މުދައްރިސުންގެ ދުވަހުގެ ޚާއްޞަ ހަރަކާތެއްގެ ގޮތުގައި ކަލާފާނު ސްކޫލުގެ ފަރާތުން "ތިންކް ގޭޓް"ގެ ނަމުގައި ދަރިވަރުންގެ ޚާއްޞަ ފޯރަމެއް ބާއްވައިފިއެވެ.
މިއީ ދަރިވަރުންގެ ޚިޔާލާއި ޝޫޢޫރުތައް މުދައްރިސުންނާ ހަމައަށް ފޯރުކޮށްދީ، ކުދިންގެ ތަޞައްވުރު ދެނެގަނެ، ސްކޫލްގެ ޢިލްމީ ކުރިމަގު އުޖާލާކުރުމުގެ މަގްޞަދުގައި ކުރިއަށް ގެންދެވުނު ހަރަކާތެކެވެ.

ފޯރަމް ހުޅުއްވައިދެއްވަމުން ސްކޫލްގެ ޕްރިންސިޕަލް ރަހްމާ އަބްދުއްރަޙްމާން ދެއްވި ވާހަކަ ފުޅުގައި، މިފަދަ ގޮތަކަށް ފޯރަމެއް ބޭއްވުމަށް ވިސްނެވި މުހިންމު އެއް ސަބަބަކީ މުދައްރިސުންގެ ދުވަހަކީ ޢިލްމީ މަސައްކަތްތަކެއް ކުރެވޭ ދުވަހަކަށް ހައްދަވަން ބޭނުންފުޅުވުން ކަމުގައި ފާހަގަ ކުރެއްވިއެވެ. އަދި ދަރިވަރުންގެ މިފަދަ ފޯރަމެއް ބޭއްވޭ މިއީ ފުރަތަމަ ފަހަރަކުމުގައި ވިޔަސް މިއީ ސިލްސިލާކޮށް ކަލާފާނުގައި ކުރިއަށް ދާނޭ ފޯރަމްތަކެއް ކަމަށް ވިދާޅުވިއެވެ. ކުރިމަގުގައި މި ފޯރަމްތައް ފުޅާކުރެވި، މުދައްރިސުންނާއި ބެލެނިވެރިންނަށް ވެސް މިފަދަ ފޯރަމްތައް ބާއްވާނެ ކަމަށް ޕްރިންސިޕަލް ފާހަގަކުރެއްވިއެވެ.

ކޮންމެ ކީ ސްޓޭޖަކުން 5 ދަރިވަރުންގެ ޓީމަކުން މަޝްވަރާތައް ހުށައެޅި މި ފޯރަމުގައި ޖުމުލަ 20 ދަރިވަރަކު ބައިވެރިވެ، އެކިއެކި ކަންކަމާ ގުޅޭ މަޝްވަރާތަކާއި ޚިޔާލުތައް ހުށަހަޅައިދީފައި ވެއެވެ. އެގޮތުން ކީ ސްޓޭޖު 1ން ދަރިވަރުންނަށް ދެވޭ ހޯމްވާރކް އަދި ސްކޫލްގެ ރީޑީން ޕްރޮގްރާމާ ގުޅޭ ގޮތުން އެކުދިންގެ ޚިޔާލުތަކާއި ކުރިމަގު ތަޞައްވަރު ހާމަކޮށް ހުށަހަޅައިދިން އިރު، ކީ ސްތޭޖް 2ން ވަނީ ސްކޫލް މާހައުލަކީ ފެހިފަހި މާހައުލަކަށް ހެދުމަށް ކުރެވެމުންދާ މަސައްކަތްތަކާއި އެކަންކަމާ ގުޅިގެން ހުރި ކަންބޮޑުވުންތަކާއި ކުރިމަގު ތަޞައްވަރު ހާމަކޮށްދީފައެވެ. އަދި ކީސްޓޭޖް 3ގެ ދަރިވަރުން ވަނީ އިމްތިހާނުކުރުމާއި، ދަރިވަރުންގެ ޝައުގުވެރިކަމާއި ހުނަރު ތަރައްގީކުރުމާ ގުޅޭ ގޮތުން ވަރަށް ފުރިހަމަ ހުށަހެޅުންތަކެއް ހުށަހަޅައި، އެކުދިންގެ ޝުޢޫރު ހާމަކޮށްދީފައެވެ. ކީ ސްޓޭޖް 4ގެ ދަރިވަރުންގެ ހުށަހެޅުން ބިނާކޮށްފައިވަނީ 21 ވަނަ ގަރުނުގެ ހުނަރުތަކާއި، ބަޑީ ލާރރިން އަދި އުގަންނައިދިނުމުގެ ދާއިރާއަށް ޝައުގުވެރިވާ ޒުވާނުން ނެތުމުގެ ކަންބޮޑުވުމާ ގުޅޭ ވާހަކަތަކުގެ މައްޗަށެވެ.

ދަރިވަރުންގެ ކޮންމެ ހުށަހެޅުމަކަށްފަހު ޕެނަލިސްޓުންގެ ފަރާތުން ދަރިވަރުންގެ ވާހަކަތަކާ ގުޅެގޮތުން ޚިޔާލުފާޅުކޮށް ވާހަކަދައްކަވައި، ބައެއް ސުވާލުތައް ވެސްކުރިމަތި ކުރުވާފައިވެއެވެ. އަދި މުދައްރިސުންގެ ފަރާތުން ވެސް ޚިޔާލުތައް ފާޅުކޮށް އެކިއެކި ސުވާލުތައް ވެސް ކުރައްވާފައިވެއެވެ. މި ސުވާލުތަކަށް ވެސް ދަރިވަރުން ވަނީ ވަރަށް ފުރިހަމައަށް ޖަވާބު ދީ ވާހަކަދައްކާފައެވެ.

ފޯރަމްގައި ޕެނަލިސްޓުންގެ ގޮތުގައި ބައިވެރިވެވަޑައިގެންނެވީ މޯލްޑިވްސް ނެޝަނަލް ޔުނިވަރސިޓީގެ ކޮލިޓީ އެޝިޔުރެންސް ކޮންޓްރޯލަރ، އެސިސްޓެންޓް ޕްރޮފެސަރ ޑރ. އާމިނަތު ޝިޔާމާ އާއި އިންސްޓިޓިއުޓް އޮފް ރިސާރޗް އެންޑް ޑިވަލޮޕްމަންޓްގެ އެޑިޔުކޭޝަން ކޮންސަލްޓެންޓް ޑރ. ފާތުމަތު ޝަފީގާ އެވެ.
ކަލާފާނު ސްކޫލުން ބުނީ، މި ފޯރަމަކީ ވަރަށް ކަމިޔާބުކަމާއެކު ކުރިއަށް ގެންދެވުނު ފޯރަމެއް ކަމަށާއި، ފުރިހަމަ ހުށަހެޅުންތަކެއް ފެނިގެންދިޔަ މި ފޯރަމުން ސްކޫލްގެ ކުރިމަގު ބައްޓަން ކުރުމަށް ބިނާކުރަނިވި ޚިޔާލުތަކެއް ލިބިގެން ދިޔަ ކަމަށެވެ.
advertisment
ހިޔާލު