ވިލާ ކޮލެޖުގެ ސްޓޫޑަންޓް އެޗީވްމަންޓް އެވޯޑް 93 ދަރިވަރުންނަށް

ވިލާ ކޮލެޖުން ހިންގި އެކި ކޯސްތަކުން މަތީ ވަނަތައް ހާސިލްކުރި ދަރިވަރުންގެ ކާމިޔާބީ ފާހަގަކުރުމުގެ ގޮތުން ބާއްވާ "ސްޓޫޑަންޓް އެޗީވްމަންޓް އެވޯޑް" ހަފްލާ މިއަހަރުވެސް ބާއްވައިފިއެވެ. ވިލާ ކޮލެޖުގެ ކިއު.އައި ކެންޕަސް ހޯލުގައި ބޭއްވި މި ހަފްލާގައި، އެކި ދާއިރާތަކުން މަތީ ވަނަ ހޯދި ދަރިވަރުންނަށް ވަނީ އެވޯޑު ހަވާލުކޮށްފައެވެ.

މި ރަސްމިއްޔާތުގައި ޝަރަފްވެރި މެހެމާނެއްގެ ގޮތުގައި ބައިވެރިވެވަޑައިގެން، ދަރިވަރުންނަށް އެވޯޑު ހަވާލުކޮށްދެއްވީ މިނިސްޓަރ އޮފް ހަޔަރ އެޑިޔުކޭޝަން، ލޭބަރ އެންޑް ސްކިލްސް ޑިވެލޮޕްމަންޓް އޮނަރަބަލް ޑރ. ޢަލީ ހައިދަރު އަޙްމަދެވެ. މި ރަސްމިއްޔާތުގައި އެ މަނިކުފާނު ވާހަކަފުޅު ދައްކަވަމުން ވިދާޅުވީ، "ވިލާ ކޮލެޖަކީ މަތީ ތަޢުލީމުގެ ދާއިރާގައި ރާއްޖޭގައި އެންމެ ފާހަގަކޮށްލެވޭ އެއް މުއައްސަސާ. ވިލާ ކޮލެޖް ވެގެން ގޮސްފައިވަނީ ދުނިޔޭގެ ކުރިއަރާފައިވާ ޤައުމުތަކުގެ ޔުނިވަރސިޓީތަކަށް ގޮސްގެން ހާސިލްކުރާ ފެންވަރުގެ މަތީ ތަޢުލީމު، ރާއްޖޭގައި ތިބެގެން ދިވެހި ދަރިވަރުންނަށް ހޯދޭނެ އިލްމީ ޖަވާހިރަކަށް" ކަމަށެވެ.

ޤާސިމް އިބްރާހީމް އެވޯޑް ފޯ އެކްސަލަންސް:

މިއީ ވިލާ ކޮލެޖުން ދަސްވެނިވާ ދަރިވަރުންގެ ތެރެއިން، އެ ދަރިވަރަކު ކިޔެވި ޕްރޮގްރާމުން އެންމެ މަތިން އެވްރެޖް މާކްސް ހޯދާ  ދަރިވަރެއްގެ އަގުވަޒަންކުރުމުގެ ގޮތުން ދެވޭ އެންމެ ޝަރަފުވެރި އެވޯޑެވެ. މި އެވޯޑު ލިބޭނީ، ދަސްވެނިވާ ކްލާހުގެ ތެރެއިން، 'ފަސްޓް ކްލާސް' ނުވަތަ 'ޑިސްޓިންކްޝަން' ހާސިލްކޮށް، ކިޔެވި ޕްރޮގްރާމުން އެންމެ މަތީ 'ކިއުމިލޭޓިވް ގްރޭޑް ޕޮއިންޓް އެވްރެޖް' (ސީ.ޖީ.ޕީ.އޭ) ނުވަތަ އެންމެ މަތީ އެވްރެޖް މާކްސް ހޯދައި، އަދި ކޮލެޖުން ކަނޑައަޅާފައިވާ ޝަރުޠުތައް ފުރިހަމަވާ ދަރިވަރަކަށެވެ.

އޭސީސީއޭ ޕްރައިޒް:

މިއީ އެސޯސިއޭޝަން އޮފް ޗާޓަރޑް ސަރޓިފައިޑް އެކައުންޓެންޓްސް (އޭސީސީއޭ) ގެ އިމްތިޙާނުތަކުން ރާއްޖެއިން އެންމެ މަތީ މާކްސް ހޯދާ ދަރިވަރުންނަށް، އެ ކުދިންގެ ކާމިޔާބީ ފާހަގަކުރުމުގެ ގޮތުން ދެވޭ އެވޯޑެކެވެ. މި އިނާމު ލިބެނީ، ފުރަތަމަ ފަހަރަށް އިމްތިޙާނު ހަދައިގެން އެންމެ މަތީ މާކްސް ހޯދާ ދަރިވަރުންނަށެވެ.

ކޮލެޖް މެޑަލް އަދި އިންޑަސްޓްރީ ޕްރައިޒް:

މިއީ ކޮންމެ ޕްރޮގްރާމެއްގެ ކޮންމެ ބެޗަކުން، އެންމެ މޮޅު ދަރިވަރަކަށް ދެވޭ މެޑެއްޔެކެވެ. މި މެޑަލް ލިބޭނީ، އެ ދަރިވަރެއްގެ ބެޗުން 'ފަސްޓް ކްލާސް' ނުވަތަ 'ޑިސްޓިންކްޝަން' ހާސިލްކޮށް، އެ ޕްރޮގްރާމުން އެންމެ މަތީ 'ކިއުމިލޭޓިވް ގްރޭޑް ޕޮއިންޓް އެވްރެޖް' (ސީ.ޖީ.ޕީ.އޭ) ނުވަތަ އެންމެ މަތީ އެވްރެޖް ހޯދައި، އަދި ކޮލެޖުން ކަނޑައަޅާފައިވާ ޝަރުޠުތައް ފުރިހަމަވާ ދަރިވަރަކަށެވެ. 2019 ވަނަ އަހަރުން ފެށިގެން، ކޮލެޖް މެޑަލް ދެމުން އަންނަނީ، ކޮންމެ ދާއިރާއެއްގެ 'އިންޑަސްޓްރީ ލީޑަރުންނާ' ގުޅިގެންނެވެ.

މިއަހަރުގެ އެވޯޑު ހަފްލާގައި ތަފާތު އެކި ކެޓަގަރީތަކުން ގިނަ އަދަދެއްގެ ދަރިވަރުންނަށް އެވޯޑު ލިބިގެން ގޮސްފައިވެއެވެ. އޭގެ ތެރޭގައި:

  • ޤާސިމް އިބްރާހީމް އެވޯޑް ފޯ އެކްސެލަންސް: 36 ދަރިވަރަކު
  • ވިލާ ކޮލެޖް ގޯލްޑް މެޑަލް އަދި އިންޑަސްޓްރީ ޕްރައިޒް: 54 ދަރިވަރަކު
  • އޭސީސީއޭ ނޭޝަނަލް ރެޒިޑެންޓް ޕްރައިޒް: 3 ދަރިވަރަކު

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ވިލާ ކޮލެޖުގެ ރެކްޓަރ، ޑރ. އަޙްމަދު އަންވަރު ވިދާޅުވީ،  "އަޅުގަނޑުމެން އެދެނީ ތިޔަ ދަރިވަރުންގެ ދާއިރާތަކުން، ހަމައެކަނި ދިވެހިރާއްޖޭގައި ނޫން، ބައިނަލްއަޤްވާމީ ފެންވަރުގައިވެސް އިސް ދައުރެއް އަދާކުރާ ތަން ފެނުން" ކަމަށެވެ.

ވިލާ ކޮލެޖުގެ ވައިސް ރެކްޓަރ، ޑރ. ޢަލީ ނަޖީބު ވިދާޅުވީ، "މިރޭ އަޅުގަނޑުމެންގެ 36 ޕްރޮގްރާމަކުން ކޮލެޖް މެޑަލް ޙާޞިލްކުރާ ދަރިވަރުންނަށް ދިވެހިރާއްޖޭގެ ނަން މަޝްހޫރު ވިޔަފާރި ކުންފުނިތަކާއި، ޖަމްޢިއްޔާ ޖަމާޢަތްތަކާއި، ޕްރޮފެޝަނަލް ބޮޑީ ތަކާއި، ފައުންޑޭޝަންތަކުގެ ތެރެއިން 26 ފަރާތަކުން އިންޑަސްޓްރީ ޕްރައިޒް ހުށަހަޅުއްވާ، އަޅުގަނޑުމެން މިކުރާ މަސައްކަތުގައި ބައިވެރިވެ ވަޑައިގަތުމަކީ މިކޮލެޖާ އިންޑަސްޓްރީތަކުގެ މުހިއްމު ބައިވެރިންނާއި އޮތް ގުޅުން ރަމްޒްކޮށްދޭ ކަމެއް"  ކަމުގައި ފާހަގަކުރެއްވިއެވެ.

ސްޓޫޑެންޓް އެޗީވްމަންޓް އެވޯޑް ނައިޓް އަކީ ކޮލެޖުގެ އިންޑަސްޓްރީ ޕާޓްނަރުންނާއި މޮޅު ދަރިވަރުންނާ ދެމެދު ގުޅުވައިދޭ މުހިންމު ފްލެޓްފޯމެއްކަން ފާހަގަކުރައްވައި، މި ހަފްލާ ބޭއްވުމަށް ވެދެއްވި އެއްބާރުލުމަށްޓަކައި ހުރިހާ ސްޕޮންސަރުންނަށް ޑރ. ނަޖީބު ޝުކުރު އަދާކުރެއްވިއެވެ.

ވިލާ ކޮލެޖާ ގާތް ގުޅުމެއް ބާއްވަމުންދާ އިންޑަސްޓްރީތަކާއި އެ އިންޑަސްޓްރީތަކާ ގުޅޭ ދާއިރާތަކުން މަތީ ވަނަތައް ހާސިލްކުރާ ދަރިވަރުންގެ ކާމިޔާބީ ފާހަގަކޮށް، މަތީ ތަޢުލީމުގެ މައިދާނަށް ދަރިވަރުން ތައްޔާރުކުރުމަށްޓަކައި 2021 ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރަކު ބާއްވަމުން އަންނަ "ސްޓޫޑަންޓް އެޗީވްމަންޓް އެވޯޑް ނައިޓް" ގެ ދަށުން، މިއަހަރުވެސް އެކި ދާއިރާތަކުން މަތީ ވަނަތައް ހާސިލްކުރި ގިނަ އަދަދެއްގެ ދަރިވަރުންގެ ކާމިޔާބީ، މި ހަފްލާގެ ޕާރޓްނަރު ންގެ އެއްބާރުލުމާއެކު، ވަނީ ފާހަގަކުރެވިފައެވެ.

 

 

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *