ކިޔަވަން ލޯނުގެ ގޮތުގައި މި އަހަރުގެ މިހާތަނަށް 743 މިލިއަން ރުފިޔާއި ސްކޮލަޝިޕްގެ ދަށުން ކިޔަވާ ދަރިވަރުންނަށް 103 މިލިއަން ރުފިޔާ ޚަރަދުކޮށްފައިވާ ކަމަށް މަތީ ތައުލީމާ ބެހޭ ވުޒާރާއިން ބުނެފިއެވެ.
އެ ވުޒާރާއިން، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވަޒީރު، ޑރ. މަރިޔަމް މާރިޔާ ވިދާޅުވީ، ރާއްޖެއިން ބޭރުން ކިޔަވަން މިދިޔަ އަހަރު ދޫކުރި ލޯނުތަކަށް ދޫކުރަންޖެހޭ ގިނަ އަދަދެއްގެ ފައިސާ ދޫކޮށްފައި ވަނީ މި އަހަރު ކަމަށާއި ކޮންމެ ހަމަހަކުން ލޯ ފައިސާ ދޫކުރަމުން ގެންދާ ކަމަށެވެ.
ޑރ. މާރިޔާ ވިދާޅުވީ، ފައިސާ ޖަމާކުރަމުން ގެންދަނީ ކިޔަވަމުންދާ ދަރިވަރުންގެ އެކައުންޓްތަކަށް ކަމަށާއި ނޫނީ އެ ދަރިވަރުން އިޚްތިޔާރުކޮށް އަންގާފައިވާ އެކައުންޓްތަކަށް ކަމަށެވެ. އަދި ވިދާޅުވީ ލޯން ދޫކުރަން އިދާރީ ގޮތުން ކުރަންޖެހޭ ކަންތައްތައް ކުރުމަށް ލިޔެކިޔުންތައް ފުރިހަމަ ކޮށްފައި ނުހުންނަ ކަމަށާއި އެކަމުގެ ސަބަބުން އިތުރު ދަތިތަކާއި ލަސްތަކެއް ކުރިމަތިވަމުންދާ ކަމަށެވެ.
އެއްވެސް ކުއްޖަކަށް ދެރަގޮތެއް މެދުވެރިނުވެ ކިޔެވުން ކުރިއަށް ގެންދެވޭނެ ގޮތަށް ފައިސާ ދޫކުރަމުންދާ ކަމަށާއި
ކިޔެވުން ނުހުއްޓި ކުރިއަށް ގެންދިއުމަށް ޔުނިވަރސިޓީތަކަށް ގުޅައިގެން އީމެއިލް ކޮށްގެން ފައިސާ ދައްކާނެ ކަމުގެ ޔަޤީންކަން ދޭ ކަމަށް ވެސް ވަޒީރު ވިދާޅުވިއެވެ.
ވަޒީރު ޑރ. މާރިޔާ ވިދާޅުވީ، އެކިއެކި ސްކޮލަރޝިޕްތަކަށް މި އަހަރުގެ މިހާތަނަށް 103 މިލިއަން ރުފިޔާ ދޫކޮށްފައިވާ ކަމަށެވެ. އަދި އެ ފައިސާ ދޫކޮށްފައިވާ ކަމަށާއި ފައިސާ ދޫކޮށްފައި ވަނީ ޔޫއެސް ޑޮލަރު ނޫނީ އެ ދަރިވަރަކު ކިޔަވާ ޤައުމެއްގެ ފައިސާއިން ކަމަށެވެ.
ސްކޮލަރޝިޕްގެ ފައިސާ ދެ ގޮތަކަށް ދޫކުރަމުން ގެންދާ ކަމަށާއި ކިޔަވާ މަރުކަޒަކަށް ދައްކަންޖެހޭ ފައިސާ ޓީޓީކޮށްގެން ދެއްކުމާއި ދަރިވަރުންގެ އެހެނިހެން ޚަރަދުތަކަށް ދޫކުރާ ފައިސާ އެ ދަރިވަރަކު ކިޔަވާ ޤައުމެއްގައި ހުޅުވާފައި އޮންނަ އެކައުންޓަކަށް ޓްރާންސްފަރ ކުރާ ކަމަށް ވަޒީރު ވިދާޅުވިއެވެ.
ވަޒީރު ވިދާޅުވީ، ސްކޮލަރޝިޕްގައި ފުރާ ދަރިވަރުން ފުރާއިރު އެ ދަރިވަރަކަށް ޓިކެޓް ދިނުމުގެ އިތުރަށް އެ ދަރިވަރަކުދާ ޤައުމަކަށް ކަނޑައަޅާފައިވާ ރޭޓަކުން ދެ މަސްދުވަހުގެ ސްޓައިޕެންޑާއި އެސްޓަބްލިޝްމަންޓް އެލަވަންސާއި ޕޮކެޓްމަނީ ބޭރުފައިސާ ( ޔޫއެސްޑޮލަރުން) ހަވާލުކުރަން ހަމަޖެހިފައި އޮންނަ ކަމަށެވެ. މި ފައިސާ ހަވާލުކުރަން ކުރެވޭ އިދާރީ މަސައްކަތް ކުރެވޭހާ ދުވަސް އޮއްވައި ފުރާ ދުވަސް އަންގައިފިނަމަ އެ ދަރިވަރަކަށް ފައިސާ ހަވާލު ކުރުމުގެ މަސައްކަތް ބަންދު ދުވަސްތަކުގައި ވެސް ކޮށްފައިވާކަން ވަޒީރު ފާހަގަކުރެއްވިއެވެ.
advertisment
ހިޔާލު