ރަނާ: ގަދަ ދިހައެއްގައި ހިމެނެން، ސްކޫލުގެ އިތުރަށް ދުވާލަކު ފަސް ގަޑިއިރު ކިޔެވި
މައިޝާ: އެންމެ ދަށްވާނެ ކަމަށް ހީކުރި ހިސާބު މާއްދާއިން، ލިބުނީ ސަޕްރައިޒެއް
މަޑިފުށީ ސްކޫލުގެ ތާރީޚުގައި ވެސް ސާނަވީ އިމްތިޙާނުގެ ޤައުމީ ގަދަ ދިހައެއްގައި އެ ސްކޫލުން ކިޔެވި އެރަށު ކުއްޖަކު ހިމެނުނީ މި އަހަރުއެވެ. އެއީ އެރަށާއި ސްކޫލަށް ލިބުނު ބޮޑު ކާމިޔާބެކެވެ. ރަނގަޅު ނަތީޖާއަކަށް އެ ސްކޫލުން ކުރަމުންދާ މަސައްކަތަށް ލިބުނު ހިތްވަރެކެވެ.

މަޑިފުށީ ސްކޫލުގެ ފާތިމަތު މައިޝާ ފާރިޝްއާއި އައިޝަތު ރަނާ އަސްލާހު ދިޔައީ ސާނަވީ އިމްތިޙާނުގެ ޤައުމީ ގަދަ ދިހައެއްގެ ނުވަ ވަނައަށެވެ.
ޤައުމީ ގަދަ ދިހައެއްގެ ތެރޭގައި ހިމެނެން މި ދެ ދަރިވަރުން ވެސް މަސައްކަތް ކުރިއެވެ. އެ މަސައްކަތުގެ ތެރެއިން ގަދަ ދިހައެއްގައި ހިމެނުނު ރަނާ، ހުޅުމާލޭގައި ހުންނަ ސީއެޗްއެސްއީއިން އޭލެވެލް ހަދަން އަންނަނީ ތައްޔާރު ވަމުންނެވެ. މައިޝާ ބޭނުން ވަނީ ނަރުހަކަށް ވާށެވެ. އެހެންވެ ވިލާ ކޮލެޖުގައި އަންނަ މަހު ކިޔަވަން ފަށާނެއެވެ.
މަޑިފުށީ ސްކޫލުގެ ޕްރިންސިޕަލް މަރިޔަމް ސުހައިދާ ވިދާޅުވީ، އެ ސްކޫލުގެ ފެންވަރު އަންނަނީ ރަނގަޅުވަމުން ކަމަށާއި ފާއިތުވި ފަސް އަހަރުގެ ނަތީޖާއަށް ބަލާއިރު އެކަން ފެންނަ ކަމަށެވެ. ސުހައިދާ އިޝާރާތް ކުރެއްވި ފާއިތުވި އަހަރު ތަކުގެ ނަތީޖާއަށް ބަލާއިރު، 2019 ވަނަ އަހަރު ފަސް މާއްދާއިން ފާސްވި ދަރިވަރުންގެ އަދަދު ހުރީ އެންމެ 8.3 އިންސައިގައެވެ. ފާއިތުވި އަހަރު އެ އަދަދު 45 އިންސައްތައަށް ވަނީ މަތިވެފައެވެ.
" މުދައްރިސުންގެ ފެންވަރު ރަނގަޅު. މިނަތީޖާ ހޯދުމަށް ދަރިވަރުން، މުދައްރިސުން އަދި ބެލެނިވެރިން ވަރަށް ބުރަ މަސައްކަތް ކޮށްފައި ވަނީ ވެސް" ސުހައިދާ ވިދާޅުވިއެވެ.
ސުހައިދާ ވިދާޅުވި ގޮތުގައި ރަށުން ކިޔަވައިގެން ވެސް ރަނގަޅު ނަތީޖާ އަކަށް ވާސިލް ވެވިދާނެކަން މައިޝާ އާއި ރަނާ ސާބިތުކޮށްދީފި ކަމަށެވެ.

" އުއްމީދު ކުރަނީ މަޑިފުށީ ސްކޫލަށް ފެހި ފާގަތި އަހަރުތަކަކަށް ކުރިއަށް އޮތް އަހަރުތައް ވުން" މިދިޔަ އަހަރު ޕްރިންސިޕަލް ކަމާ ހަވާލުވެ ވަޑައިގެންނެވި ސުހައިދާ ވިދާޅުވިއެވެ.
ރަނާ: ގަދަ ދިހައެއްގައި ހިމެނެން ތާވަލެއްގެ ދަށުން ދުވާލަކު 5 ގަޑިއިރު ކިޔެވި
ސާނަވީގައި ކިޔަވަން ފެށުމާއެކު ވެސް ރަނާ ކަނޑައެޅި އެއް އަޒުމަކީ ޤައުމީ ގަދަ ދިހައެއްގައި ހިމެނިގެން، މަތީ ސާނަވީއަށް ދިއުމެވެ. އެއީ އަޒުމެއް ކަމަށް ކަނޑައަޅައި، ދުވަހީ ތާވަލެއް ހަދައި އެ ތާވަލާ އެއްގޮތަށް ކިޔެވުމުގެ ވަގުތު ބަހާލިއެވެ. ސްކޫލުގައި ހޭދަކުރާ ވަގުތުގެ އިތުރަށް ގޭގައި އަމިއްލައަށް ކިޔެވުމުގައި ފަސް ގަޑިއިރު ހޭދަކުރިއެވެ. އެ ފަސްގަޑިއިރު ބަހާލާފައި އޮންނަނީ ދުވާލު ދެ ގަޑިއިރު، ރޭގަނޑު ތިން ގަޑިއިރަށެވެ. ކިޔެވުމުގައި ގިނަ ވަގިތު ހޭދަކުރަނީ އެކަނި އިނދެ ކިޔަވާށެވެ. ފަސޭހައީ ވެސް އެގޮތެވެ.
" ކިޔަވަމުން ދިޔައިރު ޓާގެޓަކީ ގަދަ ދިހައެއްގައި ހިމެނުން. އެ އެ ޓާގެޓަށް ދިއުމަށް ވަރަށް ބުރަކޮށް މަސައްކަތް ކުރީ. އިރާދަ ކުރެއްވީތީ، މަތީ ސާނަވީގައި ކިޔެވުން މި ފަށަނީ ގަދަ ދިހައެއްގައި ހިމެނުމުގެ ހިތްހަމަޖެހުމާ އެކު" ދަރިވަރު ނޫހަށް ރަނާ ބުންޏެވެ.

ރަނާ ބުނީ އޭނާގެ " ފޭވަރިޓް" މާއްދާއަކީ ހިސާބު ކަމަށާއި އެހެން ކުދިންނަށް ހިސާބު މާއްދާއިން ނޭނގޭ އެއްޗެއް އޮވެއްޖެ ނަމަ ކިޔައި ދިނުމަކީ ވެސް އަމިއްލަ ކުރިއެރުމަށް ލިބުނު ބާރެއް ކަމަށެވެ. އެހެންވެ ލިބޭ ވަގުތު ތަކުގައި އަބަދުވެސް އެހެން ކުދިންނަށް ކިޔައިދޭން ޚާއްޞަ އިސްކަމެއް ދިން ކަމަށެވެ.
ސްކޫލް ޙަޔާތުގައި ޕްރިފެކްޓް ކަމާއި ހެޑް ޕްރިފެކްޓްކަން އަދާކޮށްފައިވާ ރަނާ ބައިވެރި ނުވާ ހަރަކާތަކީ މަދަހަ މުބާރާތުގައެވެ. ސްކޫލުގައި ކުރިއަށް ގެންދިޔަ އެ ނޫން ހުރިހާ މުބާރާތެއްގައި އޭނާ ބައިވެރިވިއެވެ.
ރަނާ ބުނީ، އޭނާ ޑޮކްޓަރަކަށް ވުމަކީ ކުޑައިރުއްސުރެ މާމަ ދެކުނު ހުވަފެނެއް ކަމަށާއި މާމަ މިއަދު ނެތް ނަމަވެސް މާމަގެ އެ އުއްމީދު ޙާޞިލް ކޮށްދިނުމަކީ އޭނާގެ އުފަލެއް ކަމަށެވެ. މާމަގެ އެ އެއްމީދުގައި ކުލަޖައްސަން އޭނާ ކުރާ ދަތުރު ނިންމާލާނީ ހިތުގެ ޑޮކްޓަރަކަށް ވުމަށްފަހު ކަމަށް ރަނާ ބުންޏެވެ.
ރަނާ ބުނި ގޮތުގައި، ކިޔެވުމުގައި ބައެއް ފަހަރު ކުދިންގެ ފަރާތުން ހިތްހަމަ ނުޖެހޭ ކަންތައްތައް ދިމާވާ ކަމަށާއި އެ ހުރިހާ ކަމެއްގައި ވެސް އެންމެ ބޮޑު ހިތްވަރެއް ލިބެނީ މަންމަގެ ފަރާތުންނެވެ. އެހެންވެ އޭނާއަށް ލިބޭ އެންމެ ބޮޑު ކާމިޔާބަކީ މަންމަގެ ހިތްހަމަޖެހުމެވެ. މަންމަ ދޭ ހިތްވަރާއި ނަސޭހަތުގެ މަތީގައި އޭނާ އަޅަމުންދާ ފިޔަވަޅުތަކުގެ ނަތީޖާއަކަށް ހަދަން ބޭނުން ވަނީ ސާނަވީގެ ގަދަ ތިނެއްގެ ތެރޭގައި ހިމެނުމެވެ. މަތީ ސާނަވީގެ ދަތުރު ފަށަން ތައްޔާރު ވަނީ އެ އަޒުމުގައެވެ.

ކިޔެވުމުގައި ގިނަ ވަގުތެއް ހޭދަކުރި ނަމަވެސް ލިބޭ ހުސްވަގުތު ތަކުގައި ކޭކުއެޅުން ފަދަ މަސައްކަތްތައް ރަނާ ކުރެއެވެ. އަމިއްލަ އުފަލަކަށް ކުރާ އެ މަސައްކަތް ދަސްކުރީ ޔޫޓިއުބު ވީޑިއޯ ބަލައިގެންނެވެ. ކިޔެވުމާއެކު އަމިއްލަ ދިރިއުޅުން ބެލެންސް ކުރުމުގައި އޭނާ ގެންގުޅުނު އުކުޅަކީ އެއީއެވެ.
" ފޫހިވީމާ، ކާހިތް ވީމާ ކޭކެއް އަޅާލަނީ" ރަނާއަށް މީރީ ޗީޗް ކޭކެއެވެ. އެންމެ ގިނައިން އަޅަނީ ވެސް ޗީޒް ކޭކެއެވެ.
ރަނާ ބުނީ، ޤައުމީ ގަދަ ދިހައެއްގައި ހިމެނެން ސްކޫލުގެ މުދައްރިސުން ކޮށްދިން މަސައްކަތް ފާހަގަކުރާ ކަމަށާއި ނޭނގޭ އެއްޗެއް އޮވެއްޖެނަމަ ބުނެދޭން އިސްކަންދޭ ކަމަށެވެ.
" ނޭނގޭ އެއްޗެއް އޮވެއްޖެނަމަ ނުވަތަ އިތުރަށް ސާފުކުރަން ބޭނުންވިޔަސް ފޫހިކަމެއް ނެތި ތިބޭނީ ތައްޔާރަށް" ނަތީޖާއާ މެދު ހިތްހަމަޖެހިފައި ހުރި ރަނާ ބުންޏެވެ.
މިހާރު ސާނަވީ އިމްތިޙާނަށް ތައްޔާރު ވަމުންދާ ކުދިންނަށް ރަނާ ބުނީ، ތާވަލެއް ހަދައިގެން ހުރިހާ ޓޮޕިކެއް ރިވައިސް ކުރަން ޚާއްޞަ ސަމާލުކަމެއް ދިނުމަށެވެ.
މައިޝާ: އެންމެ ދަށްވާނެ ކަމަށް ހީކުރި ހިސާބު މާއްދާއިން، ލިބުނީ ސަޕްރައިޒެއް
މައިޝާއަށް އަބަދުވެސް ހިސާބަށް ދަށެވެ. މޮކް އެގްޒާމްގައި ވެސް ހިސާބުގެ ނަތީޖާ ވަރަށް ދަށެވެ. އެހެންވެ ސާނަވީ އިމްތިހާނަށް ތައްޔާރު ވުމަށް ގިނަ ވަގުތު ހުސްކުރީ ހިސާބު މާއްދާއަށެވެ. ޕާސްޕޭޕަރުތައް ހެދުމުގައެވެ. ނޭނގެއެއްޗެއް އޮޅުން ފިލުވުމުގައެވެ.
މައިޝާ ބުނީ ހުރިހާ މާއްދާތަކަށްވުރެ ހިސާބު މާއްދާއަށް ދަށްވުމުން، ސާނަވީ އިމްތިޙާނުގައި ވެސް ރަނގަޅު ނަތީޖާއެއް ލިބޭނެ ކަމަށް އެހާ ބޮޑު އުއްމީދެއް ނުކުރާ ކަމަށެވެ. އެކަމަކު ވެސް ނަތީޖާއެއް ހޯދަން ގަދައަޅައި މަސައްކަތް ކުރިކަމަށާއި އެކަމަކު އެންމެ ސަޕްރައިޒިން ނަތީޖާ ލިބުނީ ހިސާބުން ކަމަށެވެ. ހަ މާއްދާއަކުން އޭ ސްޓަރ ލިބުނުއިރު އޭގެތެރޭގައި ހިސާބު ހިމެނުމަކީ މައިޝާއަށް ލިބުނު ބޮޑު ސަޕްރައިޒެކެވެ.
" ހުރިހާ މާއްދާއަކަށްވުރެ ހިސާބުން ދަށްވީމާ އެ މާއްދާއަށް ދިން ވަގުތު އިތުރުވި. އެކަމަކު ވެސް ސާނަވީގައި ހިސާބުން ލިބުނީ އުއްމީދު ނުކުރާ ވަރުގެ ނަތީޖާއެއް" މައިޝާ ބުންޏެވެ.
މައިޝާއަށް އިސްލާމުން އޭ ސްޓަރއެއް ލިބުނުއިރު، ކެމިސްޓްރީން ލިބުނީ ބީ އެކެވެ.
މައިޝާ ބުނީ، ގުރޫޕް ސްޓަޑީއަށްބުރެ ބޮޑަށް ޝައުޤު ހުންނަނީ އެކަނި އިނދެ ކިޔަވާށެވެ. ކިޔަވަން އޭނާ ހުސްކުރަނީ ރޭގަނޑުގެ ވަގުތެވެ.
" ދުވާލަށްވުރެ ބޮޑަށް ރޭނގަޑު ކިޔެވުމަށް ހުސްކުރަނީ" މައިޝާ ބުންޏެވެ.

މައިޝާ ބުނީ، ގުރޭޑް 10އާ ހިސާބުން ސާނަވީގެ ގަދަ ދިހައެއްގައި ހިމެނުމުގެ އުއްމީދު ކުރި ކަމަށާއި މަސައްކަތް ކުރީ ގަދަ ދިހައެއްގައި ހިމެނުމުގެ އަޒުމުގައި ކަމަށެވެ.
މައިޝާއަކީ ފާއިތުވި ދިރާސީ އަހަރު މަޑިފުށީ ސްކޫލްގެ ކެޕްޓަނެވެ. އަދި އޭނާ ވަނީ ސްޓޫޑެންޓް އެސޯއެޝަންގެ ވައިސް ޕްރެޒިޑެން ކަމުގެ ޒިންމާ ވެސް އަދާކޮށްފައެވެ.
މައިޝާ ބުނި، އޭނާއަށް ލިބުނު ކާމިޔާބީގެ އެންމެ ބޮޑު އެހީތެރިންނަކީ ކިޔަވައި ދެއްވި ޓީޗަރުން ކަމަށާއި އެއީ ކަމަށް ކަމޭހިތައިގެން ދަރިވަރުންގެ ކުރިއެރުމަށާއި ރަނގަޅު ނަތީޖާއަކަށް މަސައްކަތް ކޮށްދެއްވި ޓީޗަރުން ކަމަށެވެ.
" އަޅުގަނޑަށް ލިބުނު ނަތީޖާއަކީ ޓީޗަރުން ކޮށްދިން މަސައްކަތް. އެކަމަށްޓަކައި ސްކޫލާއި ހުރިހާ ޓީޗަރުންނަށް ޝުކުރު އަދާކުރަން" މައިޝާ ބުންޏެވެ.
ސާނަވީއަށްފަހު، މައިޝާ ޚިޔާރު ކުރީ ނަރުސްކަން ކިޔަވާށެވެ. އަންނަ މަހު ވިލާ ކޮލެޖުގައި އޭނާ ކިޔަވަން ފަށާނެއެވެ.
މައިޝާ ބުނީ، މަންމައާއި ބައްޕަ ދޭ ހިތްވަރުގެ ސަބަބުން އުއްމީދު ގެއްލުވައިނުލައި ކުރިއަށް ދާން ހިތްވަރަކަށް ވި ކަމާއި އާއިލާގެ އެހީތެރިކަން އަބަދުމެ ލިބެމުން ދިއުމަކީ އެއީ އެ ހިތްވަރު އިތުރުވި ސަބަނެއް ކަމަށެވެ.
ސާނަވީގައި ކިޔަވާ ދަރިވަރުންނަށް މައިޝާ ބުނީ، ކިޔެވަންދޭ ސަމާލުކަން އިތުރު ކުރުމަށާއި ޓީޗަރުންނާ ސުވާލުކޮށް އޮޅުން ފިލުވަން އިސްކަން ދިނުމަށެވެ.
" ނޭނގޭ އެއްޗެއް އޮވެއްޖެނަމަ އެއެއްޗެއް ފަހުމް ވަންދެން ސުވާލުކުރަން ވާނެ. ނޭނގިފައި ހުރެގެން ނުވާނެ" މައިޝާ ބުންޏެވެ.
advertisment
ހިޔާލު