ގާދިއްފުށީ ކައުންސިލުން އެރަށު ސްކޫލް އޭސީ ކޮށްދީފި

ތ. ގާދިއްފުށީ ކައުންސިލުން އެރަށު ސްކޫލް އޭސީކޮށް ދީފިއެވެ. ދެވަނަ ޓާމުގެ ކިޔަވަން ފެށީ ކައުންސިލުން ދިން ފުރިހަމަ އެއްބާރުލުމާއެކު " ކޫލް ސްކޫލް" އެއްގެ ގޮތުގައެވެ.

ގާދިއްފުށީ ސްކޫލުގެ ޕްރިންސިޕަލް މުޙައްމަދު ހަނީފު ވިދާޅުވީ، " ކޫލް ސްކޫލް" އަކަށް އެ ސްކޫލް ބަދަލުކުރީ ކައުންސިލުގެ އިސްނެގުމާއެކު އަށް ކުލާސްރޫމް އޭސީ ކޮށްދީގެންނެވެ. އެއީ ދަރިވަރުންނާއި ޓީޗަރުންނަށް އަދި ބެލެނިވެރިންނަށް ލިބުނު ވަރަށް ބޮޑު ހިތްހަމަޖެހުމެއް ކަމަށް އޭނާ ފާހަގަ ކުރެއްވިއެވެ.

ހަނީފު ވިދާޅުވީ، ކުލާސްރޫމްތައް އޭސީ ކުރަން އިސްނެގީ އެ ސްކޫލުގެ ފިރިހެން ބެލެނިވެރިން ކަމަށެވެ.

" ހޫނު ގަދަ ކަމުން އެހާ ގިނަ ވަގުތު ކުލާސްރޫމްތަކުގައި ކުދިން ގެންގުޅެން ވެސް ދަތި. އަދި ދަރިވަރުންގެ ކިޔެވުމަށް ވެސް އޭގެ ނޭދެވޭ އަސަރު ކުރޭ. މިހާރު ހާލަތު ބަދަލުވެއްޖެ ކުދިންގެ ފަރާތުން ވެސް ފެންނަނީ އުފާވެރިކަމާއި ހިތްގަމަޖެހުން" ހަނީފު ވިދާޅުވިއެވެ.

ގާދިއްފުށީ ސްކޫލުގައި 58 ދަރިވަރުން ކިޔަވަމުން ގެންދެއެވެ.

އެ ސްކޫލުގެ ހުރިހާ ކުލާސްރޫމެއް އޭސީ ކޮށްދީ، ތައުލީމަށް ކައުންސިލުން ކޮށްދޭ ކަންތައްތައް ޝުކުރުވެރިކަމާއެކު ބަލައި ގަންނަ ކަމަށް ހަނީފު ވިދާޅުވިއެވެ. އެކަމުގައި ބެލެނިވެރިންގެ ފަރާތުން ލިބުނު އެއްބާރުލުމަށް އޭނާ ޝުކުރުއަދާކުރިއެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *