2016 ވަނަ އަހަރުން ފެށިގެން މެދު ނުކެނޑީ ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގެ ފަރާތުން ކޮންމެ އަހަރަކު އިންތިޒާމުކުރާ އިންޓަރނޭޝަނަލް ކޮންފަރެންސް އައިސީއައިއޭގެ ރެޖިސްޓްރޭޝަން މި މަހު 22 ގައި ވަނީ ހުޅުވާލާފައެވެ.
2016 ވަނަ އަހަރުން ފެށިގެން އައިސީ އައި އޭ ވަނީ މެދު ނުކެނޑި 8 އަހަރު ބާއްވާފައެވެ. މިއަހަރަކީ މި ކޮންފަރެންސްގެ 9 ވަނަ އަހަރެވެ. މި ފަހަރު ކޮންފަރެންސް ބާއްވަން ހަމަޖެހިފައިވަނީ ސެޕްޓެމްބަރ މަހު 28 އަދި 29 ގައެވެ.

އައިސީއައިއޭ ގެ މައިގަނޑު މަޤުޞަދަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުގެ ޢިލްމުވެރިން އެއްތަނަކަށް އެއްވެ ޢިލްމީ މުހާވަރާތަކާއި މަޝްވަރާތައް ކޮށް ދިރާސާތަކުގެ ހޯދުންތައް ހިއްސާކުރުމަށް ފުރުޞަތު ފަހިކުރުމެވެ. މި ކޮންފަރެންސަކީ ބައިނަލްއަޤްވާމީ ފެންވަރުގައި ދުނިޔޭގެ ގިނަ ގައުމުތަކަކުން ކޮންމެ އަހަރަކުވެސް ދިރާސާވެރިންގެ ޢިލްމީ ކަރުދާސްތައް ހުށަހަޅާ ޕްލެޓްފޯމެކެވެ. މީގެ އިތުރުން މި ކޮންފަރެންސަކީ އުފެއްދުންތެރި ޚިޔާލުތަކާއި އިޖާބީ ވިސްނުންތައް ހިއްސާކުރެވޭ ޢިލްމީ މަހާސިންތާއެކެވެ. ޚާއްޞަކޮށް ދުނިޔޭގެ ފެންވަރުގައި މަޝްވަރާކުރެވޭ މައުޟޫޢުތަކާއި، ގައުމީ ފެންވަރުގައި ސަމާލުކަންދޭންޖެހޭ މައުޟޫޢުތަކަށް ކޮންފަރެންސްގައި ލިޔުންތައް ހުށަހެޅެއެވެ.

މި ފަހަރުގެ ކޮންފަރެންސްގައި ދުނިޔޭގެ އެކި ގައުމުތަކުގެ މަޝްހޫރު ޢިލްމުވެރިންގެ ކީ ނޯޓްތަކާއި ޕެނަލް ޑިސްކަޝަން އަދި ވާރކްޝޮޕްތައް ވެސް ބާއްވޭނެއެވެ. މި އަހަރުގެ ކޮންފަރެންސްގައި ރެޖިސްޓްރޭޝަން ހުޅުވާލެވިފައިވާއިރު އެހެން އަހަރުތަކާއި ޚިލާފަށް ގިނަ ޢަދަދެއްގެ ކަރުދާސްތަކުގެ އެބްސްޓްރެކްޓްތައް ވަނީ ބަލައިގަނެވިފައިވެއެވެ. ކޮންފަރެންސްގައި ކަރުދާސް ހުށަހެޅުންތެރިންނާއި އަދި ކަރުދާސް ހުށަނޭޅި ނަމަވެސް ބައިވެރިންގެ ގޮތުން ރެޖިސްޓަރވުމަށް ވެސް ފުރުސަތު ވަނީ ހުޅުވާލާފައެވެ.
މި ކޮންފަރެންސްގައި މި ލިންކް https://icia.mv/ އިން ރެޖިސްޓަރ ކުރެވޭނެއެވެ. ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގެ އުއްމީދަކީ އެހެން އަހަރުތަކެކޭ އެއްފަދައިން މިއަހަރަކީ ވެސް އައިސީ އައި އޭގެ ކާމިޔާބު އަހަރަކަށް ވެގެން ދިއުމެވެ.
advertisment
ހިޔާލު