ފާއިތުވި ދިރާސީ އަހަރު ހއ. އަތޮޅު މަދަރުސާއިން ހުރިހާ ގޮތަކުން އެންމެ މޮޅު ދަރިވަރުގެ ގޮތުގައި މަރްޔަމް އަމްނާ ވަޙީދު ހޮވައިފިއެވެ. އަމްނާ ވަނީ އޯލެވެލްގައި އިނގިރޭސި މާއްދާއިން ރާއްޖެއާއި ދުނިޔެއިން އެއްވަނަ ހޯދާފައެވެ. އަދި އޭނާ އަކީ، ޘާނަވީ ތަޢުލީމު ނިންމާ އިމްތިޙާނުތަކުން އެ މަދަރުސާގެ އެންމެ މޮޅު 5 ނަތީޖާ ހޯދި ދަރިވަރުންގެ ތެރެއިން ދެ ވަނަ ދަރިވަރު ވެސް މެއެވެ.
ހއ. އަތޮޅު މަދަރުސާގެ އަހަރީ އިނާމް ދިނުމުގެ ޖަލްސާ ޝަރަފުވެރިކޮށް ދެއްވީ އެޑިޔުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓްރު ހުސައިން ސައީދު މުޙައްމަދެވެ.
ޘާނަވީ ތަޢުލީމު ނިންމާ އިމްތިޙާނުތަކުން ސްކޫލްގެ އެންމެ މޮޅު 5 ނަތީޖާ ހޯދި ދަރިވަރުންގެ ތެރެއިން 1ވަނަ ދަރިވަރަކީ ޢަލީ ރައިޝަމް ރުޝްދީއެވެ. އޭނާ ވަނީ އޯލެވެލްގެ ޤައުމީ ގަދަ ދިހައެއްގެ އަށް ވަނަ ހޯދާފައެވެ.

ފާއިތުވި ދިރާސީ އަހަރު ހއ. އަތޮޅު މަދަރުސާގެ ކެޕްޓަންގެ ޒިންމާ އަދާކުރި އަމްނާ ބުނީ، އެންމެ މޮޅު ދަރިވަރުގެ މަޤާމް އޭނާއަށް ލިބޭނެ ކަމަށް މަންމައާއި ބައްޕައާއި އަދި އާއިލާގެ މީހުން އުއްމީދު ކުރިކަމަށާއި އެންމެ ފަހު ވަގުތާ ހަމައަށް އެ މަޤާމް ލިބިދާނެ ކަމަށް، އޭނާ އުއްމީދު ނުކުރާ ކަމަށެވެ.
އަމްނާ ބުނީ، އިނގިރޭސި މާއްދާއިން ރާއްޖެއާއި ދުނިޔޭގެ ވަނަ އެއް ލިބުމަކީ ސަޕްރައިޒެއް ކަމަށާއި އެއީ އުއްމީދު ކުރި ވަނައެއް ނޫން ކަމަށެވެ.
" އިނގިރޭސި މާއްދާއިން އޭ ސްޓަރއަކަށް އުއްމީދު ކުރީ. އެއްވެސް ގޮތަކަށް ދުނިޔޭގެ ވަނައަކަށް އުއްމީދެއް އަދި އެފަދަ ވިސްނުމެއް ވެސް ވިސްނިފައެއް ނެތް" އަމްނާ ބުންޏެވެ.
ސީއެޗްއެސްއީގައި އޭލެވެލްއަށް ކިޔަވަމުންދާ އަމްނާ ބުނީ، އޭނާ އެންމެ ކިޔަވާ ހިތްވީ ބައޮލޮޖީ ކަމަށެވެ. އަދި ކުރިއށް ދާނެ ދާއިރާއެއް އަދި ނިންމާފައި ނުވާ ކަމަށެވެ.
advertisment
ހިޔާލު