައިދިނުމުގެ ބޭނުމުގައި ކަމަށެވެ.
ރާހިލް ކިޔަވީ ޖަމާލުއްދީން ސްކޫލުގައި އެފަދަ ދަރިވަރުންނަށް ކިޔަވައިދޭ ކުލާހުގައެވެ.
ވަހީދު ވިދާޅުވީ، ރާހިލްއާމެދު އެ އާއިލާއިން ކުރި އުއްމީދު ފުރިހަމަވެއްޖެ ކަމަށާއި ރާހިލް ގުރެޖުއޭޓްވި ވަގުތަކީ އެއީ އެ އާއިލާއަށް ލިބުނު ވަރަށް ބޮޑު އުފަލަކާއި ކުރި އުއްމީދުގެ ފޮނިކަން ޙާޞިލްވި ވަގުތެއް ކަމަށެވެ.
"އަޅުގަނޑުމެން ބޭނުންވީ އިވުމުން މަހުރޫމް ވިޔަސް މަތީ ތައުލީމު ހާޞިލްކޮށް ރާހިލް ކުރިއަށްދާން. އެކަން ޙާޞިލްވުމަކީ އެއީ ކުރި އެންމެ ބޮޑު އުއްމީދު" ވިލާ އިންޓަރނޭޝަނަލް ހައި ސްކޫލުގެ ޑެޕިއުޓީ ޕްރިންސިޕަލްގެ ޒިންމާ އަދާކުރައްވަމުން ގެންދަވާ ވަހީދު ދަރިވަރު ނޫހަށް ވިދާޅުވިއެވެ.
ރާހިލްއަށް ބޭބޭ ކިޔާ ދެ ކުދިން އެ އާއިލާގައި އެބަތިއްބެވެ. އެ ދެބެއިންނަކީ ވެސް އަޑުއިވުމުން މަހުރޫވެފައިވާ ދެ ކުދިންނެވެ. އޭގެތެރެއިން އެކަކު މި އަހަރު ޖަމާލުއްދީން ސްކޫލުން އޯލެވެލް ނިންމިއިރު، އަނެއް ދަރިވަރު ކިޔަވަމުން ގެންދަނީ ވެސް ޖަމާލުއްދީން ސްކޫލުގައެވެ.

ވަހީދު ވިދާޅުވީ، ބެޗްލާސް ޑިގްރީ ރާހިލްއަށް ނިންމުނީ ވަރަށް އުނދަގޫ ހާލަތެއްގައި ކަމަށާއި ކުރިއަށް ނުދެވިދާނެ ކަމުގެ ބިރު ހީވެ ކޯސް ދޫކޮށްލަން ވެސް ނިންމި ކަމަށެވެ. އެފަދަ ހާލަތުގައި އެއާއިލާއިން ހިތްވަރުދީގެން ކޯސް ފުރިހަމަކުރެވުނީ ރާހިލް ކުރި ހިތްވަރާއި ކިޔެވުމަށް ދިން ސަމާލުކަމުގެ ސަބަބުން ކަމަށް ވަހީދު ވިދާޅުވިއެވެ.
ރާހިލްއަށް ކުރިއަށްދިއުމުގައި އުނދަގޫވީ އޭނާއާއެކު ކިޔެވި ދަރިވަރުންނާއި އަދި ބައެއް ފަހަރު ލެކްޗަރާއިންނަށް ވެސް އިޝާރާތުން ވާހަކަ ދައްކަން ޖެހުމުންނެވެ.
"އެމްއެންޔޫގެ ލެކްޗަރާއިންގެ ފަރާތުން ލިބުނު އެއްބާރުލުމާއި އެބޭފުޅުން ދެއްވި އެހީތެރިކަމަކީ ރާހިލްއަށް ކޯސް ނިންމަން ލިބުނު އެންމެ ބޮޑު ހިތްވަރު. ރާހިލް ބޭނުންވާ ކޮންމެ ވަގުތަކު ބޭނުން ސުވާލެއް އެހުމުގެ ފުރުޞަތު އެ ލެކްޗަރާއިން އޮތީ ހުޅުވާލާފައި" ވަހީދު ވިދާޅުވިއެވެ.
ވަހީދު ވިދާޅުވީ، ބޯޑްގައި ނުވަތަ ސްކްރީނުގައި ދައްކާ ހުރިހާ ފިލާވަޅެއް ފަސޭހައިން ނަގައިގަނެވުނަސް ކިޔަވައިދޭ ގަޑީގައި އެ ދައްކާ ވާހަކަ ފަސޭހައިން ނަގައިގަންނަން ދަތިވުމަކީ އެއީ ވެސް ރާހިލްއަށް ކުރިމަތިވި ގޮންޖެހުމެއް ކަމަށެވެ. އެކަމަށް ހައްލެއް ހޯދުމުގައި ޖަމާލުއްދީން ސްކޫލުގައި އޭނާއަށް ކިޔަވައިދެއްވި ސައީދު ސަރގެ އެހީތެރިކަން ލިބިވަޑައިގެންނެވި ކަމަށެވެ. ސައީދު ސަރ މިހާރު މަސައްކަތް ކުރައްވަމުން ގެންދަވަނީ ވެސް އެމްއެންޔޫގެ ލެކްޗަރާއެއްގެ ގޮތުގައެވެ.
"ސައީދު ސަރގެ އެހީތެރިކަން ލެކްޗަރާއިންނަށް ލިބުމަކީ ވެސް ރާހިލްއަށް ކުރިއަށް ދިއުމަށް ލިބުނު ފަސޭހައެއް" ވަހީދު ވިދާޅުވިއެވެ.
އޯލެވްލްއަށްފަހު މޮރިސަސް ބޭންކުގައި 9 މަސްދުވަހު ރާހިލް މަސައްކަތް ކުރިއެވެ. ދުވަސްކޮޅަކު ވަޒީފާއަށް ނުގޮސް ހުރުމަށްފަހު މިހާރު މަސައްކަތް ކުރަނީ ސްޓެލްކޯގައެވެ.
ވަހީދު ވިދާޅުވީ، ރާހިލްގެ ކާމިޔާބީގައި އޭނާ ވަޒީފާއަދާކުރާ ސްޓެލްކޯއާއި އެމްއެންޔޫގެ ދައުރު ވަރަށް ބޮޑުކަމަށެވެ. އަދި އެސައިންމަންޓްތައް ވަގުތައް ނިންމަން ބާރުއަޅައި ކިޔެވުމުގައި އޭނާގެ މަންމަ ކުރި ހިތްވަރަކީ ވެސް ރާހިލްގެ ކާމިޔާބީގެ ބައެއް ކަމަށެވެ.
"ގަޑިއަށް އެސައިންމަންޓްތައް ނިންމުމަށް ބާރުއަޅައި ކިޔެވުމުގައި އަމަލީ ގޮތުން އެހީވެދިން އެކަމަށް އެނާގެ މަންމަ ވާނެ" ވަހީދު ވިދާޅުވިއެވެ.
advertisment
ހިޔާލު