ބްރޯޑްކާސްޓިންގ ދުވަސް ފާހަގަ ކުރުމުގެ ގޮތުން "ވިޝަންސް އޮފް ދަ ފިއުޗާ" ނަމުގައި ކުރެހުމުގެ މުބާރާތެއް މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަނުން ހުޅުވާލައިފިއެވެ.
މި މުބާރާތަކީ އޮކްޓޫބަރު މަހުގެ 4 ވަނަ ދުވަހު ފާހަގަކުރާ ދިވެހިރާއްޖޭގެ ބްރޯޑްކާސްޓިންގ ދުވަސް ފާހަގަ ކުރުމުގެ ގޮތުން ރާއްޖޭގެ ހުރިހާ ސްކޫލްތަކުގެ ދަރިވަރުންނަށް އަމާޒުކޮށްގެން ބާއްވާ އާޓް މުބާރާތެކެވެ.
މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަނުން ބުނެފައި ވަނީ، މި މުބާރާތުގެ މަގްސަދަކީ ދަރިވަރުން ބްރޯޑްކާސްޓިން ދާއިރާއަށާއި ރާއްޖޭގައި ހަރަކާތްތެރިވާ ރޭޑިއޯ/ޓީވީ ޗެނަލްތަކުން ފޮނުވާ ކޮންޓެންޓަށް ޝައުގުވެރިކަން އިތުރުކޮށް، ކޮންޓެންޓް އުފައްދާ މީހުންގެ ބުރަ މަސައްކަތް ކުޑަކުދިންގެ އަމިއްލަ ހިޔާލުން ސިފަ ކުރާ ގޮތް ދެނެގަތުމެވެ. ބްރޯޑްކާސްޓިންގ ދާއިރާއާ ގުޅުވާލާފައި މި ފަދަ މުބާރާތެއް އިންތިޒާމް ކުރުމުގެ ބޭނުމަކީ ދަރިވަރުންގެ ފަންނީ ހުނަރު ތަރައްގީކުރުމާއި، ބްރޯޑްކާސްޓިންގ ދާއިރާއަށް ހޭލުންތެރިކޮށް ދިވެހި ކޮންޓެންޓަށް ޝައުގުވެރިކަން އިތުރު ކުރުމެވެ. އަދި މި މުބާރާތުގެ ސަބަބުން ދިވެހި ބަހާއި، ދިވެހިންގެ ތާރީހާއި އާދަކާދައަށް ލޯބި ކުރުން އިތުރުވާނެ ކަމަށް އެ ކޮމިޝަނުން ދެކެއެވެ.
މި މުބާރާތަށް ކުރެހެންތައް ހުށައަޅަން ޖެހެނީ މައިގަނޑު ތިން ޝިއާރު ތަކަށެވެ. އެއީ:
ދަ އިވޮލިއުޝަން އޮފް މީޑީއާ –
މި ޝިއާރަށް ހުށަހަޅާ ކުރެހުންތަކުން ދައްކުވައިދޭންވާނީ ނުވަތަ ލިބޭ މެސެޖަކަށްވާންވީ އިހުގެ ރޭޑިއޯ އިން ފެށި ބްރޯޑްކާސްޓިން މިއަދާ ހަމައަށް އައި އިރު ޒަމާނީ ބްރޯޑްކާސްޓިން ޕްލެޓްފޯމަކަށް ބަދަލުވެފައިވާ ގޮތެވެ.
ބްރޯޑްކާސްޓް މީޑިއާ އެންޑް ކަލްޗާ –
ޝިއާރަށް ހުށަހަޅާ ކުރެހުންތަކުން ދައްކުވައިދޭންވާނީ ރާއްޖޭގެ ސަގާފަތާއި، ތާރީހާއި އަދި އާދަކާދަ ދެމެހެއްޓުމުގައި ބްރޯޑްކާސްޓިން މީޑީއާ އަދާ ކުރާ ދައުރެވެ.
ބްރޭކިން ނިއުސް-
މި ޝިއާރަށް ހުށަހަޅާ ކުރެހުންތަކުން ބްރޯޑްކާސްޓިން މީޑިއާ އިން ބްރޭކިން ނިއުސް އާއްމުންނަށް ގެނެސްދިނުމަށް އަދާ ކުރާ މުހިއްމު ދައުރު ދައްކައިދޭން ވާނެއެވެ.
ތިން އުމުރު ފުރައަކަށް ހުޅުވާލައިގެން ކުރިއަށް ގެންދާ ކުރެހުމުގެ މުބާރާތުގައި ކޮންމެ އުމުރު ފުރައަކުން އެއްވަނަ، ދެވަނަ އަދި ތިންވަނަ ހޮވާނެއެވެ.
މުބާރާތް ބެހިފައިވާ އުމުރު ފުރާތަކަކީ؛
- 6 އަހަރާއި 9 އަހަރު ދެމެދުގެ އުމުރުފުރާ
- 10 އަހަރާއި 13 އަހަރު ދެމެދުގެ އުމުރުފުރާ
- 14 އަހަރާއި 16 އަހަރު ދެމެދުގެ އުމުރުފުރާ
ކޮންމެ އުމުރުފުރައަކަށް މަތީގައި ބަޔާންކޮށްފައިވާ ޝިއާރުތަކުގެ ތެރެއިން ބޭނުން ޝިއާރަކަށް އާޓް ހުށެހެޅުމުގެ ފުރުސަތު އޮންނާނެ އެވެ. މުބާރާތަށް އާޓް ހުށެހެޅުމުގެ ސުންގަޑިއަކީ 20 އޮކްޓޫބަރުއެވެ.
advertisment
ހިޔާލު