މާލޭގެ މިސްކިތްތަކުގެ ވުޞޫކުރާ ސަރަހައްދުގައި، ފެން އިސްރާފު ނުކުރަން އިރުޝާދު ދޭ ބޯޑްތަކެއް އިމާދުއްދީނުގެ ސްކައުޓުން ހަރުކޮށްފިއެވެ. ބޯޑްގައި ލިޔެފައި ވަނީ ދިވެއްސާއި އިނގިރޭސި ބަހުން " ފެން އިސްރާފު ނުކުރައްވާ" އެވެ.
މާލޭ ސިޓީ ކައުންސިލުން ބުނީ، ޢިމާދުއްދީން ސްކޫލުގެ ސްކައުޓުން އިސްނަގައިގެން މާލޭގެ މިސްކިތްތަކުގެ ވުޟޫކުރާ ސަރަހައްދުގައި، ފެން އިސްރާފު ނުކުރަން ބާރުއަޅައި އިރުޝާދު ދޭ ބޯޑްތަކެއް ހަރުކުރުމުގެ މަޝްރޫޢު އިފުތިތާޙު ކޮށްފައިވާ ކަމަށާއި އެ މަސައްކަތް އިމާދުއްދީނުގެ ދަރިވަރުން ކުރީ މާލޭގެ މިސްކިތްތަކުގެ އާބާތުރަ ފިލުވައި، މިސްކިތްތަކުގެ ފާހާނާތައް ރަނގަޅު ފެންވަރަކަށް ހެދުމަށް، މާލެ ސިޓީ ކައުންސިލުން ފަށައިގެން ކުރިޔަށް ގެންދާ މަސައްކަތުގައި ބައިވެރިވެ އެހީތެރިވުމުގެ ގޮތުން ކަމަށެވެ.

ފެން އިސްރާފު ނުކުރަން ބާރުއަޅައި ހޭލުންތެރި ކުރުވުމުގެ މަޤްޞަދުގައި ބޯޑްތައް ހަރުކުރީ އިސްލާމީ މަރުކަޒާއި ސަލްމާން މިސްކިތް ފިޔަވައި މާލޭގެ އެހެން ހުރިހާ މިސްކިތެއްގައެވެ.
އިމާދުއްދީން ސްކޫލުން ބުނީ، ބޯޑްތައް ހަރުކުރުމުގެ މަސައްކަތް ކުރީ ޕްރެޒިޑެންޓް ސްކައުޓް ބެޖް ހޯދަން އެ ސްކޫލުގެ ސްކައުޓުން ކުރިއަށް ގެންދާ އިޖްތިމާއީ ހަރަކާތްތަކެއްގެ ތެރެއިން ކަމަށެވެ. ފެން އިސްރާފު ނުކުރަން ހޭލުންތެރި ކުރުމުގެ ޚިޔާލަކީ ދަރިވަރުން އަމިއްލައަށް އިސްނަގައިގެން ފެށި މަސައްކަތެއް ކަމަށާއި އެކަމުގައި ސިޓީ ކައުންސިލުން ވަރަށް ބޮޑު އެހީތެރިކަމެއް ދީފައިވާ ކަމަށް އިމާދުއްދީނުން ބުނެއެވެ.

" ދަރިވަރުންގެ ފަރާތުން ހުށައެޅި ހުށައެޅުމަށް ސިޓީ ކައުންސިލުން ދިން ފުރިހަމަ އެއްބާރުލުމާއެކު ބޯޑްތައް ހަރުކުރީ. ބޯޑްތަކުގައި ލިޔާނެ އިބާރާތްކޮޅާއި ބޯޑްގެ ސައިޒް ވެސް ކަނޑައެޅީ ސިޓީ ކައުންސިލުގެ މަޝްވަރާގެ މަތިން." އިމާދުއްދީން ސްކޫލުގެ ޑެޕިއުޓީ ޕްރިންސިޕަލް ސީނާ ލަތީފު ދަރިވަރު ނޫހަށް ވިދާޅުވިއެވެ.

ސީނާ ވިދާޅުވީ، ދަރިވަރުން ކުރާ އެ ފަދަ މަސައްކަތްތައް ކާމިޔާބު ކަމާއެކު ކުރިއަށް ދަނީ ބެލެނިވެރިންގެ ފަރާތުން ލިބެމުންދާ އެއްބާރުލުމުގެ ސަބަބުން ކަމަށެވެ.
advertisment
ހިޔާލު