"ބަސްވާރު"ގެ ނަމުގައި ދިވެހި ސްކްރެބްލްއެއް ހިރާ ސްކޫލުން ނެރެފި

"ބަސްވާރު"ގެ ނަމުގައި ދިވެހި ސްކްރެބްލް އެއް ހިރާ ސްކޫލުން ނެރެފިއެވެ. ބަސްވާރު ނެރެދެއްވީ، ޅެންވެރިންގެ ދުވަހާ ގުޅުވައިގެން އައްޑޫގައި ފެށި ދިވެހިބަހުގެ އެކެޑަމީގެ ފޮތް މައުރަޒު ހުޅުވުމުގެ ރަސްމިއްޔާތުގައި ދިވެހި ބަހާއި ސަޤާފަތާ ބެހޭ ވަޒީރު ޑރ. އާދަން ނަޞީރު އިބްރާހިމެވެ.

ހިރާ ޕަބްލިކޭޝަންގެ ފަރާތުން ނެރުނު ދިވެހި ސްކްރެބްލް ހޯލްސޭލް އަދި ރީޓެއިލް ކުރަނީ އަޝްރަފީ އަޑޫއިންނެވެ. އަޝްރަފީގެ މާލޭގެ ބުކްޝޮޕްތަކުން ވެސް "ބަސްވާރު" ގަންނަން ލިބޭނެ ކަމަށް ހިރާ ސްކޫލުން ބުނެއެވެ.

ހިރާ ސްކޫލުގެ އެގްޒެކެޓިވް ޑިރެކްޓަރު ޝެއިޙް މުހައްމަދު އަނީލް ދަރިވަރު ނޫހަށް މިއަދު ވިދާޅުވީ، ދަރިވަރުންގެ ހިތްތަކުގައި ދިވެހިބަހަށް ލޯބިޖެއްސުމަށް ހިރާ ސްކޫލުން ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށާއި "ބަސްވާރު"އަކީ އޭގެ ތެރެއިން ފާހަގަކޮށްލެވޭ މުހިންމު މަސައްކަތެއް ކަމަށެވެ.

މީގެ ތިން އަހަރުކުރިން ފެށި މަސައްކަތާ ބެހޭ ގޮތުން ޝެއިޙް އަނިލް ވިދާޅުވީ، 2022 ވަނަ އަހަރުގެ ދުނިޔޭގެ ޢަރަބި ބަހުގެ މުނާސަބަތުގައި ސަޢުދީ އެމްބަސީގެ ފަރާތުން މާލޭގައި ބޭއްވި އިވެންޓެއްގައި ޢަރަބި ބަހުގެ ސްކްރެބްލް ގޭމެއް ފެނިވަޑައިގެންނެވި ކަމަށާއި އެ ވަގުތު އެކަހަލަ ގޭމެއް ދިވެހިބަހުން އޮންނަން ޖެހޭކަމުގެ ފިކުރު ކުރެއްވުނު ކަމަށެވެ.

"އަސްރަފީ ބުކްޝޮޕުން އާދައިގެ ސްކްރެބްލް ގޭމެއް ގަނެ އެ ބޭނުން ކޮށްގެން ދިވެހި ގޭމެއްގެ "ޕްރޮޓޯޓައިޕް" ހެދިން. އޭގެ 3 އަހަރު ފަހުން މިއަދު ﷲގެ ރަޙުމަތުން ޙިރާ ސްކޫލުގެ ފަރާތުން އަޅުގަނޑުމެން މި ނެރުނީ، ދިވެހި ސްކްރެބްލް – ބަސްވާރު" އަނިލް ވިދާޅުވިއެވެ.

އަނިލް ވިދާޅުވީ، ބަސްވާރު ނެރުމުގެ ކުރިން ޓެސްޓްކޮށްލަން ކުދިންނާއި ބޮޑެތި މީހުންނާއެކީގައި ކުޅުނު ކުޅުމުގައި ވެސް ފާހަގަކުރެވުނީ ޝައުޤުވެރިކަމާއި ފޯރިއާއެކު ކުޅެވޭ ކުޅިވަރެއްގެ ގޮތުގައި ކަމަށެވެ.

އޭނާ ވިދާޅުވީ، ބަސްވާރުގެ ސަބަބުން ކުޅިވަރުގެ ތެރެއިން ދިވެހި ބަސްކޮށާރު މުއްސަނދިވާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށެވެ. ޅެންވެރިންގެ ދުވަހަށް ވަޑައިގެންނެވި ބަހުގެ ބޭފުޅުންވެސް "ބަސްވާރު" ގެ ސަބަބުން ޝައުޤުވެރުކަމާއެކު ކުޅިވަރެއްގެ ތެރެއިން ދިވެހި ބަސްކޮށާރު މުއްސަނދިވެގެންދާނެކަން ފާހަގަކުރެއްވި ކަަމަށް ޝެއިޙް އަނީލް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، ސްކޫލްތަަކަށާއި މުދަައްރިސުންނަށް ހޯލްސޭލް ރޭޓްގައި އައްޑޫ އަޝްރަފީ ބުކްޝޮޕުން "ބަސްވާރު" ވިއްކުމުގެ އިމްތިޒާމް މިހާރު ހަމަޖައްސާފައިވާނެ ކަމަށެވެ.

ހިރާ ސްކޫލަކީ އަމިއްލަ ފަރާތަކުން އައްޑޫގައި ހިންގަމުން އަންނަ ސްކޫލެކެވެ. ފައުންޑޭޝަނުން ފެށިގެން ގުރޭޑް 10އާ ހަމައަށް އެ ސްކޫލުގައި ކިޔަވައިދެއެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *