ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ސްކޫލް އޮފް ނާސިންގ ކިޔަވާ 95 ދަރިވަރުން ހުވާކޮށްފިއެވެ. މިއީ މި އަހަރުގެ ދެވަނަ ޓާމުގައި އެ ސްކޫލުން ނަރުސްކަން ކިޔަވަމުންދާ ދަރިވަރުންނެވެ.
މިއީ ސިއްހީ ހިދުމަތްތެރިންނަށް ވުމަށް އެދަރިވަރުން ކުރަމުންދާ ދަތުރުގެ މުހިންމު ފިޔަވަޅެކެވެ.
ނަރުސްކަން ކިޔަވާ ދަރިވަރުންނަށް ހުވާ ލައިދެއްވީ އެޑިއުކޭޝަން ފެކަލްޓީގެ ސީނިއަރ ލެކްޗަރަރ، ޑރ. ސަޢުދުﷲ ޢަލީއެވެ.
ހުވާކުރުމަށްފަހު، ދަރިވަރުންނާ މުހާޠަބު ކުރައްވައި ޑރ. ސަޢުދުﷲ ވަނީ އިސްލާމީ ނަޒަރަކުން ޢަޒުމުގެ މުހިންމުކަމުގެ މައްޗަށް ވާހަކަ ދައްކަވާފައެވެ.

ޑރ. ސަޢުދުﷲ ޢަލީ ދެއްވި ތަޤްރީރުގައި، ނަރުހުންގެ މަސައްކަތަކީ އިންސާނިއްޔަތަށް ކުރެވޭ ހިދުމަތެއްގެ އިތުރުން، އޯގާތެރިކަމާއި، ފަރުވާ ދިނުމާއި، އަޚްލާޤީ ސުލޫކުގެ އަސާސްތަކުގެ މަތީގައި ހިންގޭ މާތް ޒިންމާއެއްކަން ދަރިވަރުންނަށް ހަނދާންކޮށްދެއްވިއެވެ.
މިއީ ދަރިވަރުންގެ ތަޢުލީމީ އަދި ޢަމަލީ ތަމްރީނު ކުރިއަށްގެންދާއިރު، އިޚްލާޞްތެރިކަމާއި، ހަމްދަރުދީވުމާއި، ފަންނީ މިންގަނޑުތައް ދެމެހެއްޓުމަށް ދަރިވަރުން ވައުދުވާ ކަމުގެ ރަމްޒެކެވެ.
މި ރަސްމިއްޔާތުގައި ވާހަކަފުޅު ދެއްކެވި ފެކަލްޓީގެ މެންބަރުން ފާހަގަކުރެއްވީ، މި ރަސްމިއްޔާތަކީ ނަރުހުންގެ ދަރިވަރުން، އިޚްލާޞްތެރިކަމާއެކު ބަލިމީހުންނަށް ހިދުމަތްކުރުމަށާއި، ފަންނީ އަދި އަޚްލާޤީ އުސޫލުތަކާ އެއްގޮތަށް، އެންމެ މަތީ ފެންވަރުގެ ފަރުވާ ދިނުމަށް އެކުލަވާލާފައިވާ ޢަޒުމް އިތުރަށް ވަރުގަދަ ކުރުމުގެ ފުރުސަތެއް ކަމަށެވެ.
ރާއްޖޭގައި އެންމެ ފުޅާދާއިރާއެއްގައި ނަރުހުން ތަމްރީނު ކުރަމުންދާ ޔުނިވަރސިޓީއަކީ އެމްއެންޔޫއެވެ. ކޮންމެ އަހަރަކު ވެސް އެތައް ދަރިވަރުންނެއް ނަރުސްކަން ކިޔަވައިގެން އެ ޔުނިވަރސިޓީން ދަސްވެނިވެއެވެ.
advertisment
ހިޔާލު