ކުޅުދުއްފުށީ ނޮލޮޖް ސެންޓަރަށް 2000 އަށްވުރެ ގިނަ ފޮތް ހިމެނޭ ކުތުބުޚާނާއެއް
ކުޅުދުއްފުށީގައި ނޮލެޖް ސެންޓަރެއް ޤާއިމްކޮށް އެތަނުގައި އާންމު ކުތުބުޚާނާއެއް ތަރައްޤީކޮށް އެތަން ރޭ ހުޅުވައިފިއެވެ. ރޭ ބޭއްވި ރަސްމިޔާތުގައި ކުތުބުޚާނާ ހުޅުވައިދެއްވީ ދިވެހި ރާއްޖޭގެ ގައުމީ ޔުނިވާސިޓީގެ ކުޅުދުއްފުށީ ކެމްޕަހުގެ އެސިސްޓެންޓް ޕްރޮފެސަރ ޑރ މުހައްމަދު އުމަރެވެ.

ނޮލެޖް ސެންޓަރުގައި، ދެ މިލިއަނެއްހާ ރުފިޔާ ޚަރަދުކޮށްގެން ހުޅުވި ކުތުބުޚާނާގެ އިތުރުން ސްޓަޑީ ދެ ރޫމާއި ނަފްސާނީ އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ޚާއްޞަ ވެލްނެސް ރޫމެއް ވެސް ވަނީ ތަރައްޤީ ކޮށްފައެވެ. މި ކިތުބުޚާނާގައި ސިޓީ ކައުންސިލުން 2465 ފޮތް ވަނީ ބަހައްޓާފައެވެ. ފޮތް ގަތުމަށް 63،000 ރުފިޔާ ޚަރަދުކޮށްފައިވެއެވެ.

ކުޅުދުއްފުށީ ސިޓީ ކައުންސިލުން ބުނި ގޮތުގައި، ލައިބްރަރީ ބޭނުންކުރައްވާ ފަރާތްތަކަށް ލައިބްރަރީގެ މައި އިމާރާތުންނާއި އަދި ލައިބްރަރީގެ މީޓިންގް ރޫމް ތަކުން އިންޓަރނެޓްގެ ޚިދުމަތް ފޯރުކޮށްދޭނެއެވެ. ލައިބްރަރީގައި ހުރި ދެ ސްޓަޑީ ރޫމްގެ މައިގަނޑު މަޤްޞަދަކީ ދަރިވަރުންނަށް ގްރޫޕް ސްޓަޑީ ހެދުމަށް އެކަށީގެންވާ ޖާގައެއް ފޯރުކޮށްދިނުމާއި ތަޢުލީމީ ޕްރޮގްރާމްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމާއެކު، ކިޔެވުމާއި އެއްބާރުލުމަށް ޕްރޮފެޝަނަލް މާޙައުލެއް ޤާއިމުކޮށްދީ، ޓެކްނޮލޮޖީގެ ވަސީލަތްތަކަށް ވާޞިލުވުމުގެ އަދި ބައްދަލުވުންތައް ފަދަ ކަންކަން ބޭއްވުމަށް މަގުފަހިކޮށްދިނުމެވެ. މީގެއިތުރުން، ލައިބްރަރީގައި ހުންނަ ވެލްނެސް ރޫމުން ޓެކްނޮލޮޖީގެ ވަސީލަތްތަކަށް ވާޞިލުވުމުގެ ފުރުޞަތު ހޯދައިދިނުމާއި އަދި ނަފްސާނީ ދުޅަހެޔޮކަމަށް އަޅާލާ ފަރާތްތަކަށް، ޑޮކްޓަރުންނާ މަޝްވަރާކުރުމަށް ޚާއްޞަ ޕްރައިވެސީއެއް ކަށަވަރުކޮށް ދެވޭނެ ކަމަށް ވެސް އެ ކައުންސިލުން ބުންޏެވެ.

އާންމު ކުތުބުހާނާއަކީ ކޮންމެހެން މުޖުތަމައުއަށް ބޭނުންތެރި ހިދުމަތެއް ކަމަށާއި ފޮތްތެރިކަމާއި ކިއުންތެރި ކަމަކީ މުޖުތަމައުއެއް ތަހުޒީބު ވުމުގައި ބޮޑު ދައުރެއް އަދާކުރާ ކަމަށް ކައުންސިލުން ބުންޏެވެ. އަދި މި ލައިބްރަރީގެ ސަބަބުން ކޮންމެ ފަރުދަކަށް ވެސް މައުލޫމަތަށް ފަސޭހައިން އެކްސެސް ވެވޭނޭ އިންތިޒާމް ހަމަޖެހިގެންދާނެ ކަމަށާއި ވަކިން ހާއްސަކޮށް ޒުވާނުންނާއި ކިޔަވާކުދިންގެ ސިކުނޑި ތަރަށްޤީކޮށް ވިސްނުން ފުޅާކުރުމަށް އެހީތެރިވެގެންދާނެ ކަމަށް ސިޓީ ކައުންސިލުން ދެކެއެވެ.

"މިރޭ މި ލިޔެވިގެން ދިޔައީ ކުޅުދުއްފުށީގެ ތަރައްޤީއާއި ތަހުޒީބުގެ ތާރީހުގެ މުޅިން އާ ސަފުހާއެއް، މިރޭ އަޅުގަނޑުމެން މި ހުޅުވާލީ ހަމައެކަނި ފޮތްތަކެއް ލާފަ ހުރި އިމާރާތެއް ނޫން. މިރޭ ހުޅުވިގެން މިދިޔައީ މައުލޫމާތާއި އިލްމުގެ ބޮޑު ހަޒާނާއެއް، މިރޭ ހުޅުވިގެން މިދިޔައީ އަޅުގަނޑުމެންގެ އިންސާނީ ވަސީލަތް ތަރައްޤީކޮށް މީހުން ބިނާކުރާނޭ އެދުރުގެއެއް، މިރޭ މި ރޯކުރެވުނީ އަޅުގަނޑުމެންގެ މުސްތަގުބަލަށް މަގުދައްކާ އަލިކުރާނޭ އަލިގަދަ އިލްމީ ދަންމަރެއް، މިރޭ މި ރުވާލެވުނީ އަޅުގަނޑުމެންގެ ދަރީންގެ ސިކުނޑިތަކުގެ ކާނާގެ ގޮވާން ދަނޑެއް، މިރޭ މި ބަނދެނވުނީ އަޅުގަނޑުމެން ތަހުޒީބަށް ކުރާ ދަތުރުގެ ވަރުގަދަ ބައްތެއްޔެއް" ކުތުބުޚާނާ ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި މޭޔަރ މުޙައްމަދު ޢާޠިފް ވިދާޅުވިއެވެ.
advertisment
ހިޔާލު