ޢަބްދުﷲ ނަޞީޙް
މިއަދުގެ ދުނިޔޭގައި ތަޢުލީމީ ނިޒާމުތަކަށް އަންނަނީ އިންގިލާބީ ބޮޑެތި ބަދަލުތަކެކެވެ. މި ބަދަލުތަކުގެ މައިގަނޑު މުހިންމު ސަބަބުތަކަކީ ޓެކްނޮލޮޖީގެ ހަލުވި ކުރިއެރުމާއި، ދުނިޔެވުމުގެ (globalization) ނުފޫޒާއި، ވަޒީފާގެ ބާޒާރަށް އަންނަ އާދަޔާޚިލާފު ބަދަލުތަކުގެ އިތުރުން މުޖުތަމަޢުގެ އުންމީދުތަކަށް އަންނަ ބަދަލުތަކެވެ. މިފަދަ ހަލުވި މާޙައުލެއްގައި، ތަޢުލީމީ ދާއިރާއަށް އަންނަ ބަދަލުތަކަށް އިސްނެގުމަކީ ހަމައެކަނި އިޚްތިޔާރީ ކަމެއް ނޫނެވެ؛ އެއީ ދައުރުގެ މަޖުބޫރުކަމެކެވެ. ސްކޫލްތަކުން އުނގަންނައިދިނުމުގެ ބާ މޮޑެލްތަކާ ފެޔަށްޖެހި، އައު އީޖާދުތަކާއި، ޝާމިލު ތަޢުލީމާއި، ޑިޖިޓަލް ފަންނީ ޤާބިލުކަމާއި، އަދި ދަރިވަރުގެ ޖުމްލަ ތަރައްޤީއަށް އިސްކަންދޭ ބައިނަލްއަޤްވާމީ އޮއިވަރުތަކާ ފައިހަމަކުރަން ޖެހެއެވެ. ދުނިޔޭގެ ތަޢުލީމީ މިސްރާބާ މަދަރުސީ މަސައްކަތްތައް އެއްގޮތްކުރުމުން، ދަރިވަރުންނަކީ ހަމައެކަނި ފޮތީގެ ޢިލްމަށް އަހުލުވެރި ބަޔަކަށް ވުމުގެ ބަދަލުގައި، އޮޅުންބޮޅުން ބޮޑުވަމުންދާ ދުނިޔެއެއްގައި ކުރިއަށްދިއުމަށް ބޭނުންވާ ހުނަރާއި، އަޚްލާޤާއި، އަދި ހޭނުމުގެ ކުޅަދާނަކަން ލިބިފައިވާ ބަޔަކަށް ވެގެންދާނެއެވެ.

މިއަދުގެ ތަޢުލީމީ ދާއިރާގެ މޫނުމަތި ބަދަލުކޮށްލި އެންމެ ނުފޫޒުގަދަ ބާރަކީ ޑިޖިޓަލް ވަސީލަތްތަކެވެ. އުނގަންނައިދިނުމުގެ ތެރެއަށް ޓެކްނޮލޮޖީ ގަތާލެވުމާއެކު، މަޢުލޫމާތު ހޯދުމާއި، ފޯރުކޮށްދިނުމުގެ އިތުރުން ދަރިވަރުންގެ ފެންވަރު ވަޒަންކުރާ އުޞޫލުތަކަށް ވަނީ އިންގިލާބީ ބަދަލުތަކެއް އައިސްފައެވެ. ކްލާސްރޫމްތައް މިއަދު ސިފަވަމުންދަނީ ޑިޖިޓަލް ވަސީލަތްތަކާއި، އުނގެނުމަށް އެހީތެރިވެދޭ ނިޒާމުތަކާއި، އަދި ވާޗުއަލް ޕްލެޓްފޯމްތައް މެދުވެރިކޮށް ދަރިވަރުންގެ ޝައުޤުވެރިކަން ދަމައިގަންނަ ދިރުންހުރި މަރުކަޒުތަކެއްގެ ގޮތުގައެވެ. އާޓިފިޝަލް އިންޓެލިޖެންސް (AI) އާއި، ޑޭޓާ އެނަލިޓިކްސް ފަދަ ޒަމާނީ ވަސީލަތްތަކުގެ ސަބަބުން، މުދައްރިސުންނަށް ކޮންމެ ކުއްޖެއްގެ ފަރުދީ ބޭނުންތަކަށް ރިޢާޔަތްކޮށް އުނގަންނައިދިނުމުގެ ފުރުޞަތު ލިބި، އުނގެނުމުގެ ނަތީޖާ ދަނީ އުޖާލާވަމުންނެވެ. ނަމަވެސް، މި ބަދަލުތައް ސްކޫލްތަކުގައި ހަރުދަނާކަމާއެކު ތަންފީޒުކުރުމަށްޓަކައި، ދުރު ރާސްތާގެ ފަންނީ ރޭވުންތެރިކަމާއި، ވަސީލަތްތައް ޤާއިމުކުރުމުގެ އިތުރުން މުދައްރިސުން ތަމްރީނުކުރުން ކޮންމެހެން ބޭނުންވެއެވެ.
އަނެއް މުހިންމު ބަހާއަކީ 21 ވަނަ ޤަރުނުގެ ހުނަރުތަކަށް ދެވޭ އަހައްމިއްޔަތުކަން އިތުރުވުމެވެ. މީގެ ތެރޭގައި ފާޑުކިޔުމުގެ ވިސްނުން (critical thinking)، އައު އީޖާދުތަކަށް ލޯހުޅުވުން، ގުޅިގެން މަސައްކަތްކުރުން، މުޢާމަލާތްކުރުން އަދި މައްސަލަ ހައްލުކުރުމުގެ ޤާބިލުކަން ހިމެނެއެވެ. ޒަމާނީ ތަޢުލީމު މިއަދު މިސްރާބު ހިފާފައިވަނީ ހަމައެކަނި މަޢުލޫމާތު ނަކަލުކޮށްދިނުމުގެ ބަދަލުގައި، ދަރިވަރުންގެ ކިބައިގައި ހުންނަ ފިޠުރީ ޤާބިލުކަން ތަރައްޤީކޮށް، އެ މަޢުލޫމާތުތައް ޢަމަލީ މައިދާނުގައި އުފެއްދުންތެރި ގޮތެއްގައި ބޭނުންކުރަން ދަސްކޮށްދިނުމަށެވެ. އެހެންކަމުން، ސްކޫލްތަކުގެ މަންހަޖުތަކާއި، އުނގަންނައިދޭ އުޞޫލުތަކާއި، އަދި ވަޒަންކުރާ ގޮތްތައް މި ހުނަރުތަކަށް ބިނާކޮށް އިޞްލާޙުކުރަން ޖެހެއެވެ. މިއީ މުދައްރިސުންގެ ފިކުރަށްވެސް ބޮޑު ބަދަލެއް ގެންނަންޖެހޭ ކަމެކެވެ.
މުދައްރިސަކީ ހަމައެކަނި މަޢުލޫމާތު ފޯރުކޮށްދޭ މީހަކަށް ވުމުގެ ބަދަލުގައި، އުނގެނުމުގެ މަގުކޮށައިދޭ މަގުދައްކާ ފަރާތަކަށް (facilitator) ވާންޖެހެއެވެ.
ޝާމިލު ތަޢުލީމަކީ (Inclusive Education) ވެސް މިއަދު ބައިނަލްއަޤްވާމީ ފެންވަރުގައި ބޮޑު ސަމާލުކަމެއް ދެވޭ މަފްހޫމެކެވެ. ކޮންމެ ކުއްޖަކީވެސް އެކުއްޖެއްގެ ކިބައިގައި ހުރި ތަފާތުތަކަށް ބެލުމެއް ނެތި، ހަމަހަމަކަމާއެކު ފެންވަރު ރަނގަޅު ތަޢުލީމެއް ލިބުމުގެ ޙައްޤު އޮންނަންޖެހޭނެ ކަމަށް މިއަދު ބާރުއަޅައެވެ. ސްކޫލްތަކުން ޚާއްޞަ އެހީއަށް ބޭނުންވާ ކުދިންނަށް އޯގާތެރިކަމާއެކު އެހީތެރިކަން ދިނުމާއި، ޖިންސީ ހަމަހަމަކަން ދެމެހެއްޓުމާއި، އަދި ތަފާތު ސަގާފަތްތަކަށް އިޙްތިރާމްކުރާ މާޙައުލެއް ބިނާކުރުމަކީ ނުހަނު މުހިންމު ކަމެކެވެ. ސްކޫލްތަކުގެ އިސްވެރިންގެ ދައުރަކީ ކޮންމެ ދަރިވަރަކަށްވެސް އެކުއްޖެއްގެ އަގު ވަޒަންކުރާކަން އިޙްސާސްވާނެ ފަދަ އޯގާތެރި އަދި ރައްކާތެރި މާޙައުލެއް ތަނަވަސްކޮށްދިނުމެވެ.

އަކަޑެމިކް ކާމިޔާބީގެ އިތުރުން، ދަރިވަރުންގެ އަޚްލާޤާއި، ނަފްސާނީ ދުޅަހެޔޮކަމާއި، އިޖުތިމާޢީ ހުނަރުތައް ފުރިހަމައަށް ތަރައްޤީކުރުމަށް (holistic education) މިއަދު ވަރަށް ބޮޑު އިސްކަމެއް ދެވެއެވެ. އިޖުތިމާޢީ އަދި ނަފްސާނީ ހުނަރުތައް ދަސްކޮށްދިނުމާއި، މާތް ސިފަތައް އަށަގަންނުވައި، ޒިންމާދާރު، އަދި އަނެކުންނަށް އިޙްތިރާމްކުރާ ބަޔަކަށް ދަރިވަރުން ބައްޓަންކުރުމަކީ މަދަރުސީ ނިޒާމުގެ ބިންގަލެވެ. މިފަދަ ހެޔޮ ބަދަލުތައް ގެންނަ ސްކޫލްތަކުގައި، ދަރިވަރުންގެ ޢިލްމީ ފެންވަރުގެ އިތުރުން، އެކުދިންގެ ޝަޚްޞިއްޔަތުވެސް ފުރިހަމަވެ، މުޖުތަމަޢަށް ފައިދާހުރި ބަޔަކަށް ވެގެންދާނެއެވެ.
ތަޢުލީމީ މި ބަދަލުތަކާއެކު، މުދައްރިސުންގެ ފަންނީ ޤާބިލުކަން އިތުރުކުރުމަކީ ކާމިޔާބީގެ އަސްލެވެ. ދުނިޔޭގެ އޮއިވަރާ އެއްގޮތަށް އުނގަންނައިދިނުމުގެ އައު އުޞޫލުތަކާއި ޓެކްނޮލޮޖީގެ ބޭނުން އެންމެ ފުރިހަމަ ގޮތުގައި ހިފުމަށް މުދައްރިސުން އަބަދުވެސް އައު ކަންކަން ދަސްކޮށް އާލާކުރަންޖެހެއެވެ. ސްކޫލްތަކުގެ އިސްވެރިން މުދައްރިސުންނަށް މިފަދަ ފުރުޞަތުތައް ތަނަވަސްކޮށްދީ، އެކަކު އަނެކަކަށް އެހީތެރިވެގެން މަސައްކަތްކުރާނެ މާޙައުލެއް އުފައްދަން ޖެހެއެވެ. މުދައްރިސުންނަކީ މި ބަދަލުތައް ޢަމަލީގޮތުން ދަރިވަރުންނާ ހަމައަށް ވާޞިލުކޮށްދޭ މޭސްތިރިން ކަމަށްވާތީ، އެމީހުންގެ ތަމްރީނަށް އިސްކަންދިނުމަކީ ކާމިޔާބީގެ ތަޅުދަނޑިއެވެ.
އުނގަންނައިދިނުމުގެ އިސްވެރިއެއްގެ ގޮތުން (Instructional leadership) ކުރާ މަސައްކަތަކީ ސްކޫލްގެ ހިންގުން ހަރުދަނާކޮށްދޭނެ މުހިންމު ބަހާއެކެވެ. އިސްވެރިންގެ ޒިންމާއަކީ ސާފު ތަޞައްވުރެއް ކަނޑައަޅައި، އަބަދުވެސް ރަނގަޅު ބަދަލުތަކަށް ތައްޔާރުވުމުގެ ރޫޙެއް ސްކޫލުގައި އުފެއްދުމެވެ. މުދައްރިސުންނަށް ބޭނުންވާ ފަންނީ ލަފަޔާއި އިރުޝާދު ދީ، އައު ކަންކަން ތަޖުރިބާކުރުމަށް ހިތްވަރު ދޭންޖެހެއެވެ. އަދި ހެކިތަކާއި ޑޭޓާގެ އެހީގައި ކަންކަން ނިންމައި، އިޞްލާޙުކުރަންޖެހޭ ދާއިރާތައް ދަނެގަނެ، އެކަމަށް އެކަށީގެންވާ ހަރުދަނާ ފިޔަވަޅުތައް އަޅަންޖެހެއެވެ.
ބަދަލުތައް ގެނައުމުގައި ގޮންޖެހުންތަކެއް ހުރި ނަމަވެސް، މިއީ މުސްތަޤުބަލުގެ ޖީލުތަކަށްޓަކައި އަޅުގަނޑުމެން އުފުލަންޖެހޭ ޤައުމީ އަދި އިންސާނީ ޒިންމާއެކެވެ.
advertisment
ހިޔާލު