ރާއްޖޭގެ ފުރަތަމަ މެޑިކޯ- ލީގަލް ކޮންފަރެންސް އެމްއެންޔޫގެ ސްކޫލް އޮފް މެޑިސިންއިން ފަށައިފި

ރާއްޖޭގައި ބާއްވާ ފުރަތަމަ މެޑިކޯ- ލީގަލް ކޮންފަރެންސް ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ (އެމްއެންޔޫ)ގެ ސްކޫލް އޮފް މެޑިސިންއިން ފަށައިފިއެވެ. މިއަދު ހެނދުނު މި ކޮންފަރެންސް ފައްޓަވައި ދެއްވީ ދަރުމަވަންތަ ހޮސްޕިޓަލުގެ ޑެޕިއުޓީ ސީއީއޯ ޑރ. ޝާޙް މާހިރެވެ.

މި ކޮންފަރެންސް މިއަދުން ފެށިގެން މި މަހުގެ 30 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށް ދާނެއެވެ. މި ކޮންފަރެންސް ސްކޫލް އޮފް މެޑިސިންއިން ބާއްވަނީ މެޑްޓެކް ޕްރައިވެޓް ލިމިޓެޑާ ގުޅިގެންނެވެ. މި ކޮންފަރެންސްގެ ސަބަބުން ސިއްހީ ޚިދުމަތުގައި މަސައްކަތްކުރާ ޑޮކްޓަރުންގެތެރެއިން ގާނޫނީ ދާއިރާގެ ކަންކަމާ ގުޅުންހުރި މަސައްކަތް ކުރާ ތަޖުރިބާކާރުންނަށް އެއްތަނަކުން ބައްދަލުވެ ދިރާސާތައް ހުށައެޅުމުގެ ފުރުސަތު ލިބިގެންދާނެއެވެ.

އެމްއެންޔޫއިން ބުނީ، ސިއްހީ ހިދުމަތުގެ ނިޒާމުތަކާއި ގާނޫނީ އޮނިގަނޑުތައް ތަރައްޤީވަމުންދާ މި ދަނޑިވަޅުގައި އަދި އެ ދާއިރާތައް އައު ޓެކްނޮލޮޖީތަކާއި މުޖުތަމައުގެ ބަދަލުތަކަށް ހާނުވަމުންދާއިރު، ސިއްހީ އަދި ގާނޫނީ ދާއިރާގެ ތަޖުރިބާކާރުންގެ މެދުގައި ވަރުގަދަ ގުޅުމެއް އޮތުމަކީ ނުހަނު މުހިންމު ކަމަށެވެ.

މި ކޮންފަރެންސްގެ މައިގަނޑު މަގްޞަދަކީ ސިއްހީ ޚިދުމަތް ދިނުމުގައި ދިމާވާ ގާނުނާއި ގުޅުން ހުރި ކަންތައްތަކާމެދު މަޝްވަރާ ކުރުމެވެ. އެގޮތުން މި މަސައްކަތަށް ހާއްސަ ޑޮކްޓަރުންގެ ތަޖުރިބާތަކާއި ސިއްހީ ޚިދުމަތް ފޯރުކޮށްދިނުމުގައި މި ދެ ދާއިރާ ލާމެހިފައިވާ މިންވަރާއި ބެހޭގޮތުން މަޝްވަރާކުރުމާއެކު، ދެ ދާއިރާއިންވެސް އައު އީޖާދުތައް ދިރާސާކުރުމުގެ ފުރުސަތު ފަހިކޮށްދިނުމެވެ.

މި ކޮންފަރެންސްގައި އަލިއަޅުވާލެވޭނެ މުހިންމު މައުލޫތަކުގެ ތެރޭގައި، މެޑިކަލް އެތިކްސް، ބަލިމީހުންނަށް ލިބިދޭ ހައްގުތައް، ސިއްހީ ދާއިރާގެ ބެފުޅުންގެ ގާނޫނީ ޒިންމާތަކާއި، އަދި ސިއްހީ ހިދުމަތް ފޯރުކޮށްދިނުމުގައި ގާނޫނީ އޮނިގަނޑުތަކުގެ މުހިންމުކަން ހިމެނެއެވެ.

އެމްއެންޔޫއިން ބުނި ގޮތުގައި، މި ކޮންފަރެންސްގައި މައިގަނޑު ދެ ބައެއް ހިމެނެއެވެ. ފުރަތަމަ ދެ ދުވަހު ކުރިއަށް ގެންދަނީ، ޕްރެޒެންޓޭޝަންތައް ހުށަހެޅުމައި ދާއިރާގެ މާހިރުންގެ ވާހަކަފުޅުތަކަށެވެ. އަދި އެންމެ ފަހު ދުވަހު ކުރިއަށް ގެންދަނީ ކުޑަކުދިންނަށް ކުރާ އަނިޔާ، އެކުދިން ކިޔަވަންދާ ތައުލީމީ މުއައްސަސާތަކުގައި މަސައްކަތްކުރައްވާ މުއައްޒަފުން ދެނެގަންނާނެ ގޮތާ ބެހޭ ގޮތުން ، ސިއްހީ ދާއިރާގައި މަސައްކަތްކުރައްވާ އެކަމާބެހޭ މާހިރުން ކުރިއަށް ގެންދާ މަސައްކަތު ބައްދަލުވުމެކެވެ.

މި މަސައްކަތު ބައްދަލުވުމުގެ ބޭނުމަކީ ސްކޫލްތައް ފަދަ ތަންތަނުގައި މަސައްކަތް ކުރައްވާ ޓީޗަރުންނަށް މިފަދަ އަނިޔާތައް ދެނެގަންނާނެ ގޮތް ދަސްކޮށްދީ، އަދި އެފަދަ ކަމެއް ހިގައިފިނަމަ ނުވަތަ ޝައްކު ކުރެވިއްޖެނަމަ ކަންކުރާނެ ގޮތާއި، ކަމާބެހޭ ފަރާތް ތަކަށް ރިޕޯޓު ކުރާނެ ގޮތް ކިޔައިދިނުން ކަމަށް އެމްއެންޔޫއިން ބުނެއެވެ.

މީގެ އިތުރުން މިފަދަ އަނިޔާތަކުގެ ސަބަބުން ކުދިންނަށް ދިމާވާ ނޭދެވޭ އަސަރުތައް މި މަސައްކަތު ބައްދަލުވުމުގެ ބައިވެރިންނަށް ދެނެގަނެވި އެފަދަ ކަންކަމާމެދު އަމަލުކުރާނެ ގޮތްވެސް ދަސްކޮށްދޭނެއެވެ.  މީގެ ސަބަބުން ތައުލީމީ މުއައްސަސާތަކުގައި އުޅުއްވާ ބޭފުޅުންނަށް މި ފަދަ އަނިޔާ ތަކާމެދު ހޭލުންތެރިވެ އަދި މި މުއައްސަސާތަކަކީ މިފަދަ ނޭދެވޭ ކަންކަން ހުއްޓުވަން މަސައްކަތްކުރެވޭނެ ތަންތަނަށް ހެދުމަށް މަގުފަހިކުރެވޭނެއެވެ. އޭގެ ސަބަބުން ދިވެހިރާއްޖޭގެ ޞިއްޙީ ނިޒާމު ވަރުގަދަކުރުމަށް އެޅޭ މުހިންމު ފިޔަވަޅަކަށް ވާނެ ކަމަށް އެމްއެންޔޫއިން ބުނެއެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *