މޯލްޑިވިއަން އާރޓިސްޓް ކޮމިއުނިޓީ އާއި ގުޅިގެން ހުޅުދުއްފާރު ސްކޫލުގައި އާރޓު އެގުޒިބިޝަނެއް ބާއްވަނީ

މޯލްޑިވިއަން އާރޓިސްޓް ކޮމިއުނިޓީ އާއި ހުޅުދުއްފާރު ސްކޫލުގެ ބިޒްނަސް އެންޑު އާރޓްސް ކުލަބާއި ގުޅިގެން  ވިޒުއަލް ޝިމްފޮނީގެ ނަމުގައި އާރޓް އެގުޒިބިޝަނެއް ބާއްވަން ނިންމައިފިއެވެ.

މި އާރޓް އެގުޒިބިޝަން ބާއްވަނީ އަންނަ ސެޕްޓެމްބަރު 13ވާ ހޮނިހިރު ދުވަހުއެވެ. މި މައުރަޒުގައި ބައިވެރިވުމުގެ މުއްދަތު އޭޕްރީލް 27އަށް ހަމަވެފައިވާއިރު ގިނަ އަދަދެއްގެ ކުދިން ވަނީ ނަންނޯޓް ކޮށްފައެވެ.

ބިޒްނަސް އެންޑް އާރޓްސް ކުލަބުގެ އިންޗާރޖު ޢަލީ ރަޝީދު ސަރ ވިދާޅުވީ ތާރީޚީ އެގްޒިބިޝަނަކަށް މި އެފްޒިބިޝަން ވާނެ ކަމުގެ އުންމީދު އެބައޮތް ކަމަށާއި، ދަރިވަރުންގެ މެދުގައި މިކަމަށް އޮތް ލޯބި ފުރިހަމަ ގޮތެއްގައި ތަމްސީލު ކޮށްދެވިއްޖެނަމަ ކުރިއަށް އޮތް އަހަރުތަކުގައި ވަރަށް ބޮޑަށް މިކަން ކުރިއަރައިގެން ދާނެ ކަމަށް ފާހަގަކުރެއްވޭ ކަމަށެވެ.

ގުރޭޑު 7 ން 12 ގެ ދަރިވަރުންނަށް ހުޅުވާލެވުނު މި މައުރަޒުގައި ބައިވެރިވުމަށް ސްކޫލުގެ މުދައްރިސުންނާއި ބައެއް ބެލެނިވެރިން އަދި އެހެނިހެން ފަރާތްތަކުން ވެސް ޝައުޤުވެރިކަން ދަނީ ފާޅުކުރަމުންނެވެ. އެހެންވެ އެފަރާތްތަކަށް ވެސް ބައިވެރިވެވޭނެ ގޮތަކަށް ކެޓަގަރީއެއް ތަޢާރަފުކުރުމާ މެދު ވިސްނަމުން ދާކަމަށް ބިޒްނަސް އެންޑް އާރޓްސް ކުލަބުގެސުޓޫޑެންޓް އިންޗާރޖު ޙަސަން އިސާމު ބުންޏެވެ.

މި މައުރަޒުގައި ގިނަ ކެޓަގަރީތައް ހިމަނާފައިވާއިރު ގުރޫޕްތަކުގެ ގޮތުގައި ވެސް ކުދިން ބައިވެރިވެފައިވެއެވެ.

ކުލަބުގެ ވައިސް އަދި އާރޓް އެގްޒަބިޝަންގެ އެންމެ އިސްކޮށް ޙަރަކާތްތެރިވާ ޝިއުރާ މުޙައްމަދު ޝަރީފު ދަރިވަރު ނޫހަށް ބުނީ، އެ އެޒަބިޝަންއާ މެދު ބައެއް ކުދިންގެ ތަފާތު ހުށައެޅުންތަކެއް ހުށައަޅައި އައު ކެޓަގަރީތަކެއް އިތުރު ކުރުމަށް އެދިފައިވާ ކަމަށެވެ.

މި މައުރަޒުގެ މާރކެޓިންގައި އެންމެ އިސްރޯލެއް އަދާކުރަނީ  މަރްޔަމް އައިކާ މުޙައްމަދެވެ. އައިކާގެ ތަސައްވުރަކީ އެ ސްކޫލުގެ ތާރީޚުގައި ވެސް މިހާތަނަށް ފެނިފައި ނުވާފަދަ ތަފާތު ވީޑިއޯ އިސްތިހާރެއް ހެދުމެވެ. އައިކާ ދެކޭގޮތުގައި މިފަދަ މުބާރާތެއްގެ ޙަޤީޤީ ބޭނުން ފުދޭނީ ދަރިވަރުންގެ ހުނަރުތައް ސްކޫލުގެ ހަތަރުފާރުން ބޭރަށް ނެރެވިގެންނެވެ. މިކަން ޙާޞިލުކުރުމަށް ބައެއްކުދިންގެ މަސައްކަތް ޓިކުޓޮކުފަދަ ޝޯޝަލް މީޑިއާ ޕުލެޓުފޯރމްތަކުގައި ހިއްސާ ކުރުމުގެ މަސައްކަތް މިހާރު ވަނީ ފަށާފައެވެ. އަދި އުންމީދަކީ މައުރަޒު އޮންނަ ދުވަހު މިކުދިންގެ ހުނަރުތައް ބަލާލަން އައުމަށް އެހެން ކައިރި ރަށްރަށުގެ ސްކޫލު ކުދިންނަށް ވެސް ދަޢުވަތު ދިނުން ކަމަށް އައިކާ ބުންޏެވެ.

ޢަލީ ރަޝީދު ވިދާޅުވީ، މުޅި ރާއްޖޭގައި މިފަދަ މުބާރާތްތައް ހިންގާ ކުރިއަށް ގެންދިޔުމުގައި މޯލްޑިވިއަން އާރޓްސް ކޮމިއުނިޓީއިން ކުރައްވަމުން ގެންދަވަނީ އަގުހުރި މަސައްކަތެއްކަމަށެވެ.

"އެބޭފުޅުން ހިލޭ ސާބަހަށް މި ފަދަ މުބާރާތް ޖަޖުކުރުމަށް އައުން މިކަމުގެ ހެއްކަކަށް ފުދޭ. މިކަމަށްޓަކައި ބިޒްނަސް އެންޑް އާރޓްސް ކުލަބާއި ހުޅުދުއްފާރު ސްކޫލުގެ ނަމުގައި މެކް އަށް ފަށްފަށުން ޝުކުރު އަދާކުރަން" ޢަލީ ސަރ ވިދާޅުވިއެވެ.

މިފަދަ މުބާރާތްތަކަކީ ފޮތުން ބޭރުން ކުދިންގެ ހުނަރު ދައްކާލުމަށް ލިބޭ ރަނުގެ ފުރުސަތެކެވެ. މިފަދަ ފުރުސަތެއް ގެއްލުނަ ނުދިނުމަކީ ވަރަށްވެސް މުހިއްމު ކަމެކެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *