ލާމަސީލުލާމު ޙާފިޡު ޕްރޮގްރާމުގައި ބައިވެރިވާ ދަރިވަރުން ދަސްކުރާ ޤުރުއާނުގެ ކޮންމެ ފޮތަކަށް 500 ރުފިޔާ ލިބޭ ޕްރޮގްރާމެއް ހައްދުންމަތީ އަތޮޅު ކައުންސިލުން އެކުލަވާލައި އާންމުކޮށްފިއެވެ.
ލާމަސީލުލާމު ހިފްޘް ޕްރޮގްރާމަކީ ހައްދުންމަތީ އަތޮޅު ކައުންސިލުން އިންތިޒާމް ކޮށްގެން ކީރިތިޤުރުއާނާ ބެހޭ ޤައުމީ މަރުކަޒާ ގުޅިގެން ލ. އަތޮޅުގައި ޙާފިޡުން އުފެއްދުމަށާއި، ކީރިތި ޤުރުއާން ހިތުން ދަސްކުރުމަށް ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ. މި ޕްރޮގްރާމުގެ މަޤްޞަދަކީ ލާމު އަތޮޅުގެ ރައްޔިތުންގެ ހިތްތަކުގައި ކީރިތި ޤުރުއާނަށް ލޯބި ޖެއްސުމާއި ކީރިތި ޤުރުއާނުގެ ފަންނުތައް ކުރިއަރުވައި، ޙާފިޡުންނާއި ޤާރީން އުފެއްދުމަށް ބާރުއަޅައި ހިތްވަރު ދިނުމެވެ.
ހަމައެކަނި ލާމު އަތޮޅުގެ ރައްޔިތުންނަށް ބައިވެރިވޭ މި ޕްރޮގްރާމުގައި ބައިވެރިވެވޭނީ ހަ އަހަރުން މަތީގެ އުމުރު ފުރައަށެވެ. 18 އަހަރު ނުފުރޭ ދަރިވަރުންނަށް މި ޕްރޮގްރާމުގައި ބައިވެރިވެވޭނީ ބެލެނިވެރިންނާއެކު ހަދާ އެއްބަސްވުމަކަށް ފަހުއެވެ.
ހިފްޘް ކުރާ ފަރާތްތަކަށް ހިތުދަސްކުރާ ކޮންމެ ފޮތަކަށް 500ރުފިޔާގެ ފައިސާގެ އިނާމެއް ދޭން ނިންމާފައިވާއިރު، މި އިނާމް ދޭނީ ޤުރުއާން ކިޔެވުމުގެ އަތޮޅު މުބާރާތުގެ ނިންމުމުގެ ރަސްމިއްޔާތުގައެވެ.
މި ޕްރޮގްރާމުގެ އުޞޫލުގައި ބުނެފައިވާ ގޮތުން މަޤްބޫލު އުޒުރެއް ނެތި ކިޔެވުން މެދުކަނޑާލައި ނުވަތަ ހުއްޓާލައިފިނަމަ އެ ފަރާތަކަށް ދެވަނަ ފުރުޞަތެއް ދިނުމާއި ނުދިނުމުގެ އިޚްތިޔާރު އަތޮޅު ކައުންސިލަށް ލިބިއެވެ.
advertisment
ހިޔާލު