މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީ އެމްކިޔުއޭ އިން ދޫކޮށްފައިވާ ލިޔެކިޔުންތަކުގައި އަސްލާ އެއްގޮތްކަމުގެ ތައްގަނޑު އެ އޮތޯރިޓީން ޖަހައިދޭ ގޮތަށް އުޞޫލެއް އެކުލަވާލާ އެއަށް އަމަލުކުރަން ފަށައިފިއެވެ.
މިފަދަ އުޞޫލަކަށް އަމަލުކުރަން ފެށީ ސައްޙަ ނޫން ސެޓްފިކެޓްތަކެއް ބޭނުންކުރަމުންދާ މައްސަލަ ފެންމަތިވެ އެފަދަ މައްސަލަތަކެއް ފުލުހުން ބަލަމުން ދަނިކޮށެވެ.
ދިވެހިރާއްޖޭގެ ޤާނޫނީ ފަންނުގެ ޤާނޫނުގެ 72 ވަނަ މާއްދާގެ (ރ) އަށް ރިއާޔަތްކޮށް އެ އެތޯރިޓީން މިފަދަ އުޞޫލެއް އެކުލަވާލިއިރު، އެ ޤާނޫނުގެ އެ މާއްދާއަށް ރިއާޔަތްކޮށް އަސްލާ އެއްގޮތްކަމުގެ ތައްގަނޑު ޖެހުމުގައި އަމަލުކުރާނެ ޤަވާއިދެއް ދިވެހިރާއްޖޭގެ ބާ ކޮމިޝަނުން ހަދައި ގެޒެޓްކޮށްފައިވެއެވެ. މިހާރު ވެސް އަސްލާ އެއްގޮތްކަމުގެ ތައްގަނޑު ޖެހުމުގެ ކަންތައްތައް ކުރިއަށް ގެންދަނީ އެ ޤަވާއިދުގެ ދަށުންނެވެ. އެ ޤަވާޢިދުގައި ބުނެފައިވަނީ، އެހެން ގާނޫނެއްގައި އެހެން ގޮތަކަށް ބަޔާންކޮށްފައިނުވާހާ ހިނދަކު، ދިވެހިރާއްޖޭގައި އަސްލާ އެއްގޮތް ކަމުގެ ތައްގަނޑު ޖެހުމުގެ މަސައްކަތް ކުރެވޭނީ، ދިވެހިރާއްޖޭގައި ގާނޫނީ ވަކީލުކަމުގެ ހުއްދަ ލިބިފައިވާ ގާނޫނީ ވަކީލުންނަށް ކަމަށެވެ.
އެމްކިޔުއޭއިން މިއަދު ގެޒެޓްކުރި، އޮތޯރިޓީން ދޫކޮށްފައިވާ ލިޔެކިޔުންތަކުގައި އަސްލާ އެއްގޮތްކަމުގެ ތައްގަނޑު ޖެހުމާ ބެހޭ އުސޫލުގެ މައިގަނޑު މަގުސަދުތައް ކަމަށް ބުނެފައިވާ ގޮތުގައި، އެމްކިޔުއޭއިން ދޫކޮށްފައިވާ އެކިއެކި ލިޔެކިޔުންތަކުގެ ކޮޕީ ގައި އަސްލާ އެއްގޮތްކަމުގެ ތައްގަނޑު ޖެހުމުގައި ޢަމަލުކުރާނެ އުސޫލުތައް ކަނޑައެޅުމާއ،ި އެކަމާ ގުޅޭ އިޖުރާތުތައް އެކުލަވައިލުމެވެ. އަދި އެ އޮތޯރިޓީން ދޫކޮށްފައިވާ ރަސްމީ ލިޔެކިޔުންތަކުގެ ކޮޕީ އެހެނިހެން ފަރާތްތަކަށް ހުށަހެޅުމުގައި، އެ ލިޔެކިޔުންތަކުގެ ޞައްޙަކަން ފަސޭހަކަމާއެކު ކަށަވަރުކުރެވޭނެ ނިޒާމެއް ގާއިމުކުރުމެވެ.

އެމްކިޔުއޭއިން ނެރުނު އުޞޫލުގައި ބުނެފައި ވަނީ،، އެ އޮތޯރިޓީން ދޫކޮށްފައިވާ ލިޔެކިޔުންތަކުގެ ތެރެއިން އެއްގޮތްކަމުގެ ތައްގަނޑު ޖަހައިދޭނީ:
1- ވެލިޑޭޓްކޮށްދޭ ސަނަދުތަކުގެ ކޮޕީގައި
2- ސެސްމެންޓް ރިޕޯޓުތަކުގެ ކޮޕީގައި
3- ރިކޮގްނިޝަން އޮފް ދަ އިންޓެންޑެޑް ޕްރޮގްރާމްގެ ލިޔުމުގެ ކޮޕީގައި
4- ރާއްޖެއިން ބޭރުގެ ފަރާތްތަކުގެ ސަނަދުތައް ގަބޫލުކުރުމަށްފަހު ދޫކުރާ ލިޔުމުގެ ކޮޕީގައި
5- އެމ.ްކިއ.ުއ.ޭއިން ދޫކުރާ އެހެނިހެން ލިޔުންތަކުގެ ކޮޕީގައި
ލިޔުމެއްގެ ނަކަލަކީ އަސްލާ އެއްގޮތްކަމުގެ ލިޔުމެއް ކަމުގައި ބަލައިގަނެވޭނެ ކަންތައްތައް ވެސް އެ އުޞޫލުގައި ކަނޑައަޅާފައިވެއެވެ. އެއީ، އަސްލާ އެއްގޮތްކަމުގެ ތައްގަނޑުޖަހާ މުވައްޒަފުގެ ފުރިހަމަ ނަމާއި، ސޮޔާއި، ރެކޯޑު ކާޑު ނަންބަރާއި، ތައްގަނޑުޖަހާ ތާރީޚެވެ. މީގެ އިތުރުން އަސްލާ އެއްގޮތްކަމުގެ ތައްގަނޑުޖަހާ ލިޔެކިޔުމުގެ މަތީ ގައި "އަސްލާ އެއްގޮތް ކޮޕީ ނުވަތަ "ATTESTATION"“ ލިޔެފައި އޮންނަން ޖެހެއެވެ.
އެމްކިޔުއޭއިން ދޫކޮށްފައިވާ ލިޔުމުގެ ކޮޕީ ގައި އަސްލާ އެއްގޮތަކަމުގެ ތައްގަނޑު ޖެހުމަށް ހުށަހަޅާއިރު، އެކަމަށް އެދޭ ފޯމާއި ސެޓްފިކެޓް ތަކުގެ އަޞްލާއި ކޮޕީއާއި އައިޑީކާޑާއި އެ ކާޑްގެ ދެފުށް ހިމެނޭ ކޮޕީއެއް ހުށައަޅަން ޖެހެއެވެ. އަސްލާ އެއްގޮތްކަމުގެ ތައްގަނޑު ޖެހުމަށް ފޯމު ހުށަހަޅާތާ ރަސްމީ ތިން ދުވަހުގެ ތެރޭގައި އަސްލާ އެއްގޮތްކަމުގެ ތައްގަނޑު ޖަހައިދޭންޖެހޭނެ ކަމަށް ވެސް އެ އުޞޫލުގައި ބުނެފައިވެއެވެ.
އަސްލާ އެއްގޮތްކަމުގެ ތައްގަނޑު ޖަހައިދޭ ލިޔެކިޔުންތަކަށް ނަގާނެ ފީގެ އަދަދުވެސް މި އުޞޫލުގައި ކަނޑައަޅާފައިވެއެވެ.
* ވެލިޑޭޓްކޮށްދޭ ސަނަދުގެ ކޮޕީ – ކޮންމެ ސަފުހާއަކަށް 10 ރުފިޔާ
* އެސެސްމެންޓް ރިޕޯޓުގެ ކޮޕ – ކޮންމެ ސަފުހާއަކަށް 10 ރުފިޔާ
* އިންޓެންޑެޑް ލެޓަރގެ ކޮޕީ – ކޮންމެ ސަފުހާއަކަށް 10 ރުފިޔާ
* ރާއްޖެއިން ބޭރުގެ ފަރާތްތަކުގެ ސަނަދުތައް ގަބޫލުކުރުމަށްފަހު ދޫކުރާ ލިޔުމުގެ ކޮޕީ – ކޮންމެ ސަފުހާއަކަށް 20 ރުފިޔާ
advertisment
ހިޔާލު