އަނބިމީހާގެ ހަނދާނުގައި ފިރިމީހާ ބިނާކުރީ ހުރާ ސްކޫލުގައި މިސްކިތެއް

ކ.ހުރާ / ޝާހީ، އަލްމަރުޙޫމާ ޢާއިޝަތު ޝިފާގެ ހަނދާނުގައި، ހުރާ ސްކޫލަށް މިސްކިތެއް ހަދިޔާކޮށްފިއެވެ. މި މިސްކިތުގެ ބޭނުން އެ ސްކޫލުން މިހާރު އަންނަނީ ކުރަމުންނެވެ.

ދަރިވަރުންނާއި މުވައްޒަފުން އަދި ސްކޫލަށް ޒިޔާރަތް ކުރާ ފަރާތްތަކުން ނަމާދުކުރުމަށް "މަސްޖިދުލް ޝިފާ"ގެ ނަމުގައި އެ މިސްކިތް ބިނާކުރީ އެ ސްކޫލުގެ ބެލެނިވެރިއެއް ކަމުގައިވާ ޝިފާގެ ފިރިމީހާ، ކ.ހުރާ / ޝާހީ، މުޙައްމަދު ޝާހިދެވެ.

2021 ވަނަ އަހަރު ޝިފާ ނިޔާވީ، ވެހި ޓުއަރގެ ދަތުރެއްގައި އެރަށަށް އައި ޕްރިންސިޕަލުންނަށް ކެއިން ބުއިމުގެ ޚިދުމަތް ދިނުމަށް ބެލެނިވެރިން ތަކެއް މަސައްކަތް ކުރަމުން ދަނިކޮށް ދިމާވި ކުއްލި ހާދިސާއަކާ ގުޅިގެން، ކުއްލި ފަރުވާއަށް މާލެއަށް ގެންދިޔަ ފަހުންނެވެ. ޝިފާ ނިޔާވި އިރު ދެ ކުދިން ތިއްބެވެ.

ހުރާ ސްކޫލުގެ ޕްރިންސިޕަލް އާމިނަތު އަރީޝާ ވިދާޅުވީ، ޝިފާގެ ހަނދާނުގައި އެ އޭނާގެ ފިރިމީހާ އިސްވެ ހުރެ ބޭނުންވީ އެ ސްކޫލުގައި މިސްކިތެއް ބިނާކުރަން ކަމަށާއި އެޑިޔުކޭޝަން މިނިސްޓްރީގެ ހުއްދަ ލިބުމާއެކު، މިސްކިތުގެ ހުރިހާ މަސައްކަތެއް ކުރީ ފިރިމީހާ އިސްވެ ހުރެ އޭނާ އަމިއްލައަށް ކަމަށެވެ. އެ މަސައްކަތުގައި އާއިލާއާއި ކޮންސްޓްރަކްޝަން ކުންފުންޏެއްގެ އެހީތެރިކަން ކޮންމެ ވެސް މިންވަރަކަށް ލިބުނު ކަމަށް އަރީޝާ ފާހަގަކުރިއެވެ.

" ގާތްގަޑަކަށް ހުރިހާ މަސައްކަތެއް ކޮށްފައި ވަނީ ޝިފާގެ ފިރިމީހާ. އޭނާ ބޭނުންވީ ވެސް ހުރިހާ ކަމެއް އަމިއްލައަށް ކުރަން" އަރީޝާ ވިދާޅުވިއެވެ.

30 ކުދިންނަށް އެއްފަހަރާ ނަމާދު ކުރެވޭ ޖާގައިގެ އެ މިސްކިތުގެ ސަބަބުން މުވައްޒަފުންނަށާއި ދަރިވަރުންނަށް ގިނަ ފައިދާތަކެއް ކުރާނެ ކަމަށް އަރީޝާ ވިދާޅުވިއެވެ.

" އިމާރާތުގެ ތާށިކަމާހުރެ ނަމާދު ކުރާނެ ތަނެއް ވަކިން ނުހުރޭ. މިސްކިތުގެ ސަބަބުން ދަރިވަރުންނަށާއި މުވައްޒަފުންނަށް އެތައް ފަސޭހަތަކެއް ލިބިގެން ދާނެ" އަރީޝާ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، ނަމާދު ކުރުމުގެ އިތުރުން އެ ސްކޫލުން ކުރިއަށް ގެންދާ ޤުރުއާން ޕޫލު މިހާރު ކުރިއަށް ގެންދަނީ އެ މިސްކިތުގައި ކަމަށެވެ. އެ ޕޫލުގައި 30 ދަރިވަރުން ހިމެނޭއިރު އޭގެ ތެރޭގައި ހިފްޒް ކުރާ 15 ކުދިން ހިމެނެއެވެ.

މިސްކިތް ހަދިޔާ ކުރުމާ ގުޅިގެން ހުރާ ސްކޫލުގެ ފޭސްބުކް ޕޭޖުގައި ބުނެފައި ވެއެވެ. " މަސްޖިދުލް ޝިފާގެ ނަމުގައި މިސްކިތެއް ބިނާކޮށްދެއްވާފައިވާތީވެ، އެކަމުގެ އަގުވަޒަންކޮށް، ސްކޫލުގެ މުވައްޒަފުންނާއި، ދަރިވަރުންނާއި އަދި ބެލެނިވެރިންގެ ފަރާތުން ޝުކުރު ދަންނަވަމެވެ. މާތްﷲ އަލްމަރްޙޫމާ ޢާއިޝަތު ޝިފާގެ ފާފަ ފުއްސަވާ މަތިވެރިވެގެންވާ ޖަންނަތުލް ފިރްދައުސް މިންވަރު ކުރައްވާށި! އާމީން"

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *