ހުރާ ކައުންސިލު ޤުރުއާން މުބާރާތުގެ ރަންތާޖު އަޒްކާއަށް

މާލެއަތޮޅު ހުރާ ކައުންސިލުގެ ޤުރްއާން މުބާރާތުގެ ފަޚުރުވެރި ރަންތާޖު ހޯދީ ދިރާސީ އާ އަހަރު، ހުރާ ސްކޫލުގެ ގުރޭޑް 10ގައި ކިޔަވަން ފަށާ އަޒްކާ ބިންތު މުޙައްމަދު ސިދުޤީއެވެ. މުބާރާތުން އެއްވަނަ ލިބުމުން އަޒްކާއަށް ފައިސާގެ އިނާމުގެ އިތުރުން އުމްރާ ދެ ދަތުރު ވަނީ ލިބިފައެވެ.

މި މުބާރާތުން ދެވަނަ ލިބުނީ، އަހްމަދިއްޔާ ސްކޫލުގައި ކިޔަވަމުން އަންނަ އައިޝަތު އިޝްފާއު އިޝާޤަށެވެ. ތިން ވަނަ ލިބުނީ، ހުރާ ސްކޫލުގެ ގުރޭޑް 8ގެ ދަރިވަރު އަލީ އިކާން އަޔާޒަށެވެ. ހަތަރުވަނަ ލިބުނީ ހުރާ ސްކޫލުގެ ގުރޭޑް 10ގެ ދަރިވަރު އައިޝަތު ސަނާން ޝާފިއުއަށެވެ.

މި މުބާރާތުން އެއްވަނަ ލިބުނު އަޒްކާއަށް މިދިޔަ އަހަރު ބޭއްވި ހުރާ ކައުންސިލް ޤުރުއާން މުބާރާތުގައި ލިބުނީ ފަސްވަނައެވެ.

މި މުބާރާތުގައި އަޒްކާ ބައިވެރިވީ ނުބަލައި ކިޔެވުމުގެ ބައިގައެވެ. މިއީ މި މުބާރާތުގައި އޭނާ ބައިވެރިވި ދެވަނަ ފަހަރެވެ.

ދަރިވަރު ނޫހަށް އަޒްކާ ބުނީ، މިދިޔަ އަހަރު ބޭއްވި މުބާރާތުން އެކަށީގެންވާ ކާމިޔާބެއް ނުލިބުމުން، އަޒުމް ކަނޑައެޅީ މި އަހަރުގެ މުބާރާތުން ވަނައެއް ހޯދުމަށެވެ. ފައިނަލް ސްޓޭޖާ ހަމައަށް ނުގޮސް މިދިޔަ އަހަރު ބޭއްވި މުބާރާތުން ވަކިވާން ޖެހުނު ހިސާބުން މަސައްކަތް ކުރީ ތަޖުވީދުގެ ބަޔަށް ސަމާލުކަން ދީގެން ދަސްކުރުމަށެވެ. އެކަމުގައި މަންމައާއި ސްކޫލުގެ ޓީޗަރުންގެ ފަރާތުން ބޮޑު އެހީތެރިކަމެއް ލިބުނު ކަމަށް އަޒްކާ ބުންޏެވެ.

އަޒްކާ ބުނީ، މި އަހަރުގެ މުބާރާތުން އެއްވަނަ ހޯދަން ކުރި މަސައްކަތުގައި، މި އަހަރުގެ ރޯދަ މަހު ތަރާވީޙް ނަމާދުގައި ހިފްޒްކުރަން ވަޑައިގެންނެވި ޕާކިސްތާނު ޤާރީގެ އެހީތެރިކަން ވެސް ލިބިވަޑައިގެންނެވި ކަމަށެވެ.

"މަންމައާއި ސްކޫލް ޓީޗަރުންނާއި ޕާކިސްތާނު ޤާރީގެ ވަރަށް ބޮޑު އެހީތެރިކަމަކާއި އަދި މުބާރާތުގެ ފަނޑިޔާރުންގެ ފަރާތުން ދެއްވި އިރުޝާދާއެކު ކުރި މަސައްކަތުން މި ފަހަރުގެ މުބާރާތުން އެއްވަނަ ލިބުނީ" އަޒްކާ ދަރިވަރު ނޫހަށް ކިޔައިދިނެވެ.

ކުޑައިރުއްސުރެ ޤުރުއާނަށް ޝަޢުޤު ހުންނަ އަޒްކާ ދަނީ ޤުރުއާން ހިތު ދަސްކުރަމުންނެވެ. މިހާތަނަށް ހަ ފޮތް ހިތުން ދަސްކޮށްފައިވާއިރު، އޯލެވެލް އިމްތިޙާނަށްފަހު އެ މަސައްކަތް ނިންމާލަން މަސައްކަތް ކުރާނެ ކަމަށް އަޒްކާ ބުންޏެވެ.

"އޯލެވެލް ނިންމާފައި ޤުރުއާން ހިތު ދަސްކުރުމުގެ މަސައްކަތް ފަށާނަން. އެއީ މިހާރުގެ އެންމެ ބޭނުންވާ ކަންތައް" 15އ ގެ އަޒްކާ ބުންޏެވެ.

އަޒްކާ ވަނީ، 2016 ވަނަ އަހަރު ބޭއްވި ކ. އަތޮޅު ޤުރުއާން މުބާރާތުން ނުބަލައި ކިޔުމުގެ ގޮފިން 7 އަހަރުން ދަށުން ތިން ވަނަ ހޯދާފައެވެ. އަދި 2015 ވަނަ ބޭއްވި މުބާރާތުން ނުބަލައި ކިޔުމުގެ ބައިން ވެސް ތިން ވަނަ ހޯދާފައިވެއެވެ. 2016 ވަނަ އަހަރު ހުރާ ސްކޫލު ޤުރުއާން މުބާރާތުން ހަތް އަހަރުން ދަށުން ނުބަލައި ކިޔުމުގެ ބައިން އެއްވަނަ އަޒްކާ ހޯދާފައިވެއެވެ.

 

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *