ރިޓަޔަރމަންޓް އުމުރަށް ބަދަލު ގެންނާކަށް ގިނަ ބަޔަކަށް ނުފެނޭ: އެމްއެންޔޫގެ ދިރާސާ

ގިނަ ބަޔަކަށް ފެންނަނީ ރިޓަޔަރމަންޓް އުމުރުގެ ގޮތުގައި މިހާރު ވެސް ކަނޑައަޅާފައިވާ 65 އަހަރު އެ ގޮތުގައި ބާއްވަން ކަމަށް ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީން ކުރި ދިރާސާއަކުން ދައްކައިފިއެވެ.

ދިވެހިރާއްޖޭގެ އިސްރަށްވެހިން އަބުރުވެރިކަމާއި ޝަރަފުވެރިކަމާއެކު ދުޅަހެޔޮ ގޮތުގައި ދުވަސްވުމާ ބެހޭ ގޮތުން ދެކޭ ތަޞައްވުރާއި ގޮންޖެހުންތަކާ ގުޅޭ ގޮތުން ޤައުމީ ޔުނިވަރސިޓީން ކުރި ދިރާސާގެ ތަފުޞީލު ވަނީ އާންމުކޮށްފައެވެ.

ރިޓަޔަރމަންޓް އުމުރުގެ ގޮތުގައި މިހާރު ވެސް ކަނޑައަޅާފައި އޮންނަނީ 65 އަހަރެވެ. ބުރާސްފަތި ދުވަހު ނެރުނު މިދިރާސާގައި ބުނެފައި ވަނީ، 65 އަހަރު ވުމުން ރިޓަޔަރމަންޓަށް ދާން ޖެހޭ ކަމަށް 36.8 އިންސައްތަ މީހުން ދެކޭ ކަމަށެވެ. އެ އުމުރު 70 އަހަރަށް އިތުރު ކުރަން 13.6 މީހުން ދެކޭއިރު، 60 އަހަރަށް ދަށް ކުރަން ފެންނަކަމަށް 17.1 އިންސައްތަ މީހުން ދެކޭ ކަމަށެއެވެ. 10.3 އިންސައްތަ މީހުން، 55 އަހަރު ވުމުން ރިޔަރމަންޓްގެ ގޮތުގައި ކަނޑައަޅަން ފެންނަ ކަމަށް ބުނެފައިވާއިރު، 75 އަހަރަށް އިތުރުކުރަން ފެންނަކަމަށް ބުނެފައި ވަނީ އެންމެ 3.4 އިންސައްތަ މީހުންނެވެ.

ޤައުމީ ޔުނިވަރސިޓީން ކުރި މި ދިރާސާގައި 1178 މީހުން ރާއްޖޭގެ ތިން ސަރަހައްދަކުން  ބައިވެރިވެފައިވެއެވެ. މި ސާވޭގައި ގިނައިން ބައިވެރިވެފައި ވަނީ 65 އަހަރުން މަތީގެ މީހުންނެވެ. އެއީ 29.6 އިންސައްތައެވެ.

މި ދިރާސާއިން އެނގުނު ގޮތުގައި 65 އިންސައްތަ މީހުން ދެކޭގޮތުގައި އުމުރުން ދުވަސްވާ ވަރަކަށް މިނިވަންކަމާއެކު އަމިއްލަ ގޭގައި ދިރިއުޅުން އިންތިހާއަށް މުހިންމެވެ. އެހެން ނަމަވެސް ކައިވެނިކޮށްގެން އުޅޭ އިސްރަށްވެހީން ދިރިއުޅެމުން ގެންދަނީ ދަރިންނާ އެކު ގައެވެ. އެއީ މި ދިރާސާގައި ބައިވެރިވި 32 އިންސައްތައެވެ. ހަމައެކަނި ކުދިންނާއެކު 22.6 އިންސައްތަ މީހުން ދިރިއުޅެމުންދާއިރު، ދެމަފިރިން އެކީގައި ދިރިއުޅެނީ 9.5 އިންސައްތަ މީހުންނެވެ. އެކަނި ދިރިއުޅޭ ކަމަށް ބުނެފައި ވަނީ 4.9 އިންސައްތަ މީހުންނެވެ.

އިސްރަށްވެހީންގެ ޖިސްމާނީ ސިއްޙަތަށް ބަލާއިރު، 42.8 އިންސައްތަ މީހުން ދެކެނީ ރަނގަޅު ކަމަށެވެ. ވަރަށް ރަނގަޅު ކަމަށް 15.4 މީހުން ދެކޭއިރު، 28.5 އިންސައްތަ މީހުން ދެކެނީ އާދައިގެ ވަރަކަށް ރަނގަޅު ކަމަށެވެ. ނަމަވެސް އިސްރަށްވެހީން ދެކޭގޮތުގައި އެމީހުންގެ ޖިސްމާނީ ސިއްޙަތު ވަރަށަ ދެރަވަރެވެ. މި ދިރާސާގައި ބައިވެރިވި 65 އަހަރުން މަތީގެ 49.5 އިންސައްތަ މީހުން އެގޮތަށް ދެކެއެވެ. ވަރަށް ބޮޑަށް ރަނގަޅު ކަމަށް ބުނެފައި ވަނީ 9.8 އިންސައްތަ މީހުންނެވެ. ނަފުސާނީ ސިއްޙަތަށް ބަލާއިރު، 43.5 އިންސައްތަ މީހުން ރަނގަޅު ކަމަށް ބުނެފައިވެއެވެ. އުމުރުފުރައަށް ބަލާއިރު 65 އަހަރުން މަތީގެ 39.3 އިންސައްތަ އިސްރަށްވެހީން ދެކެނީ އެމީހުންގެ ނަފުސާނީ ސިއްޙަތު ވަރަށް ބޮޑަށް ވެސް ރަނގަޅު ކަމަށެވެ. ޖިސްމާނީ ސިއްޙަތާއި ދުޅަހެޔޮކަމަށް ބަލާއިރު، ދިރާސީގައި ބައިވެރިވި މީހުންގެ ތެރެއިން 650 މީހުން ދެކެނީ ޖިސްމާނީ ސިއްޙަތާއި ދުޅަހެޔޮކަމަށް އެންމެ ބޮޑަށް އަސަރު ކުރަނީ ޖިސްމާނީ ހަރަކާތްތެރި ކަމުގެ ސަބަބުން ކަމަށެވެ. ޑައިޓާއި ނިއުޓިރިޝަންގެ ސަބަބުން ކަމަށް 551 މީހަކު ބުނެފައިވާއިރު ދިގުދެމިގެންދާ ސިއްޙީ ހާލަތްތަކުގެ ސަބަބުން ކަމަށް 503 މީހުން ބުނެފައިވެއެވެ. ނަފުސާނީ ސިއްޙަތާއި ދުޅަހެޔޮކަމަށް އެންމެ ބޮޑަސް އަސަރު ކުރަނީ އެކަނިވެރިކަމުގެ ސަބަބުން ކަމަށް މި ދިރާސާގައި ބައިވެރިވި 568 މީހުން ބުނެފައިވެއެވެ. 475 މީހުން ދެކެނީ އިޖްތިމާއީ ގުޅުމުގެ ސަބަބުން ނަފުސާނީ ސިއްޙަތަށް އަސަރުކުރާ ކަމަށެވެ.

ދުޅަހެޔޮ ކާނާ ޤަވާއިދުން ކެއުމަށް އޮތް ހުރަހަކީ ޚަރަދުގެ ސަބަބުން ކަމަށް 819 މީހުން ދެކޭއިރު، ބޭނުންވާ ކާނާ ނުލިބޭ ކަމަށް 492 މީހުން ބުނެފައިވެއެވެ. ތާޒާ މޭވާއާއި ތަރުކާރީ ކާ މިންވަރަށް ބަލާއިރު، 37.9 އިންސައްތަ މީހުން ދުވާލަކު އެއް ފަހަރު ނޫނީ ދެ ފަހަރު ތަރުކާރީއާއި މޭވާ ބޭނުން ކުރެއެވެ. ކޮންމެ ކެއުމެއްގައި ތަރުކާރީ ނުވަތަ މޭވާ ބޭނުން ކުރަނީ 28.1 އިންސައްތަ މީހުންނެވެ.

ޖިސްމާނީ ގޮތުން ހަރަކާތްތެރިވުމަށް އޮތް އެންމެ ބޮޑު ހުރަކީ ހިތްވަރު ނެތުމާއި ކުރާހިތް ނުވުން ކަމަށް މި ސާވޭގައި ބައިވެރިވި 561 މީހުން ބުނެފައިވެއެވެ.

އުމުރުން ދުވަސްވާވަރަކަށް މިނިވަންކަމާއެކު ދިރިއުޅުމުގައި ކުރިމަތިވާ އެންމެ ބޮޑު ގޮންޖެހުމަކީ މާލީ ހާލަތުގައި ކަމަށް 537 މީހުން ބުނެފައިވެއެވެ. ހަމައެހެންމެ އިޖްތިމާއީ ގުޅުން ދެމެހެއްޓުމަށް އެންމެ ބޮޑު ހުރަހަކީ ސިއްޙީ މައްސަލަތަކާއި ނުކުޅެދުންތެރިކަން ހުރުން ކަމަށް ގިނަބަޔަކު ފާހަގަކޮށްފައިވެއެވެ. އެ ގުޅުން ދަމަހައްޓަން އޮތް ހުރަހަކީ ވެސް މާލީ ދަތިކަމުގެ ސަބަބުން ކަމަށް 530 މީހުން ދެކެއެވެ. ސިއްޙީ ޚިދުމަތް ހޯދުމަށް ވެސް އޮތް އެންމެ ބޮޑު ހުރަހަކީ ޚަރަދުގެ ކަމަށް ގިނަ ބަޔަކު ބުނެފައިވެއެވެ.

މި ދިރާސާއިން އެނގުނު ގޮތުގައި އެންމެ ގިނަ ބަޔަކު ދެކެނީ އިސްރަށްވެހިންނަށް ހިތްހަމަޖެހުމާއި އުފާ ލިބެނީ އިޖްތިމާއީ ގުޅުންތަކުންނާއި އިމާންތެރިކަމުގެ މައްޗަށް ބިނާކޮށް ހިންގާ ހަރަކާތްތަކުންނެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *