ގއ. ކޮލަމާފުށީ ކައުންސިލުގެ އެހީތެރިކަމާއެކު ގއ. އަތޮޅު މަދަރުސާގައި ވާޗުއަލް ކްލާސްރޫމެއް މިއަދު ހުޅުވައިފިއެވެ.
މި ކުލާސްރޫމް ހުޅުވައި ދެއްވީ އެ ކައުންސިލުގެ ކުރީގެ ރައީސް އަޙްމަދު ޖަމީލެވެ.

މި ވާޗުއަލްކްލާސް ރޫމް ޤައިމް ކުރީ ކައުންސިލްގެ ބަޖެޓުން ގާތްގަޑަކަށް 80،000 ރުފިޔާ ޚަރަދު ކޮށްގެންނެވެ. މީގެ މައިގަނޑު މަޤްޞަދަކީ އެ މަދަރުސާގެ ދަރިވަރުންގެ ތަޢުލީމީ ފެންވަރު މަތިކުރުމާއި، ފެންވަރު ރަނގަޅު ޓީޗަރުންގެ އެހީތެރިކަން ދަރިވަރުންނަށް ފަސޭހަ އިންތިޒާމެއް ހަމަޖައްސައި ދެއްވުން ކަމަށް ކައުންސިލުގެ ރައީސް އިބްރާހިމް ވަހީދު ވިދާޅުވިއެވެ.

" ދަރިވަރުން އިމްތިޙާނަށް ތައްޔާރުވަމުންދާއިރު ފެންވަރު ރަނގަޅު ޓީޗރުންގެ އެހީތެރިކަން ހޯދުމުގެ ފުރުޞަތު ފަހިވެގެންދާނެ. އަދި އެއާއެކު ތަފާތު ކޯސްތައް ހިންގުމުގެ ފުރުޞަތު ވެސް ފަހިވެގެންދާނެ" އިބްރާހިމް ވަހީދު ވިދާޅުވިއެވެ.

މިއަދު އަޅުގަނޑުމެންގެ ތަޢުލީމީ ނިޒާމު ބައްޓަން ވަމުން މި ދަނީ ޒަމާނީ ޓެކްނޮލޮޖީގެ ވަސީލަތްތައް ބޭނުންކޮށްގެން، މުދައްރިސުންގެ އިރުޝާދާއެކު ދަރިވަރުން އަމިއްލައަށް ޒިންމާ ނަގައިގެން ކިޔެވުމުގެ މައްޗަށް ކަމަށާއި އުންމީދު ކުރަނީ ކުރިއަށް އޮތް ތަނުގައި މި ވާޗުއަލް ކްލާސް ރޫމްގެ ބޭނުން އެންމެ ފުރިހަމަ ގޮތުގައި ހިފައި، ދަރިވަރުންގެ ތަޢުލީމީ ފެންވަރު އިތުރަށް ރަނގަޅުވެ، މުޅި ތަޢުލީމީ ނިޒާމު ހަރުދަނާވެގެން ދިއުން ކަމަށް ކޮލަމާފުށީ ކައުންސިލުން ބުންޏެވެ. އަދި މި ވާޗުއަލް ކްލާސް ރޫމްގެ ސަބަބުން ގއ. އަތޮޅު މަދަރުސާގެ ދަރިވަރުންނާއި، ޓީޗަރުންނަށް ފައިދާކުރާނެ ކަމަށް ކައުންސިލުން އުންމީދުކުރާ ކަމަށް ވެސް އެ ކައުންސިލުން ބުނެއެވެ.

ގއ. އަތޮޅު މަދަރުސާގައި 150 އެއްހާ ދަރިވަރުން ގުރޭޑް 10އާ ހަމައަށް ކިޔަވަމުން ގެންދެއެވެ.
advertisment
ހިޔާލު