ފުރިހަމަ ކުރަން ޖެހޭ ބޭސިކް ޓްރެއިނިން ތަކެއް ކަނޑައަޅައި، ފުލްޓައިމް ކައުންސިލަރުންގެ އަދަދު މަދުކުރަން ޖެހޭ ކަމަށް ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީން ކުރި ދިރާސާއެއްގައި ބުނެފިއެވެ.
ދިވެހިރާއްޖޭގައި ލާމަރުކަޒީ ނިޒާމް ޤާއިމް ކުރުމުން ދެކޭ ތަޞައްވުރުތަކާއި ހުރި ގޮންޖެހުންތައް އަދި އަސަރުތައް ދެނެގަތުމަށް އެ ޔުނިވަރސިޓީން ކުރި ދިރާސާއަކީ ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި، އާންމު މަސައްކަތްތަކާ ބެހޭ ވުޒާރާއިން އެދިގެން ކުރި ދިރާސާއެކެވެ. މިދިރާސޭގެ ރިޕޯޓް އަންނަ މަހު ޝާއިއުކުރަން އެ ޔުނިވަރސިޓީން ވަނީ ނިންމާފައެވެ.
މި ދިރާސާގެ ނަތީޖާއަށް ބިނާކޮށް ހުށައަޅާ ހުށައެޅުންތަކުގެ ގޮތުގައި ބުނެފައިވާ ގޮތުގައި، ކައުންސިލަރުންގެ އަދަދަށް ބަދަލު ގެންނަން ޖެހޭ ކަމަށާއި އެ ބަދަލު ގެންނައިރު ފުލްޓައިމް ކައުންސިލަރުންގެ އަދަދު މަދުކުރުމެވެ. ކައުންސިލަރުންގެ އަދަދު ކަނޑައަޅާއިރު، މާލީ ބުރަ ކުޑަވާނެ ގޮތަށް، ބައިވެރިވާ ޖަލްސާއަކަށް އެލަވަންސެއް ކަނޑައެޅުމަށް ހުށައަޅާފައިވާއިރު މިފަދަ ބަދަލެއް އަތޮޅު ކައުންސިލަށް ވެސް ގެނެސް، އަތޮޅު ކައުންސިލުގެ ރޯލު ކަނޑައަޅާފައި އޮންނަން ޖެހޭ ކަމަށް ވެސް ބުނެފައިވެއެވެ.

މި ދިރާސާގައި ބައިވެރި މީހުންގެ ތެރެއިން 46.8 އިންސައްތަ މީހުން މިހާރު ތިބި ކައުންސިލަރުންގެ އަދަދާ މެދު ހިތްހަމަ ނުޖެހެއެވެ. 32.2 އިންސައްތަ މީހުންނަށް މިހާރު ކައުންސިލަރުން ތިބި އަދަދާ މެދު ހިތްހަމަ ޖެހޭ އިރު، 21.1 އިންސައްތަ މީހުން އެއްވެސް ކޮޅަކަށް ނުޖެހެއެވެ. ސާވޭގައި ބައިވެރިވި 62.9 އިންސައްތަ މީހުން ދެކޭ ގޮތުގައި އާބާދީގެ ސައިޒަށް ބަލައިގެން ކައުންސިލަރުންގެ އަދަދު ކަނޑައަޅަން ޖެހެއެވެ. އެގޮތަށް ބަދަލުކުރަން 62.9 އިންސައްތަ މީހުން ބޭނުންވާއިރު، އެއްބަސް ނުވަނީ 21.6 އިންސައްތައެވެ. ވަކިކޮޅަކަށް ބުރަނުވަނީ 21.6 މީހުންނެވެ.
މި ދިރާސާގެ އަލީގައި ބުނެފައި ވަނީ، ތަޢުލީމީ މިންގަނޑެއް ކަނޑަނޭޅި ނަމަވެސް ލާމަރުކަޒީ ނިޒާމެއްގައި ކައުންސިލަރުންގެ ދައުރު އަދާކުރުމަށް ބޭނުންވާ ތަމްރީނާއި ހުރަނަރު ދެނެގަތުމަށްޓަކައި ކައުންސިލަރުން ފުރިހަމަ ކުރަން ޖެހޭ ބޭސިކް ޓްރެއިނިން ތަކެއް ކަނޑައަޅަންޖެހޭ ކަމަށެވެ.

އަދި ނެޝަނަލް ޑިވެލޮޕްމަންޓް ޕްލޭނެއް ހަދައި މަރުކަޒީ އަދި ލާމަރުކަޒީ ކުރާނެ ތަންތަން ކަނޑައަޅައި ދުރުރާސްތާ ޕްލޭނެއް ހަދަން ޖެހެއެވެ. އެންމެ ރަނގަޅު ގޮތުގައި ލާމަރުކަޒީ ނިޒާމް ހިންގަން މާލީ މިނިވަންކަން ދިނުމާއި އަންހެނުން ކުރިއަރުވާ ކޮމިޓިއަކީ ކައުންސިލުގެ ކޮމިޓީއަކަށް ހަދައި އެކޮމިޓީ ބާރުވެރިކުރުވަން ސިޓިންގ އެލަވަންސެއް ހަމަޖައްސަން ލަފާ ދީފައިވެއެވެ.
މި ދިރާސާގެ ސާވެގާއި 1159 މީހުން ބައިވެރިވިއިރު، 55 އިންސައްތަ އަކީ އަނެހެނުންނެވެ. 45 އިންސައްތަ އަކީ ފިރިހެނުންނެވެ.
ލާމަރުކަޒީ ނިޒާމުން އާންމު ޚިދުމަތުގެ ފެންވަރަށް ބަދަލުއައި ނަމަވެސް އެ ނިޒާމަށް ރައްޔިތުން ހޭލުންތެރިވެފައިވާ މިންވަރު ކުޑައެވެ. އަދި އެ ދނިޒާމުގައި ހުރި ރަނގަޅު ކަންތައްތަކާއި ރަނގަޅު ކުރަން ހުރި ކަންތައްތަކާ މެދު ވިސްނާ ވަރު ކުޑައެވެ. ރަނގަޅަށް ހޭލުންތެރިވެފައި ތިބީ އެންމެ 19 އިންސައްތަ މީހުންނެވެ. އެހެންވެ ލާމަރުކަޒީ ޤާނޫނަށް އަދި ނިޒާމަށް ރައްޔިތުން އަހުލު ވެރިކޮށް ހޭލުންތެރި ކުރުވުމަކީ މުހިންމު ކަމެއްގެ ގޮތުގައި ވަނީ ފާހަގަކޮށްފައެވެ.

ލާމަރުކަޒީ ކޮށްފައިވާ ގިނަ ޚިދުމަތްތައް ހޯދަން ފަސޭހަ މިސާލަކަށް ޕާސްޕޯޓް އައިޑީ ހެދުން ފަދަ އަދި ކަނޑައެޅިފައިވާ ބަޖެޓް ބޭނުން ކޮށްގެން އިގްތިޞާދު ކުރުމުގެ ފުރުޞަތު ލިބިފައިވާކަން ފާހަގަކުރެވޭ. އެހެން ނަމަވެސް ޑީސެންޓްރައިލައިޒޭޝަން ކުރާ ޚިދުމަތްތަކާ އެއްވަރަށް ރިސޯސްތައް ޤާއިމްވެފައި ނެތުމުން ދަތިތައްދިމާވާކަން ފާހަގަކުރެވޭ.
ލާމަރުކަޒީ ނިޒާމުގެ ސަބަބުން މުޖްތަމައުގައި އިޤްތިޞާދީ ތަރައްޤީއަށް އަސަރުކޮށްފައިވާ ގޮތަށް ބަލާއިރު، ރަނގަޅު އަސަރެއް ކޮށްފައިވާ ކަމަށް 50.7 އިންސައްތަ މީހުން ދެކެއެވެ. ނުބައި އަސަރެއް ކޮށްފައިވާ ކަމަށް ދެކެނީ 20.2 އިންސައްތައެވެ.
އިޖްތިމާއީ ޚިދުމަތްތަކަށް ( ސިއްޙީ އަދި ތަޢުލީމީ) އަސަރުކޮށްފައިވާ ގޮތަށް ބަލާއިރު، ރަނގަޅު އަސަރެއް ކޮށްފައިވާ ކަމަށް 55.3 މީހުން ދެކެއެވެ. އިންފްރާސްޓްރަކްޗަރ ތަރައްޤީ ކުރުމަށް ( މަގުތަކާއި ޔުނިޓިލިޓީސް) އަސަރުކޮށްފައިވާ ގޮތަށް ބަލާއިރު، ރަނަގޅު އަސަރެއް ކޮށްފައިވާ ކަމަށް 58.8 އިންސައްތަ މީހުން ދެކެއެވެ.
މި ދިރާސާއަށް ބަލާއިރު ލާމަރުކަޒީ ނިޒާމުން ކުރި އަސަރުތަކާ ބެހޭ ގޮތުން ގިނަ ބައިވެރިން ހިތްހަމަ ޖެހެއެވެ. އަދި ގާތުން ހިދުމަތް ލިބި ޚިދުމަތްތައް އަވަސްވުމަކީ ތަރައްޤީއަށް ހުޅުވޭ ފުރުޞަތެއް ކަމަށް ޤަބޫލުކުރެއެވެ. އިންފްރާސްޓްރަކްޗަރ އަދި އިޤްތިޞާދީ ފުރުޞަތުތަކެއް ހުޅުވިގެން ދިޔަ ނަމަވެސް ތައުލީމާއި ސިއްޚީ ނިޒާމަށް އުއްމީދު ކުރި ހެޔޮ ބަދަލު އައިސްފައި ނުވާކަމަށް ވެސް ދިރާސާގައި ބައިވެރިވި ފަރާތްތަކުން ފާހަގަކޮށްފައިވެއެވެ. ކައުންސިލުންގެ ކެޕޭސިޓީ އަދި ތަޖުރިބާ ނެތުމުން ވަޞީލަތްތައް މެނޭޖް ނުކުރެވޭ ކަމަށާއި ކޯޓިނޭޝަންއާއި އެއްބާރުލުން ވެސް ނުލިބޭކަން ފާހަގަކޮށްފައިވެއެވެ.

ލާމަރުކަޒީ ނިޒާމުގެ ސަބަބުން ވެރިކަމުގެ އޮނިގަނޑަށް / ނިޒާމަށް އަސަރުކޮށްފައިވާ ގޮތަށް ބަލާއިރު، ރަނގަޅު އަސަރެއް ކުރި ކަމަށް 50.3 އިންސްތަ މީހުން ދެކެއެވެ. އަސަރެއް ނުކުރާ ކަމަށް 31 އިންސައްތަ މީހުން ދެކޭއިރު ނުބައިއަސަރު ކުރި ކަމަށް 18.7 މީހުން ދެކެއެވެ. މުޖްތަމައުގައި ނިންމުންތައް ނިންމުމުގައި އަދި އެންމެންގެ ބައިވެރިވުމާ އެއްގޮތަށް ކަންތައްތައް ކުރިއަށް ގެންދިއުމުގައި އަސަރުކޮށްފައިވާ ގޮތަށް ބަލާއިރު، ރަނގަޅު އަސަރެއް ކުރިކަމަށް 50 އިންސައްތަ މީހުން ދެކެއެވެ.
މި ދިރާސާއަށް މަޝްވަރާ ކުރެވުނު ބައިވެރިންގެ ތެރޭގައި ކައުންސިލްތަކުގެ މެމްބަރުންނާއި މަޖިލިސް މެމްބަރުންނާއި ސިވިލްސާވިސް ކޮމިޝަނުގެ މެމްބަރުންނާއި އެލްޖީއޭ މިނިސްޓްރީތައް ކޯޓްތަކާއި ޤާނޫނީ ބޭފުޅުންނާއި ހޮސްޕިޓަލް ހެލްތް ސެންޓަރު ޔުނިވަރސިޓީ ސްކޫލްތަކުގެ އިސްވެރިންނާއި އަންހެނުންގެ ކޮމިޓީތަކާއި އެންޖީއޯ އަދި އާންމު ރައްޔިތުން ހިމެނެއެވެ.
advertisment
ހިޔާލު