ލ. މާވަށު ސްކޫލުގެ ކުލާސްރޫމްތައް އޭސީ ކުރަން 200،000 ރުފިޔާ އެރަށު ކައުންސިލުން ބަޖެޓްކޮށްފިއެވެ.
އެކައުންސިލުން ބުނީ، އެ ރަށު ސްކޫލުގެ ހުރިހާ ކުލާސްރޫމެއް އޭސީ ކުރަން ކުރަން ޖެހޭ ތައްޔާރީތައް މިހާރު ވަމުންދާ ކަމަށާއި އެކަމަށް އެހީތެރިވުމުގެ ގޮތުން އެ ކައުންސިލުގެ މަސައްކަތު ތާވަލުގައި ހިމަނައިގެން 200،000 ރުފިޔާ މިހާރު ބަޖެޓް ކޮށްފައިވާ ކަމަށެވެ.
މާވަށު ކައުންސިލުގެ ރައީސް އަޙްމަދު މޫސާ ވިދާޅުވީ، ހުރިހާ ކުލާސްރޫމެއް އޭސީކޮށް ނިންމަން އިތުރު ލައްކައެއްހާ ރުފިޔާ ބޭނުންވާ ކަމަށާއި އެ ފައިސާ ހޯދަން ހެޔޮއެދޭ ފަރާތްތަކުގެ އެހީތެރިކަން ހޯދަމުން އަންނަ ކަމަށެވެ. އަދި އޭނާ ވިދާޅުވީ، އޭސީ ހަރުކުރުމާއި އެއާ ގުޅިގެން ކުރަން ޖެހޭ މަސައްކަތްތައް ކުރާނީ އެ ކައުންސިލުގެ މުވައްޒަފުންނާއި ސްކޫލާއި ފެނަކައާއި ގެމް ޖަމިއްޔާގެ މެމްބަރުން ކަމަށެވެ.

އަޙްމަދު މޫސާ ވިދާޅުވީ، މާވަށު ސްކޫލް އޭސީ ކުރަން ހިންގާ ޕްރޮޖެކްޓަށް 35 އޭސީ ބޭނުންވާ ކަމަށާއި ކޮންމެ ކުލާހެއްގައި 18 ބީޓޫޔޫގެ ދެ އޭސީ ހަރުކުރަން ޖެހޭއިރު، ބީލަމުގެ އުޞޫލުން އޭސީ ހޯދުމުގެ މަސައްކަތް ވެސް މިހާރު ކުރިއަށް ދާ ކަމަށެވެ.
" އޭސީ ޕްރޮޖެކްޓް ކުރިއަށް ގެންދަން އެޑިޔުކޭޝަން މިނިސްޓްރީގެ ހުއްދަ ވެސް މިހާރު ވަނީ ލިބިފައި. އަޅުގަނޑުމެން އުއްމީދު ކުރަނީ މި އަހަރު ނިމުމުގެ ކުރިން ހުރިހާ ކުލާސްރޫމެއް އޭސީކޮށް ނިންމާލެވޭނެ ކަމަށް" އަޙްމަދު މޫސާ ވިދާޅުވިއެވެ.
400 އާ ކައިރިކުރާ އަދަދެއްގެ ދަރިވަރުން ގުރޭޑް 10އާ ހަމައަށް ކިޔަވަމުން އަންނަ މާވަށު ސްކޫލަށް ބޭނުންވާ ކަންތައްތައް އެ ކައުންސިލުން ކޮށްދެމުން އަންނަ ކަމަށް ވެސް އެ ރަށު ކައުންސިލުން ބުންޏެވެ.
advertisment
ހިޔާލު