ތައުލީމީ ވުޒާރާގެ އާ ވެބްސައިޓް ވަޒީރު ޑރ. އިސްމާޢީލް ޝަފީޢު އިފުތިތާހުކޮށްދެއްވައިފިއެވެ.
މި ވެބްސައިޓްއަކީ މިނިސްޓްރީ އިން 2012 ވަނަ އަހަރުން ފެށިގެން ބޭނުންކުރަމުން އައި ކުރީގެ ވެބްސައިޓް ރީޑިޒައިންކޮށް، ޒަމާނީ ފެންވަރަށް ތަރައްގީކޮށްފައިވާ ވެބްސައިޓެއް ކަމަށް އެ ވުޒާރާއިން ބުނެއެވެ.
މި ވެބްސައިޓް މެދުވެރިކޮށް، މިނިސްޓްރީއިން ދެމުންގެންދާ ހިދުމަތްތަކުގެ މައުލޫމާތު ފަސޭހަކަމާއެކު ފޯރުކޮށްދެވި، އޮންލައިން މުއާމަލާތްތައް ފަސޭހަކަމާއެކު ކުރެވޭނެ ކަމަށާއި ސްކޫލުތަކާ ގުޅޭ ގިނަ މައުލޫމާތާއި ތަފާސްހިސާބު ވެސް މި ވެބްސައިޓްގައި ހިމަނާފައިވާނެ ކަމަށް ތައުލީމީ ވުޒާރާއިން ބުނެއެވެ.
މި ވެބްސައިޓް އިފުތިތާހުކުރުމަށް މިއަދު ބޭއްވި ހަފްލާއެއްގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ ވިދާޅުވީ، މި ވެބްސައިޓަކީ ރައްޔިތުންނަށް ފަސޭހަކަމާއެކު މުހިންމު މައުލޫމާތުތަކެއް ލިބިގެންދާނެ ގޮތަށް ފަރުމާކޮށްފައިވާ ވެބްސައިޓެއް ކަމަށާއި އެ ވުޒާރާގެ ތާރީހް އަދި ކުރިން ވަޒީރުކަން ކުރެއްވި ބޭފުޅުންގެ މައުލޫމާތު މި ވެބްސައިޓުން ފެންނަން ހުންނާނެ ކަމަށެވެ.
ދިވެހިރާއްޖޭގެ ސްކޫލްތަކުގެ މައުލޫމާތު ހިމެނޭހެން ކޮންމެ ސްކޫލަކަށް ހާއްސަ ވެބް ޕޭޖެއް ފަރުމާކޮށްފައިވެއެވެ. މި ޕޭޖުން، ސްކޫލުތައް އުފެދިގެން އައިގޮތާއި އެ ސްކޫލުތަކުގެ ތާރީހުގެ އިތުރުން ދަރިވަރުންނާއި މުދައްރިސުންގެ އަދަދު ފަދަ މައުލޫމާތުތަށް ވަނީ ހިމަނާފައެވެ. މިއާއެކު މި ވެބްސައިޓޫން ތައުލީމީ ދާއިރާގެ މުހިންމު ބައެއް ތަފާސް ހިސާބުތަކާއި، މިނިސްޓްރީގެ މުހިންމު ޚަބަރުތައް ފެންނަންހުންނާނެ ކަމަށް ވެސް ފާހަގަ ކުރެއްވިއެވެ.
ކުރިއަށް އޮތް ދުވަސްތަކުގައި މި ވެބްސައިޓް އިތުރަށް ތަރައްގީކޮށް، މަޢުލޫމާތު މުއްސަދި ވެބްސައިޓަކަށް ހެދުމުގެ މަސައްކަތް ކުރިއަށްދާނެ ކަމަށާއި ސްކޫލުތަކުން ހިންގާ ޙަރަކާތްތައް އެ ވެބްސައިޓް މެދުވެރިކޮށް ފެންނަން ހުންނާނެ ގޮތް ހެދުމަކީ ވެސް ތައުލީމީ ވުޒާރާގެ އަމާޒެއް ކަމުގައި ވަޒީރު ވިދާޅުވެފައިވެއެވެ.
advertisment
ހިޔާލު