ޕްލާސްޓިކް ތަށީގެ ބަދަލުގައި ފަތުން ތަށި ތައްޔާރުކުރަން ޖަލާލުއްދީން ސްކޫލުގެ ދަރިވަރުން ފަށަނީ

މޯލްޑިވްސް އޮތެންޓިކް ކްރާފްޓްސް ކޯޕަރޭޓިވް ސޮސައިޓީގެ ފަރާތުން ހަދިޔާކުރި ތަށި ހަދާ މެޝިން ބޭނުންކޮށްގެން ވިޔަފާރީގެ އުޞޫލުން ތަށި އުފެއްދުމުގެ ވިސްނުން އެ ސްކޫލުގެ ތިމާވެށި ކުލަބުން ގެންގުޅޭ

މޯލްޑިވްސް އޮތެންޓިކް ކްރާފްޓްސް ކޯޕަރޭޓިވް ސޮސައިޓީ (މެކްސް) ފެ ފަރާތުން، ޕްލާސްޓިކް ތަށީގެ ބަދަލުގައި ބޭނުންކުރާނެ ތަށި އުފައްދާނެ މެޝިނެއް ކުޅުދުއްފުށީ ޖަލާލުއްދީން ސްކޫލަށް ހަދިޔަކޮށްފިއެވެ. މިއީ ތިމާވެއްޓާ ރައްޓެހި އާދަތައް ކުރިއެރުވުމަށް އެ ސޮސއިޓީން ކުރަމުންގެންދާ މަސައްކަތްތަކުގެ ތެރެއިން ހަދިޔާ ކުރި މެޝިނެކެވެ. މި މެޝިނުގެ ސަބަބުން އެއްފަހަރު ބޭނުންކޮށްފައި އުކާލާ ޕްލާސްޓިކް މަދުކުރުމުގައި އަމަލީގޮތުން ބައިވެރިވުމުގެ ފުރުޞަތު ދަރިވަރުންނަށް ލިބިގެންދާނެ ކަމަށް ޖަލާލުއްދީން ސްކޫލުން ބުނެއެވެ.

އަޖުމަ ބެލުމުގެ ގޮތުން ޖަލާލުއްދީން ސްކޫލުގެ ދަރިވަރުން ތައްޔާރުކުރި ތައްޓެއް އެ ސްކޫލުގެ ދަރިވަރުން ހިފައިގެން- އެ ސްކޫލުގެ ތިމާވެށި ކުލަބުން ދަނީ ތިމާވެއްޓާރައްޓެހި މި އުފެއްދުން މާކެޓް ކުރަން ތައްޔާރުވަމުން- ފޮޓޯ: ޖަލާލުއްދީން ސްކޫލް

އެއްފަހަރު ބޭނުން ކޮށްފައި އުކާލާ ޕްލާސްޓިކް މަދުކުރުމާއި އެ ބޭނުންކުރުން ހުއްޓާލުމަށް މެކްސްގެ ފަރާތުން ކުޅުދުއްފުށީގައި އަންނަނީ ޚާއްޞަ ޕްރޮޖެކްޓެއް ހިންގަމުންނެވެ. މި ޕްރޮޖެކްޓްގެ ތެރެއިން ކުޅުދުއްފުށީ ސްކޫލްތަކަށް އެ ޖަމިއްޔާއިން އަންނަނީ އެހީތެރިކަން ފޯރުކޮށްދެމުންނެވެ.

އެއްފަހަރު ބޭނުންކޮށްފައި އުކާލާ ޕްލާސްޓިކް އެ ސްކޫލަށް ވެއްދުން 2022 ވަނަ އަހަރު ޖަލާލުއްދީން ސްކޫލުން ވަނީ މަނާކޮށްފައެވެ.

ޖަލާލުއްދީން ސްކޫލުގެ ޕްރިންސިޕަލް އާމިނަތު މުޙައްމަދު ދަރިވަރު ނޫހަށް މިއަދު ވިދާޅުވީ، މެކްސްގެ ފަރާތުން ތަށި ހަދާނެ މެޝިނެއް ހަދިޔާކުރީ އެ ސްކޫލުން ހުށައެޅި ހުށައެޅުންތަކެއްގެ މައްޗަށް ބިނާކޮށެވެ.

" އެމްއޭސީސީއެސްގެ ފަރާތުން އަޅުގަޑުމެންނާ ބައްދަލުކުރުމުން އަޅުގަނޑުމެން ހުށައެޅީ ޕްލާސްޓިކް މަދުކުރުމުގެ ގޮތުން އަވަހަށް ފަނާވެގެންދާނެ މެޓީރިއަލް ބޭނުން ކޮށްގެން ތަށި އުފެއްދޭނެ ގޮތެއް ހޯދަން. އެ ހުށައެޅުންތަކަށް ބަލައިގެން އެ ސޮސައިޓީން އަޅުގަނޑުމެންނަށް އޭގެ މެޝިނެއް ހަދިޔާ ކުރީ" އާމިނަތު މުޙައްމަދު ވިދާޅުވިއެވެ.

އޭނާ ވިދާޅުވި ގޮތުގައި، އެ ސްކޫލުގެ ވިސްނުން ހުރީ، އެ ސްކޫލުގައި ބާއްވާ ހަފްލާތަކަށް ބޭނުންވާ ތަށިތައް ތައްޔާރު ފުރަތަމަ ތައްޔާރު ކުރާށެވެ. އޭގެ ފަހުން ވިޔަފާރީ އުޞޫލުން އެކަން ކުރުމުގެ ވިސްނުން އެ ސްކޫލުގެ ތިމާވެށި ކުލަބުން ގެންގުޅޭ ކަމަށް ޕްރިންސިޕަލް ވިދާޅުވިއެވެ.

މެކްސްއިން ހަދިޔާކުރި މެޝިނުން، ކަރުދާހައި ކިރު ނުހުންނަ އެކި ބާވަތްތަކުގެ ފަތާއި އިލާފަދަ ތަކެތި ބޭނުން ކޮށްގެން ތަށި ހެދެއެވެ. މި މެޝިނުން ތިން ވައްތަރަކުން ތިން ސައިޒަކަށް ތަށިހެދެއެވެ.

"އިލާ ނޫނީ ކިރުނުހުންނަ ފަތް ވެސް ބޭނުން ކުރެވޭނެ. އެ ނޫނަސް އަވަހަށް ހަލާކުވެގެންދާ ޒާތުގެ ތަކެތި ވެސް ބޭނުން ކުރެވޭނެ" ޕްރިންސިޕަލް ވިދާޅުވިއެވެ.

މެޝިން ހަވާލުކުރުމަށްފަހު، ތަށިތައް ހަދާނެ ގޮތް އެ ސްކޫލުގެ ދަރިވަރުންނާއި ޓީޗަރުންނަށް ވަނީ ދައްކާލާފައެވެ.

ޕްރިންސިޕަލް އައިމިނަތު ވިދާޅުވީ، މަސައްކަތަށް ދަރިވަރުން އަހުލުވެރި ކުރުމަށް ކުރާ އެފަދަ މަސައްކަތްތަކުގެ ތެރެއިން ދިރިއުޅުމަށް ދަރިވަރުން ތައްޔާރު ކުރެވޭނެ ކަމަށާއި ސްކޫލްނިންމުމަށްފަހު ވެސް ތިމާވެއްޓާއި ރައްޓެހި ތަކެތި ބޭނުންކޮށްގެން ތަށިފަދަ ތަކެތި ވިޔަފާރީގެ އުޞޫލުން ހެދުމަކީ އެ ކުދިންނަށް ކުރެވޭނެ މަސައްކަތެއް ކަމަށެވެ.

"އަޅުގަނޑުމެން ބޭނުންވަނީ ކުދިންގެ ވިސްނުން މަސައްކަތާ ދިމާލަށް ގެންދަން. ހުނަރު ތަރައްޤީކޮށްދޭން"

ކުޅުދުއްފުށީގައި ހުރި ސަރުކާރުގެ ތިން ސްކޫލުގެ ތެރެއިން ޖަލާލުއްދީން ސްކޫލުގައި މިހާރު 779 ދަރިވަރުން ގުރޭޑް 12އާ ހަމައަށް ކިޔަވަމުން ގެންދެއެވެ.

 

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *