އިލްމީ ދިރާސާ ހެދުމަށް އިސްލާމިކް މިނިސްޓްރީއާއި އެމްއެންޔޫއިން އެއްބަސްވުމެއް

އިސްލާމިކް މިނިސްޓްރީއާއި އެމްއެންޔޫ ގުޅިގެން އިލްމީ ދިރާސާ ހެދުމާއި މަތީ ތަޢުލީމަށް ކިޔެވޭނެ ގޮތް ފަހިކޮށްދިނުމަށް ދެފަރާތުގެ މެދުގައި ފަހުމުނާމާއެއްގައި ސޮއިކޮށްފިއެވެ.

މިއަދު އިސްލާމީ މަރުކަޒުގައި އޮތް ރަސްމިއްޔާތެއްގައި މި ފަހުމުނާމާގައި އިސްލާމިކް މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދެވެ. އެމްއެންޔޫގެ ފަރާތުން ސޮއިކުރެއްވީ ޑެޕިއުޓީ ޗާންސެލަރު ޑރ. އާއިޝަތު ޝެހެނާޒު އާދަމެވެ.

މި ފަހުނާމާގައި ސޮއިކުރެއްވުމަށްފަހު، ޑރ. ޝެހެނާޒު ވިދާޅުވީ، ދެފަރާތަށް ފައިދާ އާއި މަންފާ ހުރި ތަޢުލީމް ފެތުރުމަށާއި ދިރާސާ ކުރުމުގެ ހަރަކާތްތައް ހިންގުމަށާއ ދިވެހިރާއްޖޭގެ ކަންކޮޅުތަކުގައި ދީނީ ހޭލުންތެރިކަން އިތުރުކުރުމުގެ ޕްރޮގްރާމް ހިންގަން އެ ފަހުމުނާމުގެ ސަބަބުން މަގުފަހިވެގެންދާނެ ކަމަށެވެ.

އޭނާ ވިދާޅުވީ، ފަހުމުނާމާގެ މައިގަނޑު މަޤްޞަދަކީ އިލްމީ ދިރާސާ ހެދުމާ މިދާއިރާއިން މަތީ ތަޢުލީމަށް ކިޔެވޭނެ ގޮތް ހަމަޖެއްސެވުން ކަމަށެވެ.

ޑރ. ޝެހެނާޒު ވިދާޅުވީ، ފަންނީ މާހިރުން އުފެއްދުމަށް ބޭރުގެ ޤައުމުތަކުން ފުރުޞަތު ހޯދުމާއި ބޭރު ޤައުމުތަކުން ތަޖުރިބާ ހިއްސާ ހޯދުމުގެ ދަތުރުތައް ހަމަޖައްސައި ދިނުމަށް އެހީތެރިކަން ފޯރުކޮށް ދިނުމާއި ދިވެހިރާއްޖޭގެ ދީނީ ވަހުދަތު ހިމާޔަތް ކުރުމަށާއި ދީނުގެ މެދުމިނުގެ ސިޔާސަތު ދެމެހެއްޓުމަށް އެއްބާރުލުން ދިނުމާ ދިވެހި ޒުވާނުންގެ ކިބައިގައި ދީނީ އަދި ޤައުމީ ލޯބި އާލާ ކުރުމުގެ މަސައްކަތުގައި އެއްބާރުލުން ދިނުން ވެސް ހިމެނޭ ކަމަށެވެ. ރާއްޖޭގެ ދީނީ އިލްމްވެރިންގެ މެދުގައި ދެނެގަތުމާއި ގާތްކަން ދެމެހެއްޓުމުގެ ބޭނުމުގައި ސެމިނާތަކާ ފޯރަމްތަކާ މަހާސިންތާތައް ރާވާ ހިންގުމުގައި އެހީތެރިވުމާ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ޖަމާއަތްތެރިން އުފައްދައި ތަމްރީނު ކުރުމުގެ ދާއިރާގައި އެއްބާރުލުން ދިނުމާ ރައްޔިތުންގެ މެދުގައި ދީނީ ހޭލުންތެރިކަން އިތުރުކޮށް ދީނީ ފޮތްތައް އެކުލަވާލުމާއި ސިލަބަހަށް ބޭނުންވާ މުރާޖިއުތައް ތަރުޖަމާ ކުރުމުގައި އެހީތެރިވުން ހިމެނޭ ކަމަށް ޑރ. ޝެހެނާޒު ވިދާޅުވިއެވެ.

" އަޅުގަނޑުމެން އުއްމީދު ކުރަނީ މި ފަހުމުނާމާގެ ސަބަބުން އަޅުގަނޑުމެންގެ ދަރިވަރުންނަށާއި އިލްމްވެރިންނަށް އާ ދޮރުތަކެއް ހުޅުވި، އަޅުގަނޑުމެންގެ މުޖްތަމައަށް މާނަ ހުރި ގޮތެއްގައި އެހިތެރިކަން ފޯރުކޮށްދިނުމުގެ ފުރުޞަތު ފަހިވެގެންދާނެ ކަމަށް. އަޅުގަނޑުމެން ގުޅިގެން ތަފާތު އީޖާދީ ޕްރޮގްރާމްތައް ތަރައްޤީކޮށް ޒަމާނީ ގޮންޖެހުންތަކަށް ހައްލު ހޯދާދީ ދިރާސާތަކަށް މަގުފަހިކޮށްދީ އިސްލާމީ އިލްމް ކުރިއަރުވާނެ މާހައުލެއް ޤާއިމް ކުރުމަށް މަގުފަހިވެގެންދާނެ" ޑރ. ޝެހެނާޒު ވިދާޅުވިއެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *