އޭލެވެލް ކިޔަވަން ފަހިކޮށްދިން ފުރުޞަތާއެކު އޭލެވެލްއަށް ކިޔަވަން ފަށާ ކުދިންގެ އަދަދު 77 އިންސައްތަ އިތުރުވެއްޖެއެވެ.
މަތީ އަރުތަވެރިންގެ އިނާމް ދިނުމުގެ ޖަލްސާގައި މިރޭ ތަޢުލީމީ ވަޒީރު ޑރ. އިސްމާއިލް ޝަފީޢު ވިދާޅުވީ، ދިވެހިރާއްޖޭގައި މަތީ ތަޢުލީމް ހާޞިލްކުރާ ކުދިންގެ އަދަދު މަތިކުރެވޭނީ އޭލެވެލް ހަދާ ދަރިވަރުންގެ އަދަދު ގިނަކޮށްގެން ކަމަށާއި އެހެންވެ ސަރުކާރުގެ 23 ސްކޫލެއްގައި އޭލެވެލްއަށް ކިޔެވުމުގެ ފުރުޞަތު ފަހިކޮށްދިން ކަމަށެވެ. ވަޒީރު ވިދާޅުވީ އެކަން ކުރީ ދައުލަތުން އެއްވެސް ޚަރަދެއް އިތުރަށް ކުރަން ނުޖެހި ކަމަށެވެ.
" އަޅުގަނޑުމެން ދަރިވަރުންނަށް ހިތްވަރު ދިނީ ތިން މާއްދާއިން ފާސްވިޔަސް އޯލެވެލްގެ ދެ މާއްދާއިން ފާސްވި ކަމުގައި ވިޔަސް ތިޔަ ދަރިވަރުންނަށް ފުރުޞަތު ތަކެއް ފަހިކޮށްލަދީފާނަމޭ. މިގޮތަށް އަޅުގަނޑުމެން ހުޅުވާލި ފުރުޞަތާ އެކުގައި މި އަހަރު އޭލެވެލް ފެއްޓޭއިރުގައި ސަރުކާރުގެ ސްކޫލުތަކުގައި އަލަށް 2000 ކުދިން އޭލެވެލްގެ ތައުލީމް ޙާޞިލް ކުރަމުންދާނެ. މިއީ ފާއިތުވެދޔަ އަހަރަށްވުރެ 77 އިންސައްތަ ދަރިވަރުން އިތުރުއަދަދެއް" ވަޒީރު، ޑރ. އިސްމާއިލް ވިދާޅުވިއެވެ.
ދަރިވަރުންނަށް މި ދެވުނު ފުރުޞަތުގެ ހަޤީޤީ މަންފާ ކުރާނެ ކަމަށް ޤަބޫލުކުރައްވާ ކަމަށާއި އެހެނީ އަޅުގަނޑުމެން މި ( އޭލެވެލް އަށް ) ނެގީ މަގުމަތިވެދާނެ ފަދަ ހާލަތެއް މެދުވެރިވެދާނެ ފަދަ ކުދިންތަކެއް ކަމށް ވަޒީރު ތައުލީމީ ވިދާޅުވިއެވެ. އަދި ވިދާޅިވީ، ފައުންޑޭޝަނަކަށް ވަން ކަމުގައި ވިޔަސްމެ އެ ދަރިވަރުންގެ އުމުރުފުރައިގެ ކުދިންތައް ދޫކޮށްލައި މުޅިން އެހެން ސެޓަޕަކަށް ގޮސްގެން އެކަށީގެންވާ ނަތީޖާއެއް ނުނެރެވިދާނެ ކުދިންތަކެއް ކަމަށެވެ.

މަތީ އަރުތަވެރީންގެ އިނާމުގެ ތިން ވަނަ ދަންފަޅީގައި މިރޭ ވާހަކަ ދައްކަވަމުން ވަޒީރު ދެން ފާހަގަ ކުރެއްވީ އޭލެވެލްއަށް ނުގޮސް ފައުންޑޭޝަން ކޯސްތަކުގައި ބައިވެރިވާ ދަރިވަރުންނަށް ދިމާވާ މައްސަލައެވެ.
ވަޒީރު ޑރ. އިސްމާއލް ވިދާޅުވީ، ޤައުމީ ޔުނިވަރސިޓީގެ ތަފާސް ހިސާބުތަކަށް ބަލާއިރު ފާހަގަވީ ފައުންޑޭޝަނަށް ވަންނަ ކުދިންގެ 80 އިންސައްތަ ކޯސް ދޫކޮށްލާ ކަމަށެވެ.
" ފުރުޞަތު ފަހިކޮށް ދެވުނު 77 އިންސައްތަ ދަރިވަރުންނަށް އޯލްޓަނޭޓިވް ޕާތްވޭސްތައް ކުރިއޭޓްކޮށްގެން އެ ކުދިންނަށް ފުރުޞަތު ދީގެން އަޅުގަނޑުމެންނަށް މަސައްކަތް ކުރެވިއްޖެ ކަމުގައި ވަނީނަމަ ﷲގެ ރަޙްމަތުން އަޅުގަނޑުމެންނަށް މަތީ ތަޢުލީމަށް ދާ ކުދިންގެ އަދަދު ގިނަކޮށް ދިވެހިރާއްޖޭގެ އިޤްތިޞާދަށާއި ދިވެހިރާއްޖޭގެ ކުރިއެރުވުމަށް ހެވާއި ލާބަ ހުރި ޖީލެއް ބިނާކުރުމަށް ކުރާ މަސައްކަތަށް އެކަށީގެންވާ ކާމިޔާބީއެއް ހޯދޭނެ ކަމާމެދު އަޅުގަނޑު ޝައްކެއް ނުކުރަން"
ފާއިތުވި ތިން އަހަރުގެ އޭލެވެލްގެ ނަތީޖާގެ ތަފާސް ހިސާބު ހިއްސާ ކުރައްވައި ވަޒީރު ވިދާޅުވީ، އޭލެވެލްގެ ނަތީޖާއަށް ބަލާއިރު 2021 ވަނަ އަހަރު ފާސްވި ދަރިވަރުންގެ ނިސްބަތް ހުރި 50 އިންސައްތައަށްވުރެ ކުޑަކޮށް މަތީގައި ކަމަށެވެ. 22 ވަނަ އަހަރު އެ ވަރުގައި ހިފެހެއްޓިފައި ހުރުމަށްފަހު، 2023 ގައި 40 އިންސައްތައަށް ވާޞިލްވެފައި މިވަނީ ކިރިކިރިޔާ ކަމަށެވެ.
އޭލެވެލްގެ ފުރަތަމަ ސެމެސްޓަރ ނިމިގެންދާއިރު މި އަހަރު ކިޔަވަން ފުރުޞަތު ފަހި ކޮށްދިން 77 އިންސައްތަ ދަރިވަރުންގެ ތެރެއިން އެކަށީގެންވާ ނަތީޖާ ނުހޯދޭ ދަރިވަރުންނަށް އެމްކިޔުއޭ ޤަބޫލުކުރާ މިންވަރުގެ ސެޓްފިކެޓް 4ގެ ލެވެލްގެ ސަނަދަކާ ހަމައަށް ދެވޭ ވަރަށް ދެ އަހަރުގެ އޭލެވެލްގެ ތަޢުލީމުގެ ތެރެއިން އެކުދިންނަށް ފުރުޞަތު ފަހިކޮށްދޭނެ ކަމަށް ވެސް ތަޢުލީމީ ވަޒީރު މިރޭ ވިދާޅުވިއެވެ.
advertisment
ހިޔާލު