މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ ރެކްރިއޭޝަން ކްލަބް "ތަޢުލީމީ ގުޅުން" އަދި މޯލްޑިވްސް ބްލަޑް ސަރވިސަސްއާ ގުޅިގެން ލޭ ހަދިޔާކުރުމުގެ ކޭމްޕެއް މިއަދު ފަށައިފިއެވެ. މި ކޭމްޕް މާދަމާ 18:30 އާ ހަމައަށް ކުރިއަށް ދާނެއެވެ.
ތަޢުލީމީ ގުޅުމުގެ މި މުހިންމު އިސްނެގުމުގެ މައިގަނޑު މަޤްޞަދަކީ ޤައުމީ ފެންވަރުގައި ލޭ ހަދިޔާކުރުމުގެ މުހިންމުކަން އާންމުންގެ މެދުގައި އިތުރުކޮށް، ޤައުމީ ލޭ ބޭންކަށް ބޭނުންވާ ލޭ ހޯދުމަށް އެހީތެރިވުމެވެ.
ތައުލީމީ ގުޅުމުގެ ނައިބް ރައީސް، އެޑިޔުކޭޝަން މިނިސްޓްރީގެ އެޑިޔުކޭޝަން ޑިވެލޮޕްމަންޓް ޕްރޮފެޝަނަލް އާމިނަތު ސާދާ ދަރިވަރު ނޫހަށް މިރޭ ވިދާޅުވީ، ދެ ދުވަހުގެ ކޭމްޕްގައި ލޭ ހަދިޔާ ކުރާނީ އެޑިޔުކޭޝަން މިނިސްޓްރީގެ އެކި ސެކްޝަންތަކާއި ޑިވިޜަންތަކުގެ މުވައްޒަފުންނާއި މާލޭ ސަރަހައްދުގެ ސްކޫލުތަކުންނެވެ.
ސާދާ ވިދާޅުވީ، ލޭ ހަދިޔާ ކުރުމުގެ މި ކޭމްޕްގައި ބައިވެރިވާން ފުރަތަމަ މިއަދު އެކަނި ވެސް 30 އަށްވުރެ ގިނަ ބޭފުޅުން ރަޖިސްޓްރީވެފައިވާ ކަމަށެވެ.
އޭނާ ވިދާޅުވީ، ދާއިމީ ގޮތެއްގައި ލޭ ހަދިޔާ ކުރުމުގެ ކޭމްޕްތަކެއް މާލޭގެ އިތުރުން އެކި ޒޯންތަކުގައި ކުރިއަށް ގެންދާނެ ކަމަށެވެ.
" މިއީ ފެށުމެއް، ކުރިއަށް އޮތް ތަނުގައި ލޭ ހަދިޔާ ކުރުމުގެ މި ކޭމްޕް މުޅި ރާއްޖެއަށް ފުޅާކޮށް ޒޯންތަކުގައި ވެސް ކުރިއަށް ގެންދަން ބޭނުން ވަނީ" ސާދާ ވިދާޅުވިއެވެ.
ތަޢުލީމީ ގުޅުމުން ފާހަގަކުރެއްވި ގޮތުގައި މި ޕްރޮގްރާމަކީ މުވައްޒަފުންގެ މެދުގައި އިޖްތިމާޢީ ޒިންމާ އުފުލުމުގެ ރޫޙު އާލާކުރުމަށާއި، ޞިއްޙީ ދާއިރާއަށް އެހީތެރިވުމުގެ ގޮތުން ކުރިއަށްގެންދެވޭ އަގުހުރި މަސައްކަތެކެވެ.
ސާދާ ވިދާޅުވީ، ތެލަސީމިއާ މަދުކުރުމާއި ހޭލުންތެރި ކުރުވުމަށް ހެލްތް މިނިސްޓްރީއާ ގުޅިގެން ގުރޭޑް 10 ގައި ކިޔަވާ ހުރިހާ ދަ ރިވަރުން ސްކްރީން ކޮށްފައިވާ ކަމަށެވެ. އަދި އޭނާ ވިދާޅުވީ މިހާރުން މިހާރަށް ވެސް ލޭ ބޭނުންވާ 16 އަހަރުން ދަށުގެ 260 އަށްވުރެ ގިނަ ކުދިން އެބަތިބި ކަމަށެވެ.
advertisment
ހިޔާލު