ދުނިޔޭގެ މަޝްހޫރު "ޓެޑް ޓޯކް" އަސްލަކަށް ބަލައިގެން ރ. ވާދޫ ސްކޫލުގެ " ކިޑްސް ޓޯކް" އިން ދައްކުވައިދިނީ ދަރިވަރުންގެ ހުށައެޅުންތެރިކަމުގެ ހުނަރެވެ. ފައުންޑޭޝަން ސްޓޭޖުން ފެށިގެން ކީ ސްޓޭޖް ދޭއްގެ 14 ދަރިވަރުން މި އަހަރުގެ ޝޯވގައި ބައިވެރިވިއެވެ.
ވާދޫ ސްކޫލުގައި، އަޖުމަ ބެލުމުގެ ގޮތުން "ކިޑްސް ޓޯކް" ޝޯވް ބޭއްވީ މިދިޔަ އަހަރުއެވެ. އަލަށް ކުރާ ކަމަކަށް ވާތީއާއި ދުނިޔޭގެ ނަންމަޝްހޫރު ޝޯވއަކަށް ވާތީ، އެ ޝޯވ އާ އެއްގޮތަށް އެ ސްޓައިލުގައި އެކަން ކުރުމަކީ އެއީ ވާނެ ކަމެއްތޯ ބައެއް ފަރާތްތަކުން ސުވާލުވެސް އުފެއްދިއެވެ. އެކަމަކު އެ ސްކޫލުގެ ޕްރިންސިޕަލް އިސްމާއިލް ނަސީރަށް އެކަން ކުރެއްވޭނެ ކަމުގެ ޔަޤީންކަން އޮތެވެ.

" ފަށައިގަތް އިރު ސުވާލު ވެސް އުފެއްދި ދުނިޔޭގެ ނަން މަޝްހޫރު ޝޯވއަކާ އެގޮތަށް އެކަން ކުރާނީ ކިހިނަކުންތޯއޭ. އެވަރަށް އެކަން ކުރެވޭނެ ބާވައޭ" ދަރިވަރު ނޫހަށް އިސްމާއިލް ވިދާޅުވިއެވެ.
އިސްމާއިލް ވިދާޅުވި ގޮތުގައި، މިދިޔަ އަހަރުގެ ތަޖުރިބާއަށް ބަލައި މި އަހަރު އެ ހަރާކާތަށް ތައްޔާރުވުމަށް ދޮޅު މަސް ހޭދަވި ކަމަށެވެ. އެއީ ކުދިން ތައްޔާރު ކުރުމާއި ކުދިންގެ ކޮސްޓިއުމާއި ތަނުގެ ޑިޒައިނުން އެ ޝޯވގެ ހަޤީޤީ ސިފަ ގެނައުމަށް ކުރެއްވި މަސައްކަތަށް ހޭދަކުރަން ޖެހުނު މުއްދަތެވެ.

" އެ ހުރިހާ ކަމަކަށް ވިސްނައިގެން ވަރަށް ބުރަކޮށް މަސައްކަތް ކޮށްގެން ޝޯވ ކާމިޔާބުވީ. މިހާރު އެންމެން ވެސް ތިބި އުފަލުން. މުދައްރިސުންނާއި ބެލެނިވެރިންނަށް ވެސް މިއީ ލިބުނު ވަރަށް ބޮޑު އުފަލެއް. އަދި ޝޯވ ގައި ދަރިވަރުންގެ ހުށައެޅުމަށް ވެސް އެތައް ބައެއް ތައުރީފު ލިބުނު" ނަޞީރު ވިދާޅުވިއެވެ.

އޭނާ ވިދާޅުވި ގޮތުގައި، ބައިނަލް އަޤުވާމީ ސްޓޭޖްތަކުގައި ވެސް ވާހަކަ ދެއްކޭ ފެންވަރަށް ދަރިވަރުން ތައްޔާރު ކުރުމަށް އެފަދަ މުހިންމު ހަރަކާތްތައް ދަރިވަރުންނަށް ކުރިއަށް ގެންދަން ޖެހޭ ކަމަށާއި ދަރިވަރުންގެ ފަރާތުން ވެސް ފެނުނީ އެކަމަށް އޮތް ޝައުޤުވެރިކަމެވެ.
"ކިޑްސް ޓޯކް" ގައި ބައިވެރިކުރީ އަންމުކޮށް ހުޅުވާލައިގެން ބައިވެރިވާން ބޭނުންވި ދަރިވަރުން ނެވެ. ކުދިން ވާހަކަ ދެއްކީ ކަނޑައެޅި މައުޟޫއު ތަކުގެ ތެރެއިން އެ ދަރިވަރަކު ބޭނުން މައުޟޫއަކަށެވެ. ކޮންމެ ދަރިވަރަކަށް 3 މިނެޓާއި 4 މިނެޓާ ދެމެދުގެ ވަގުތެއް ދިނެވެ.

" ވާހަކަ ދެއްކުމުގެ ހުނަރާއި ވާހަކަ ދެއްކުމުގެ ސްޓައިލާއި ހެދުން އަޅަން ޖެހޭ ގޮތުގެ މުހިންމު މައުލޫމާތު ދަރިވަރުންނާ ހިއްސާކުރެވި، ވަރަށް ބޮޑަށް ދަރިވަރުން އެކަމަށް ތައްޔާރު ވެފައި ވަނީ"
ވާދޫ ސްކޫލުން ބޭނުން ވަނީ ކޮންމެ އަހަރަކު ވެސް " ކިޑްސް ޓޯކް" ޝޯވ ކުރިއަށް ގެންދާށެވެ. ބައިނަލްއަޤުވާމީ ސްޓޭޖްތަކުގައި އެފަދަ ކުދިންގެ ހުނަރު ދައްކައިދެވޭ ފެންވަރަށް އެ ހަރާކާތް ކުރިއަށް ގެންދާށެވެ.
" މިއީ ފެށުމެއް، އަހަރުން އަހަރަށް ބަދަލު ތަކެއް ގެންނާނެ. ކޮލިޓީ ވެސް ރަނގަޅުވާނެ" ޕްރިންސިޕަލް އިސްމާއިލް ވިދާޅުވިއެވެ.
advertisment
ހިޔާލު