ސައިންސާއި ހިސާބު ކިޔަވައިދޭ ޓީޗަރުންނަށް ތަމްރީނު ދޭނެ 228 ޓްރެއިނަރުން ތަމްރީނު ކޮށްފި

ސާނަވީ ތަޢުލީމުގެ ފެންވަރު މަތިކުރުމަށްޓަކައި ސައިންސާއި ހިސާބު މާއްދާތައަށް ޚާއްޞަކޮށްގެން ޓީޗަރުން ތަމްރީނު ކުރާނެ 228 ޓްރެއިނަރުން ތަމްރީނު ކޮށްފިއެވެ.

މިއީ އެޓޯލް އެޑިޔުކޭޝަން ޑިވެލޮޕްމަންޓް ޕްރޮޖެކްޓް (އޭ.އީ.ޑީ.ޕީ) ގެ އެހީތެރިކަމާއެކު ނޭޝަނަލް އިންސްޓިޓިއުޓް އޮފް އެޑިޔުކޭޝަނުން ކުރިއަށްގެންދާ މަސައްކަތު ބައްދަލުވުމެކެވެ. މި ޕްރޮގްރާމްގެ ކޮންސަލްޓެންސީގެ މަސައްކަތްކޮށްފައިވަނީ ވިލާ ކޮލެޖުންނެވެ.

"ޓްރެއިނިންގ އޮފް ޓްރެއިނަރސް" ގެ ނަމުގައި ކުރިއަށް ގެންދިޔަ މި މަސައްކަތު ބައްދަލުވުމުގައި، މާލެ އާއި އަތޮޅުތަކުގެ 114 ސްކޫލަކުން ޖުމްލަ 228 މުދައްރިސުން ޓްރެއިނަރުންގެ ގޮތުގައި ތަމްރީނު ކޮށްފައިވެއެވެ.

ނެޝަނަލް އިންސްޓިޓިއުޓް ފޯރ އެޑިޔުކޭޝަނުން ބުނި ގޮތުގައި، މި މަސައްކަތު ބައްދަލުވުމުގެ މައިގަނޑު މަގްސަދަކީ ކީސްޓޭޖް 3 އަދި 4ގެ ސައިންސް އަދި ހިސާބު މާއްދާ ކިޔަވާ ދަރިވަރުންގެ ފެންވަރު މަތިކުރުމަށްޓަކައި، މިމާއްދާތައް އުނގަންނައިދެއްވާ ޓީޗަރުންނަށް ބޭނުންވާ ފަންނީ ގާބިލުކަމާއި އަދި ހާއްސަކޮށް އެ ބޭފުޅުންގެ ކިޔަވައިދިނުމުގެ ހުނަރާއި ޕެޑަގޮޖިކަލް ކޮންޓެންޓް ނޮލެޖް ތަރައްގީކުރުމެވެ.

މި ތަމްރީނު ފުރިހަމަކުރެއްވި މުދައްރިސުން، އެ ބޭފުޅުން މަސައްކަތްކުރައްވާ ސްކޫލުތަކާއި އަތޮޅުގެ އެހެނިހެން ސްކޫލުތަކުގައި މި މާއްދާތައް ކިޔަވައިދެއްވާ އެހެން މުދައްރިސުންނަށް މި ތަމްރީނު ފޯރުކޮށްދެއްވުމަށްޓަކައި ސެޝަންތައް ކުރިއަށް ގެންދަވާނެ ކަމަށް އެ އިންސްޓިޓިއުޓުން ބުނެއެވެ.

މި މަސައްކަތު ބައްދަލުވުން ނިންމުމަށް ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ އެޑިޔުކޭޝަން މިނިސްޓަރު، ޑރ. އިސްމާޢީލް ޝަފީޢުއެވެ.

މި ރަސްމިއްޔާތުގައި މިނިސްޓަރު ޑރ. އިސްމާއިލް ވިދާޅުވީ މިފަދަ ވޯކްޝޮޕްތަކުން ހޯއްދަވާ މައުލޫމާތު، ދާއިރާގެ އެހެން ބޭފުޅުންނާ ހިއްސާކޮށް، ސްކޫލުތަކުގެ ސައިންސް މާއްދާއާއި ހިސާބު މާއްދާ ކިޔަވައިދޭ މިންވަރު ހަރުދަނާ ކުރުމަށް މަސައްކަތްކުރަން ޖެހޭ ކަމަށެވެ.

ދެބުރަކަށް ބަހާލައިގެން ކުރިޔަށް ގެންދާ މި މަސައްކަތު ބައްދަލުވުމުގައި ޖުމްލަ 428 ޓްރެއިނަރސް ޓްރެއިން ކުރަން ވަނީ ނިންމާފައެވެ. އެއީ 214 ހިސާބު އަދި 214 ސައިންސް ޓްރެއިނަރުންނެވެ. މި ޕްރޮގްރާމްގެ ދެވަނަ ބުރު ކުރިއަށްދާނީ މި މަހު 20 -24 އަށް މީރުމާ މާލަމުގައެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *