އެމްއެންޔޫއިން، ފަސްތަރީގެ ރިސޯޓަކާއެކު ޓްރެއިނިންގ ސްކޫލެއް ލ. ހުޅިމެންދޫގައި ހަދަނީ

ފަސްތަރީގެ ރިސޯޓަކާއެކު ޓްރެއިނިންގ ސްކޫލެއް ލ. ހުޅިމެންދޫގައި ޤާއިމް ކުރުމުގެ މަސައްކަތް ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީން ފަށައިފިއެވެ. މި މަޝްރޫޢުގެ އެއްބަސްވުމުގައި ޓޫރިޒަމް މިނިސްޓްރީއާއެކު އެ ޔުނިވަރސިޓީން ވަނީ މިއަދު ސޮއިކޮށްފައެވެ.

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި މި އެއްބަސްވުމުގައި ޓޫރިޒަމް މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރު އިބްރާހިމް ފައިސަލެވެ. ޤައުމީ ޔުނިވަރސިޓީގެ ފަރާތުން ސޮއިކުރެއްވީ ވައިސް ޗާންސެލަރު ޑރ. އާއިޝަތު ޝެހެނާޒު އާދެމެވެ.

އެއްބަސްވުމުގައި ސޮއިކުރެއްވުމަށްފަހު، ޑރ. ޝެހެނާޒު އެ މަޝްރޫޢު ސިފަކުރެއްވީ، ފަތުރުވެރިކަމުގެ ދާއިރާއިން ޚާއްޞަ ދިރާސާތައް ކުރެވި ދާއިރާގެ ކުރިއެރުމަށް މަގުފަހިވެގެންދާނެ، ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާއާއި ތައުލީމީ ދާއިރާ އާ ހަރުފަތަކަށް ގެންދެވޭނެ މަޝްރޫއެއްގެ ގޮތުގައެވެ.

ޑރ. ޝެހެނާޒު ވިދާޅުވީ، "މި މަޝްރޫއުގެ ސަބަބުން ދިވެހިރާއްޖޭގެ ފަތުރުވެރިކަމަށް ބޭނުންވާ ފަންނީ މީހުން ހޯދަން މަގުފަހިވެ އެކަމަށް ބޮޑު ކުރިއެރުމެއް ލިބިގެންދާނެ. ދަރިވަރުންނަށް އަމަލީ ތަޖުރިބާ ހޯދުމުގެ ފުރުޞަތު ލިބި ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގެ ތައިލީމީ ފެންވަރު ބައިނަލްއަޤްވާމީ މިންގަނޑުތަކާ ހަމަކުރާނެ"

ޑރ. ޝެހެނާޒު ވިދާޅުވީ، ތިމާވެއްޓަށް ކުރާނެ ނޭދެވޭ އަސަރު ވިހާވެސް ކުޑަކުރުމާއެކު ރިސޯޓް ޤާއިމް ކުރާނީ ހުޅިމެންދޫގެ ގުދުރަތީ ތިމާވެށި ރައްކާތެރި ކުރުމަށް އިސްކަންދީގެން ކަމަށެވެ.  އަދި ސަރަހައްދުގެ ރައްޔިތުންނަށް ލިބޭ މަންފާތައް އިތުރުކޮށް، ވަޒީފާގެ ފުރުޞަތުތަކާއި ވިޔަފާރީގެ ފުރުޞަތުތައް ތަނަވަސްކޮށްދެވޭނެ ކަމަށެވެ.

އޭނާ ވިދާޅުވީ، ޓްރެއިނިންގ ރިސޯޓްގައި ދިވެހި އާދަކާދައާއި ސަޤާފަތް ދެމެހެއްޓުމާއި ކުރިއެރުވުމަށް ޚާއްޞަ ސަމާލުކަމެއް ދޭނެ ކަމަށާއި ޓްރެއިނިންގ ރިސޯޓްގައި ތައުލީމު ޙާޞިލްކުރާ ދަރިވަރުންނަށް ޢަމަލީ ތަޖުރިބާއާ އެކު ފަތުރުވެރިކަމުގެ ދާއިރާގެ ޒަމާނީ ހުނަރުތައް އުނގަންނައި ދޭން ފެށުމުން ދިވެހި ދަރިވަރުންނަށް ބައިނަލްއަޤްވާމީ މައިދާނުގައި ވާދަ ކުރުމުގެ ޤާބިލްކަން އިތުރުވެގެންދާނެ ކަމަށެވެ.

" ފަސްތަރީގެ ޓްރެއިނިންގ ރިސޯޓަކީ ބައިނަލްއަޤްވާމީ ފެންވަރުގެ ޓްރެއިނިންގ މަރުކަޒަކަށް ހެދުމުން ދުނިޔޭގެ ކަންކޮޅުތަކުން ދަރިވަރުންނާއި ދިރާސާވެރިން އެ މަރުކަޒަށް އަންނާނެ ކަމަށް ބެލެވޭ. މިކަމުގެ ސަބަބުން ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާއަށް ބައިނަލްއަޤްވާމީ ފެންވަރުގެ އިލްމީ ހޯދުންތަކާ އާ ޚިޔާލުތައް ތަޢާރަފުވެ ދިވެހި ދަރިވަރުންނަށް ތަޖުރިބާކާރުންނާ ގުޅިގެން މަސައްކަތް ކުރުމުގެ ފުރުޞަތު ލިބިގެން ދާނެ އަދި ފަތުރުވެރިކަމުގެ ދާއިރާއިން ޚާއްޞަ ދިރާސާތައް ކުރެވި ދާއިރާގެ ކުރިއެރުމަށް މަގުފަހިވެގެންދާނެ. " ޑރ. ޝެހެނާޒު ވިދާޅުވިއެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *