އިއްޒުއްދީނުގެ ތަޖުރިބާ އާ އެކު ނާދިރާ ދަރުމަވަންތަ ސްކޫލުގެ ޕްރިންސިޕަލަކަށް

އިއްޒުއްދީން ސްކޫލާއި ދަރުމަވަންތަ ސްކޫލް އެއްކޮށްލަން ނިންމައި އެ ސްކޫލުގެ ޕްރިންސިޕަލް ނާދިރާ ހަސަން އިއްޔެއިން ފެށިގެން މަސައްކަތް ކުރައްވަނީ ދަރުމަވަންތަ ސްކޫލުގައެވެ. މި ބަދަލު އެޑިޔުކޭޝަން މިނިސްޓްރީން ގެނައީ އިއްޒުއްދީން ސްކޫލުގެ އިމާރާތުގައި ރެނދުލައި ދަރިވަރުންނަށް ރައްކާތެރި ތަނަކަށް އެ އިމާރާތް ނުވާތީއެވެ. އެ ސްކޫލުގައި ކިޔަވާ ގިނަ އަދަދެއްގެ ދަރިވަރުން ވަނީ ދަރުމަވަންތަ ސްކޫލަށް ބަދަލުވާން އެދިފައެވެ.

ޕްރިންސިޕަލެއްގެ ގޮތުގައި އިއްޔެ ދަރުމަވަންތަ ސްކޫލަށް ނުކުންނެވުމުން އެ ސްކޫލުން ވަނީ ނާދިރާއަށް ވަރަށް ހޫނު މަރުޙަބާއެއް ދަންނަވާފައެވެ.

ދަރިވަރު ނޫހަށް ދެއްވި ޚާއްޞަ އިންޓަވިއުއެއްގައި ނާދިރާ ވިދާޅުވީ، ދަރުމަވަންތަ ސްކޫލަށް ބަދަލުވެވަޑައިގެންނެވުމަކީ  ޗެލަންޖަކަށް ނުވާނެ ކަމަށާއި ދެ ދަންފަޅިއަށާއި އެއް ދަންފަޅި ސްކޫލުގެ ތަޖުރިބާ އެބަހުރި ކަމަށެވެ.

ނާދިރާ ވިދާޅުވީ، ޢިއްޒުއްދީނުގައި ހޭދަކުރި ތިން އަހަރު ދުވަހަކީ އަލަށް އެއްދަންފަޅިއަށް ކިޔަވަދޭން ފެށި ސްކޫލެއްގެ ދަރިވަރުންންނަށްޓަކައި ގިނަ މަސައްކަތްތަކެއް ކުރެވުނު ތިން އަހަރު ކަމާއި ދަރިވަރުންނަށާއި މުވައްޒަފުންނަށް ރަނގަޅު މާހައުލެއް ޤާއިމް ކޮށްދެވުނު ކަމަށެވެ.

ނާދިރާ ވިދާޅުވީ، މި ދާއިރާއިން ލިބިފައިވާ ތަޖުރިބާގެ އަލީގައި، ސްކޫލުގެ މެނޭޖްމަންޓާއި، ސްޓާފުންނާއި އަދި ބެލެނިވެރިންގެ މަޝްވަރާއާއެކު ދަރުމަވަންތައަށް ބަދަލުތަކެއް ގެންނާނެ ކަމަށާއި އެ ބަދަލުތަކަކީ އެއް ދުވަހުން ދެދުވަހުން ގެނެވޭނެ ބަދަލުތަކެއް ނޫން ކަމަށެވެ. އެ ބަދަލުތައް ގެނައުމުން ސްކޫލަށާއި ދަރިވަރުންނަށާއި ބެލެނިވެރިންނަށް ވެސް އިތުރު ފަސޭހަތަކެއް ލިބިގެން ދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ނާދިރާ ވިދާޅުވީ، ސްކޫލެއްގެ ކާމިޔާބަކީ ކިޔެވުމާއި ކުދިންގެ އަޚްލާޤާއި އިތުރު ހަރަކާތްތައް ކަމަށާއި އެ ކަންތައްތަކަށް ސާމަލުކަން ދެވޭނަމަ އެ ސްކޫލަކާ މެދު މުޖްތަމައާއި ބެލެނިވެރިން ވެސް ތިބޭނީ ރުހިގެން ކަމަށެވެ.

ނާދިރާ ވިދާޅުވީ، ބެލެނިވެރިން އެންމެ ބޮޑަށް ފާހަގަ ކުރާ އެއްކަމަކީ ކުދިންނާ އޭނައާ އޮންނަ ގުޅުން ކަމަށެވެ. ކުދިންނަށް އަޅާލާ މިންވަރު ކަމަށެވެ.

" ބެލެނިވެރިޔާއަށް އެނގެން ޖެހޭ، ޕްރިންސިޕަލަށް އޭނަގެ ދަރިފުޅު އެނގޭކަން. ދަރިފުޅުގެ ނަމުން މުޚާތަބު ކުރުމުން ބެލެނިވެރިންނަށް ސްކޫލާމެދު އޮންނަ އިތުބާރާ ޔަގީންކަން ބޮޑުވެ، ސްކޫލާ އޮންނަ ގުޅުން ބަދަހިވޭ. ބައެއް ބެލެނިވެރިނަށް ސަޕްރައިޒަކަށް ވޭ ކުދިންގެ ނަން އަޅުގަނޑަށް އެނގޭތީ. އިއްޒުއްދީނުގެ 90 އިންސައްތަ ކުދިންގެ ނަންތައް އަޅުގަނޑަށް އެނގޭނެ. އެވަރަށް ދަރިވަރުންގެ ކަންތައް ގާތުން ބަލަން . އަޅުގަނޑު އަބަދުވެސް ސްކޫލުގެ ތެރެއިން ފެންނާނެ. ކުދިންގެ ކަންތައްތަކުގައި އުޅެން.އެ ކުދިން ދައްކާ ވާހަކަ އަޑުއަހަން" ނާދިރާ ވިދާޅުވިއެވެ.

ނާދިރާ ވިދާޅުވީ، އިއްޒުއްދީނުގެ ދަރިވަރުން ދަރުމަވަންތައަށް ބަދަލުވުމަކީ ވަޞީލަތުގެ ގޮތުން ބަލާއިރު އެ ސްކޫލުގެ ދަރިވަރުންނަށް ތަޖުރިބާކާރު ޓީޗަރުންނާ އެކު ކިޔަވަން ލިބުނު ފުރުޞަތެއް ކަމަށެވެ.

" އިއްޒުއްދީނުގައި ސެކަންޑަރީގައި ތިބި ގިނަ ޓީޗަރުންނަކީ ވަރަށް އާ ޓީޗަރުންތަކެއް. ބޭރު ޓީޗަރުން ގިނައިރު، އެ ޓީޗަރުން ރާއްޖެއައީ ވެސް އަލަށް. އެކަމަކު ދަރުމަވަންތަ ސްކޫލުގައި މި ތިބީ ގިނަ ދުވަސްވީ ތަޖުރިބާކާރު ޓީޗަރުން، އެއީ އެ ކުދިންނަށް ލިބުނު ފަހި ފުރުޞަތެއް"

ނާދިރާ ވިދާޅުވީ، އޭނާއަކީ ސެކަންޑްރީގެ ތަޖުރިބާ ހުރި މީހަކަށް ވާތީ، ދަރިވަރުންގެ ނަތީޖާތައް އަބަދުވެސް ބަލަމުންދާނެ ކަމަށާއި ކުދިންނަށް އަންނަ ކުރިއެރުންތައް ކައިރިން ބަލާނެ ކަމަށެވެ.

" އަޅުގަނޑަކީ އެކަޑަމިކަށް ފޯކަސްކުރާ މީހެއް. އިއްޔެއާ ހަމައަށް ( ބުދަ ދުވަހާ ހަމައަށް) ކުލާސްތަކަށް ވަދެ ކިޔަވައިދިނިން. ގުރޭޑް 9 އާއި 10އަށް އިކޮނޮމިކްސް ގަޑިތައް ދާގޮތް ބަލާ ބައެއް ދުވަސްތަކުގައި އެ ކުލާސްތަކަށް ކިޔަވަދިނިން.

އޭނާ ވިދާޅުވީ ގުރޭޑް 10ގެ ކުދިންގެ ކިޔެވުމަށް ޚާއްޞަ އިސްކަމެއް ދޭނެ ކަމަށާއި ނަތީޖާއަށް އަމާޒުކޮށްގެން މަސައްކަތްތަކެއް ކުރާނެ ކަމަށެވެ. ރިވިއު މީޓިންތައް ބާއްވައި ބެލެނިވެރިންނާއެކު ވެސް ވަކިވަކި ބައްދަލުވުންތަކެއް ބާއްވަނެކަމަށެވެ.

ނާދިރާ ވިދާޅުވީ، އޭނާގެ ކާމިޔާބީއަކީ އިއްޒުއްދީނަކީ އެއް އާއިލާއެއްގެ ގޮތުގައި މަސައްކަތް ކުރާ މުއައްޒަފުންތަކެއް އުޅޭ، އަޚްލާޤީ މައްސަލައެއް ކުދިންގެ ފަރާތުން ނުފެންނަ ސްކޫލަކަށް އެތަން ބަދަލުކުރެއްވުން ކަމަށެވެ.

މިހާރު އަޅުގަނޑުގެ އަމާޒަކީ މި ލިބުނު ތަޖުރިބާގެ އަލީގައި ދަރުމަވަންތަ ސްކޫލު އިތުރަށް ކުރިއަރުވާ ހުރިހާ ގޮތަކުންވެސް ކާމިޔާބު ރަންވަނަތަކެއް ހޯދާނެ ސްކޫލަކަށް ހެދުމެވެ.

އިއްޒުއްދީން ސްކޫލުގެ ޑެޕިއުޓީ ޕްރިންސިޕަލް އައިޝަތު ވަހީދާ ( އައިސްތަ މިސް) ވިދާޅުވީ، ނާދިރާ މެޑަމްއަކީ ދުރުވިސްނޭ ބޭފުޅެއް ކަމަށާއި އަބަދުވެސް ދުރާލާ ފިޔަވަޅު އަޅުއްވާނެ ކަމަށެވެ. ކިތަންމެ ގާތް ކަމެއް އޮތަސް މަސައްކަތުގެ މާހައުލުގައި ވިދާޅުވާން ޖެހޭ އެއްޗެއް ވިދާޅުވާނެ ކަމަށެވެ.

"ހުރިހާ ކަމެއް ބައްލަވާނެ. ވަރަށް އޮބްޒާވެންޓް ބޭފުޅެއް އެއީ" އައިސްތަ މިސް ވިދާޅުވިއެވެ.

އަޅުގަނޑުމެންނަށް ޖެހޭނީ މެޑަމްއާ އެއްވަރަށް އެކްޓިވް ވާން. އަޚްލާޤަށް ވަރަށް ބޮޑު އިސްކަމެއް ދެއްވާނެ. ކުލާސްތަކަށް ވަޑައިގެން ކުދިންނާ ވާހަކަ ދައްކަވާނެ. އަބަދުވެސް ކުދިންނާ ވަރަށް ގާތްކޮށް އުޅުއްވާނީ"

އައިސްތަ މިސް ވިދާޅުވީ، ނަތީޖާއަށް ފޯކަސްކޮށްގެން އަމިއްލައަށް ކިޔަވައިދެއްވަން ފައްޓަވައި ނަމޫނާ ދެއްކެވީމާ އޭނާ އަށް އެކަން ހިތްވަރަކަށްވެ، ކުލާސްތައް ނަންގަވައިދެއްވާ ކަމަށެވެ.

" އެ ދެއްކެވި ނަމޫނާއާ އެއްގޮތަށް ގުރޭޑް 10އަށް ބައޮލޮޖީ ކިޔައިދެމުން މިހާރު ވެސް މި ދަނީ" އައިސްތަ މިސް ވިދާޅުވިއެވެ.

އިއްޒުއްދީނުގެ ޓީޗަރަކު ދަރިވަރު ނޫހަށް ވިދާޅުވީ، ނާދިރާ މެޑަމްއަކީ ޓީޗަރުންނާ ވަރަށް ގާތް ބޭފުޅެއް ކަމަށާއި ވަރަށް ކައިރިން ޓީޗަރުންގެ މަސައްކަތްތައް ބައްލަވާ ކަމަށެވެ. ކޮންމެ ކަމަކަށް ދަތިވިޔަސް އެކަން ހައްލު ކުރަން އިސްކަމެއް ދެއްވާ ކަމަށެވެ.

" އެއް ޓީމެއްގެ ގޮތުގައި މަސައްކަތް ކުރެއްވުމުގެ ރޫޙް ހިފައްޓަވާ ބޭފުޅެއް އެއީ" ޓީޗަރު ފާހަގަ ކުރެއްވިއެވެ.

އިއްޒުއްދީނުގެ ޕީޓީއޭގައި މަސައްކަތް ކުރި ބެލެނިވެރިއަކު ބުނި ގޮތުގައި އިއްޒުއްދީނުގެ ގިނަ ބެލެނިވެރިން ދަރުމަވަންތަ ސްކޫލަށް ބަދަލުވާން ނިންމީ ވެސް ޕްރިންސިޕަލް ނާދިރާ މެޑަމް އެ ސްކޫލަށް ވަޑައިގަންނަވާތީ ކަމަށެވެ.

އޭނާ ބުނީ، މިހާތަނަށް ގިނަ ޕްރިންސިޕަލުންނާއެކު މަސައްކަތް ކުރެވިއްޖެ ކަމަށާއި އެ ހުރިހާ ޕްރިންސިޕަލުންގެ ތެރެއިން ކުދިންގެ ނަމާއެކު އެކުއްޖާ އެނގޭ ދެ ޕްރިންސިޕަލުން ފާހަގަކުރެއްވުނުއިރު އޭގެތެރެއިން އެއް ޕްރިންސިޕަލަކީ ނާދިރާ މެޑަމް ކަމަށެވެ.

" އިއްޒުއްދީނުގެ ހުރިހާ ކުދިންގެ ނަން ނާދިރާ މެޑަމްއަށް އެނގިވަޑައިގަންނަވާ. ކުދިންނާ އަޅާލައި، ކޮންމެ ދުވަހަކު ހެނދުނު ކުދިންނަށް މަރުޙަބާ ކިޔަން ނުކުމެ ހުންނަވާނެ ޕްރިންސިޕަލް. އަދި ޚާއްޞަކޮށް ވިއްސާރަ ދުވަހެއް ވެއްޖިއްޔާ މަގުމައްޗަށް ނުކުންނަވާނެ ކުދިން ރިސީވް ކުރަން" ބެލެނިވެރިޔާ ބުންޏެވެ.

އަދި އޭނާ ފާހަގަކުރި ގޮތުގައި އަޚްލާޤީ ގޮތުން ބަލާއިރު ދަރިވަރުންގެ އަޚްލާޤީ މިންގަނޑުތަކެއް ސްކޫލްތެރޭގައި ހިފަހައްޓާ ކަމަށާއި އޭގެ ސަބުން އިއްޒުއްދީނުން އަޚްލާގީ އެއްވެސް މައްސަލައެއް ފާހަގަ ނުކުރެވޭ ކަމަށެވެ.

" ޕީޓީއޭގައި ވެސް މަސައްކަތް ކުރިއިރު ފާހަގަވި އެއްމެ މުހިންމު ކަމަކީ އެއްވެސް ކަމެއް އެއްވެސް ނިންމުމެއް ނުނިންމަވާނެ ކުދިންނަށް ބައިވެރި ނުވެވޭ، ކުދިންނަށް އޭގެއިން ފައިދާއެއް ނުވާ" ބެލެނިވެރިޔާ އިތުރު ކޮށްލިއެވެ.

އޭނާ ބުނީ، އިއްޒުއްދީނުގެ ގިނަ ބެލެނިވެރިން ތިބީ އިއްޒުއްދީނުން ފެނުނު ބަދަލު ދަރުމަވަންތަ ސްކޫލުން ފެންނާނެ ކަމުގެ ފުރިހަމަ ޔަގީން ކަމާ އެކުގައި ކަމަށެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *