ދިވެހިބަހުގެ އެކެޑަމީގެ ތިން މުބާރާތެއް ސެޕްޓެމްބަރު މަހުގެ 21 ވާ ހޮނިހިރު ދުވަހު ބާއްވަން ނިންމައިފިއެވެ.
ދިވެހި ބަހުގެ އެކެޑަމީން ބާއްވަން އިއުލާން ކުރީ، އަލްއުސްތާޛު މުޙައްމަދު ޖަމީލު ދީދީގެ ހަނދާނީ ވާދައިގެ ތަށްޓަށް ބާއްވާ މަޒުމޫނު ލިޔުމުގެ 39ވަނަ ޤައުމީ މުބާރާތާއި އައްޝައިޚް މަލިމް މޫސާ މާފަތްކަލޭފާނުގެ ހަނދާނީ ވާދައިގެން ތަށްޓަށް ބާއްވާ ކުރުވާހަކަ ލިޔުމުގެ 36ވަނަ ޤައުމީ މުބާރާތާއި ހުތްޢަލިދީދީގެ ވާދައިގެ ތަށްޓަށް ބާއްވާ ޅެންހެދުމުގެ 27ވަނަ ޤައުމީ މުބާރާތެވެ.
ތިން ދަންފަޅިއަށް ބަހައިލައިގެން ކުރިއަށްގެންދާ މި މުބާރާތުގައި އޮންނާނީ ރާއްޖޭގެ ހުރިހައި ސަރަހަށްދެއްގައި ވެސް އެއް ވަގުތެއްގައެވެ. މި މުބާރާތުގައި އެންމެ އަތޮޅަކުން ފިޔަވައި ރާއްޖޭގެ ހުރިހައި އަތޮޅަކުން ބައިވެރިވެފައިވެއެވެ. އެ ގޮތުން އަތޮޅުތަކުން މި މުބާރާތުގައި 104 އިސްކޫލަކުން ވާދަކުރެއެވެ. އެއީ އަތޮޅުތެރޭގެ 82 ސްކޫލާއި މާލޭގެ 22 ސްކޫލެވެ. މި މުބާރާތްތަކުގައި 2،423 ދަރިވަރުން ބައިވެރިވެއެވެ.
ބަހުގެ އެކެޑަމީން ބުނި ގޮތުގައި، މި މުބާރާތްތައް މުޅި ރާއްޖޭގައި ކުރިއަށްގެންދަނީ ލޯކަލް ގަވަރމެންޓު އޮތޯރިޓީއާއި ސިޓީ ކައުންސިލްތަކާއި އަތޮޅު ކައުންސިލްތަކާއި ރަށު ކައުންސިލްތަކުގެ އެހީތެރިކަމާ އެކުގައެވެ. އެ ގޮތުން މި އަހަރު މަޒުމޫނު ލިޔުމުގެ މުބާރާތުގައި ދަރިވަރުންނާއި އަމިއްލަ ފަރާތްތައް ހިމެނޭހެން 999 ބައިވެރިން ބައިވެރިވެފައިވެއެވެ. އަދި ވާހަކައިގައި 931 ބައިވެރިންނާއި ޅެންހެދުމުގެ މުބާރާތުގައި 493 ފަރާތަކުން ބައިވެރިވެފައިވެއެވެ. އެއް ވަގުތެއްގައި މުޅި ރާއްޖޭގައި ކުރިއަށްދާ މިމުބާރާތް މޮނިޓަރ ކުރެވެމުންދާނީ ދާދިވަރުކޮށްށެވެ.
ބަހުގެ އެކެޑަމީން ބުނިގޮތުގައި، މި މުބާރާތް ކުރިއަށްދާ ވަގުތު ނަމާދުކުރުމަށް ދަރިވަރުންނަށް ފުރުސަތު ދެވޭނެއެވެ. އަދި މުބާރާތުގައި ދަރިވަރު ލިޔަމުންދާ ވަގުތު ހުސްވަގުތުކޮޅެއް ބޭނުންވެއްޖެ ނަމަ އެއްވެސް މީހަކާ މުއާމަލާތު ނުކުރެވޭ ގޮތަށް ދަރިވަރުންނަށް ލިޔަމުންދާ ހޯލުން ނުކުމެ އުޅުމުގެ ފުރުސަތު ދެވޭނެއެވެ.
advertisment
ހިޔާލު