ރަޒާން: ރަނގަޅު ނަތީޖާއަކަށް އުއްމީދު ކުރާނަމަ ފުރަތަމަ ކިޔަވާހިތް ވާންވީ

ސާނަވީ އާއި މަތީ ސާނަވީން ރަނގަޅު ނަތީޖާއަކަށް އުއްމީދު ކުރި ނަމަވެސް ޤައުމީ ގަދަ ދިހައެއްގެ އެއް ވަނައިގައި ހިމެނިދާނެ ކަމަށް އަޙްމަދިއްޔާއިން ކިޔެވި ރަޒާން އިބްރާހިމް ރަޝީދުގެ ހިތަކަށް ނާރައެވެ. އެއީ އެ ދެ މަރުޙަލާގައި ވެސް ދިވެހި މާއްދާއިން އޭ ސްޓަރ ހޯދި ދާނެ ކަމުގެ ޔަޤީންކަން ނެތުމުންނެވެ.

" ސާނަވީއާއި މަތީ ސާނަވީގައި ވެސް ދިވެހި އެންމެ އުނދަގޫވީ. އެހެންވެ އެ މާއްދާއަށް ފޯކަސްކުރަން ވަރަށް ބޮޑަށް ޖެހުނު. ޚާއްޞަކޮށް މަތީ ސާނަވީގައި" ރަޒާން ބުންޏެވެ.

ބިޒްނަސް ސްޓްރީމަށް ކިޔެވި ރަޒާން، ސާނަވީއާއި މަތީ ސާނަވީން އެއްވަނަ ހޯދިއެވެ. އަދި އެކައުންޓިންގ އިން މުޅި ދުނިޔެއިން ތިން ވަނަ ވެސް ހޯދިއެވެ. ރަޒާން އެންމެ ކިޔަވާ ހިތްވީ ހިސާބާއި އިސްލާމެވެ. މަތީ ސާނަވީގައި ދުނިޔޭގެ ވަނައަކަށް އޭނާ އުއްމީދު ކުރީ ހިސާބު މާއްދާއިންނެވެ. އެކަމަކު ދުނިޔޭގެ ވަނައެއް ލިބުނީ އެކައުންޓިންގ އިންނެވެ.

" ކުޑައިރުއްސުރެ ހިސާބަށް ޝައުޤު ހުރޭ. ހިސާބާ ގުޅުން ހުންނަ ވީޑިއޯ ވެސް ބަލައި ހަދަން. އެންމެ ކިޔަވާހިތްވާ، އެންމެ ފަސޭހަ މާއްދާއިން ދުނިޔެއިން އެއް ވަނަ ލިބޭނެ ކަމަށް އުއްމީދު ކުރިން. އެކަމަކު ނަތީޖާ އައީ މުޅިން ތަފާތުކޮށް" ގުރޭޑް 8އަށް އަޙްމަދިއްޔާއަށް ވަން ރަޒާން ބުންޏެވެ.

ރަޒާން ބުނީ، އޭލެވެލްގެ ފުރަތަމަ ދުވަސްކޮޅު ފަސޭހަވިޔަސް ފަހަތަށް ދާ ވަރަކަށް އުނދަގޫވި ކަމަށާއި އެކަމުން އަރައިގަންނަން ވަކި ތާވަލެއް ނުގެންގުޅުނަސް ކިޔަވަން އިތުރު ހިތްވަރެއް ލާން ޖެހުނު ކަމަށެވެ.

ގުރޫޕްސްޓަޑީ ނަހަދާ އަމިއްލައަށް ކިޔެވުމުގައި ވަގުތު ހޭދަކުރި ރަޒާން އިސްކަން ދެނީ މުދައްރިސް ފިލާވަޅު ނަގައިދޭ ގަޑިއަށެވެ. އެ ގަޑީގައި ފިލާވަޅަށާއި މުދައްރިސް އެ ކިޔައިދެއްވާ އެއްޗަކަށް ސަމާކުކަން ދެވިއްޖެނަމަ ފިލާވަޅު ހަދާށާއި ކިޔެވުމަށް ފަސޭހައެވެ. އެހެންވެ މަދަރުސީ ތައުލީމުގައި އޭނާ ހޭދަ ކުރި 12 އަހަރު ވެސް މަސައްކަތް ކުރި ފޯމިއުލާއަކީ އެއީއެވެ.

" މުދައްރިސް ފިލާވަޅު ނަގައިދޭ ގަޑިއަކީ އެއީ ވަރަށް މުހިންމު ގަޑިއެއް. އަބަދުވެސް އެ ގަޑިއަށް ޚާއްޞަ ސަމާލުކަން ދެން. އެ ގަޑީގައި ފިލާވަޅުގެ ތެރެއަށް ވަދެވިއްޖެނަމަ ފިލާވަޅު ދަސްކުރުމަށާއި ހެދުމަށް ވަރަށް ބޮޑު ފަސޭހައެއް ވޭ " ރަޒާން ބުންޏެވެ.

ރަޒާން ބުނީ، އެކުގައި އުޅުނު ކުދިންގެ ތެރޭގައި ކިޔެވުމުގެ ވާދަވެރިކަމެއް ނެތް ކަމަށާއި ވަކި ކުއްޖަކާ ވާދަ ކުރުމުގެ ބަދަލުގައި ބަލަނީ، އިމްތިޙާނު ތަކުން ކުރިއަށް ވުރެ މަތިން މާކްސް ހޯދޭތޯ ކަމަށެވެ. އެހެން ހެދުމުން ރަނގަޅު ނަތީޖާއެއް ހޯދަން ފަސޭހަ ކަމަށް ވެސް ރަޒާން ބުންޏެވެ.

އިނގިރޭސި ވިލާތުން އެކައުންޓިންގ އެންޑް ފައިނޭންސްގެ ދާއިރާއިން ކިޔަވަން ނިންމައި، މި މަހު ފަހުކޮޅު ފުރަން ތައްޔާރު ވަމުން އަންނަ ރަޒާން ބުނީ، އޭނާގެ ކާމިޔާބީގައި މަންމައާއި ބައްޕައާއި އާއިލާގެ އިތުރުން ކިޔަވައިދެއްވި ހުރިހާ މުދައްރިސުންނާއި ޓިއުޝަން ދިން މުދައްރިސުން ހިމެނޭ ކަމަށާއި އެ ހުރިހާ ފަރާތްތަކަށް ޝުކުރު ހައްޤު ކަމަށެވެ.

" އެއްވަނަ ހޯދަން ސީދާ ނުބުންޏަސް މަންމައާއި ބައްޕަމެން އުއްމީދު ކުރީ އެއްވަނަ ލިބޭނެ ކަމަށް. އެކަން ކޮށްދެވުނީތީ ވަރަށް ހިތްހަމަ ޖެހޭ" ނަތީޖާއަށް އިޝާރާތް ކޮށް ރަޒާން ބުންޏެވެ.

ރަޒާން ބުނީ ރަނގަޅު ނަތީޖާއެއް ހޯދަން ބޭނުން ވިއްޔާ ފުރަތަމަ ކަމަކަށް ކިޔަވާހިތް ވާންވީ ކަމަށާއި ކިޔަވާހިތް ނުވަންޏާ ފިލާވަޅު ދަސްކުރާށާއި ފިލާވަޅު ހަދަން އުނދަގޫ ވާނެ ކަމަށެވެ.

" ކިޔަވާހިތް ވަނީ ކޮންގޮތަކަށްތޯ ބަލަންވީ. އެ ވަރިހަމަ ވީޑިއޯ ބަލައިގެން ވިޔަސް. ލިޔެގެން ވިޔަސް. ނޫނީ ސުވާލު ކޮށްގެން ވިޔަސް. އެ ކުއްޖަކަށް ފަސޭހަ ގޮތެއް ބަލަން ވީ. " ކިޔަވާ ކުދިންނަށް ދިން ނަސޭހަތެއްގެ ގޮތުގައި ރަޒާން ބުންޏެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *