އެމްއެންޔޫގެ ފުރަތަމަ މެރަތަން އަންނަ ފެބުރުވަރީ މަހު

އަހަރަކު އެއް ފަހަރު މެރަތަން އެއް ބާއްވަން ނިންމައި، ފުރަތަމަ މެރަތަން އަންނަ ފެބުރުވަރީ މަހު ބާއްވަން ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީން ނިންމައިފިއެވެ.

އެ ޔުނިވަރސިޓީގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި، ރާއްޖޭގެ ޔުނިވަރސިޓީއަކުން ބާއްވާ ފުރަތަމަ މެރަތަން އިފްތިތާޙްކޮށް ދެއްވީ ވައިސް ޗާންސެލަރު، ޑރ އައިޝަތު ޝެހެނާޒު އާދަމެވެ.

އެމްއެންޔޫގެ މެރަތަން އިންތިޒާމް ކުރަނީ އެ ޔުނިވަރސިޓީގެ ވިޔަފާރި ކުންފުނި "ޔުނިވިޔަ ހޯލްޑިން" އިންނެވެ. އެކުންފުންޏަށް އެހީތެރި ވަނީ މެރަތަން ބޭއްވުމުގައި 11 އަހަރުގެ ތަޖުރިބާ ލިބިފައިވާ ޓީއެފްޖީއެވެ.

މެރަތަން ބާއްވަނީ އަންނަ ފެބުރުއަރީ މަހުގެ 20 އަދި 21 ގައެވެ. 20 ވަނަ ދުވަހު ބާއްވަނީ ކިޑްސް ޑޭސްގެ ނަމުގައި 4 އަހަރާއި 7 އަހަރާ ދެމެދުގެ ކުދިންނަށް އަމާޒުކޮށް ގެންދާ ފަން މެރަތަންއެކެވެ.

20 ވަނަ ދުވަހު މެރަތަން ފަށަނީ ދަންވަރު 2 ޖަހާއިރުއެވެ. މެރަތަންގައި ކަނޑައަޅާފައި ވަނީ ހަތަރު ކެޓަގަރީއެކެވެ. އެއީ މެރަތަން އާއި ހާފް މެރަތަން އާއި ފަސް ކިލޯމީޓަރާއި 10 ކިލޯމީޓަރެވެ. މިއިން ކޮންމެ ކެޓަގަރީއަކުން އެންމެ އަވަހަށް ނިންމާ ފިރިހެން އަދި އަންހެން ތިން ދުވުންތެރިންނަށް 3000 ރުފިޔާއިން ފެށިގެން 10،000 ރުފިޔާ ދެމެދުގެ ފައިސާގެ އިނާމް ވަނީ ކަނޑައަޅާފައެވެ.

މެރަތަން އިފްތިތާޙުކޮށް ދެއްވައި ޑރ. ޝެހެނާޒު ވިދާޅުވީ، ޖިސްމާނީ ހަރަކާތް އަޅުގަނޑުމެންގެ ސިއްޙަތާއި ދުޅަހެޔޮކަމަށް ވަރަށް މުހިންމު ކަމަށާއި އޭގެ ސަބަބުން ހަށިގަނޑު ހަރުދަނާވެ، ސިކުނޑިތައް ތޫނުވެ، އުފާވެރިކަން ވަރަށް ބޮޑަށް އިތުރުކޮށްދޭ ކަމަށެވެ. މެރަތަން ފަދަ ހަރަކަތްތަކުގެ ސަބަބުން އެމްއެންޔޫގެ ތަޞައްވުރާ އެއްގޮތަށް ރަނގަޅު ދުޅަހެޔޮ އަދި މުޖްތަމައަށް ހެޔޮ ގޮތުގައި އެހީތެރިކަން ފޯރުކޮށް ދިނުމުގެ ޤާބިލްކަން ލިބިފައިވާ، އިޖްތިމާއީ ގޮތުން ޒިންމާދާރު ދަސްވެނިންތަކެއް ބައްޓަން ކުރުމަށް މަގުފަހިވެގެންދާ ކަމަށް ޑރ. ޝެހެނާޒު ވިދާޅުވިއެވެ.

" މިއީ ފެށުމެއް. އަމާޒަކީ މި މެރަތަން ކޮންމެ އަހަރަކު ބޭއްވުން. ދުވުންތެރިންގެ ގޮތުގައި ވިޔަސް، ސަޕޯޓަރުންގެ ގޮތުގައި ވިޔަސް، ވޮލަންޓިއަރުންގެ ގޮތުގައި ވިޔަސް، އަޅުގަނޑުމެންގެ ތެރެއިން ގިނަ ބަޔަކު މެރަތަންގައި ބައިވެރިވެ މިއީ ހިނިތުންވުމާއި އުފާވެރިކަމާއި ކާމިޔާބީތަކުން ފުރިގެންވާ ހަނދާނަކަށް ހެދުން" ޑރ. ޝެހެނާޒު ވިދާޅުވިއެވެ.

ޑރ. ޝެހެނާޒު ވިދާޅުވީ، މި މެރަތަން ވާނީ އެމްއެންޔޫއިން ދަރިވަރުންނަށް ފޯރުކޮށް ދޭން މަސައްކަތް ކުރާ ވަށައި ޖެހޭ ތަޢުލީމުގެ އަސާސްތަކަށް މިސްރާބު ޖަހާ ދަތުރަކަށް ކަމަށާއި އެއީ ދުޅަހެޔޮ ސިއްޙަތެއްގައި ހުރުމަށާއި ރަނގަޅު އަޚްލާޤީ ސުލޫކީ މިންގަނޑެއް ހިފެހެއްޓުމަށާއި އުފާވެރި މާހައުލެއް ބިނާ ކުރުމުގެ ދަތުރެއް ކަމަށެވެ.

" ބޫޓްތަކުގެ ނާޑުވާ ބާރަށް އައްސާލެއްވުމަށްފަހު ހިނގާފައި ވިޔަސް، ދުވެފައި ވިޔަސް، ފިޔަވަޅުތައް އަޅަމުން ގެންދާއިރު އަޅުގަނޑުމެންނަން ހަނދާންކޮށް ދެނީ ދިރިއުޅުމަކީ ވެސް މެރަތަންއެއް ކަން. އެއީ، ދިރިއުޅުމެކޭ އެއްފަދައިން މެރަތަންއެއްގެ ކާމިޔާބީގެ ފަހަތުގައި ވަނީ އަމިއްލަ ނަފުސަށް އިތުބާރު ކުރުމާއި ޕޮޒިޓިވްކޮށް ނުވަތަ ހެޔޮކޮށް ވިސްނުމާއި، ދިމާވާ ދަތިތައް އަދި ހުރަސްތައް ގިރާކުރާނެ މަގުތައް ހޯދާ، ލަނޑުދަނޑިތައް ކަނޑައަޅައި އެ އަމާޒަށް ވާޞިލްވޭތޯ މަސައްކަތް ކުރުން" ޑރ. ޝެހެނާޒު ވިދާޅުވިއެވެ.

އެމްއެންޔޫގެ މެރަތަންގައި ބައިވެރިވާން މިހާރުވަނީ ހުޅުވަލާފައެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *