ކަލާފާނު ސްކޫލުގެ އަހަރީ ދުވަހުގެ ހަރަކާތްތައް ނިންމާލީ ޕެރޭޑުން

ކަލާފާނު ސްކޫލަށް 35 އަހަރު ފުރުނު އުފާވެރި މުނާސަބަތާ ގުޅުވައިގެން ސިލްސިލާ ގޮތެއްގައި ކުރިއަށް ގެންދެވުނު ހަރަކާތްތައް ނިންމާލުމުގެ ގޮތުން ޚާއްޞަ ޕެރޭޑެއް އެ ސްކޫލްގެ ފަރާތުން މިއަދު މާލެގައި ކުރިއަށް ގެންގޮސްފިއެވެ.

އަމީނީ މަގާއި ބޮޑުތަކުރުފާނު މަގުގައި ކުރިއަށް ދިޔަ މިޕެރޭޑް، ހަވީރު 16:30 ގައި ކަލާފާނު ސްކޫލް ކުރިމަތިން ފައްޓަވައިދެއްވީ ޖަޕާނުން ރާއްޖެއަށް ކަނޑައޅުއްވާފައި ހުންނަވާ އެމްބެސެޑަރެވެ.

މި ޕެރޭޑުގައި ސްކޫލުގެ ޔުނިފޯމް ބޮޑީތައް ކަމަށްވާ ކެޑޭޓް، ބޭންޑު ދަރިވަރުންގެ އިތުރުން، ސްކައުޓް، ގައިޑް، ކަބްސްކައުޓް އަދި ލިޓްލް މެއިޑުގައި އުޅޭ ދަރިވަރުން ވެސް ބައިވެރިވެފައިވެއެވެ. މީގެ އިތުރުން ޓީޗަރުންނާއި މުވައްޒަފުން ވެސް ޕެރޭޑުގައި ބައިވެރިވިއެވެ. ޕެރޭޑަށް އެކުލަވައިލެވިފައިވާ ބްރާސް ބޭންޑުގައި މިހާރު ބޭންޑުގައި އުޅޭ ދަރިވަރުންގެ އިތުރުން ކުރިން ސްކޫލް ބޭންޑުގައި އުޅުނު އިސްދަރިވަރުން ވެސް ބައިވެރިވެފައިވާކަން ސްކޫލުން ފާހަގަކުރެއެވެ.

ސްކޫލުގެ އަހަރީ ދުވަސް ފާހަގަކުރުމަށް މުޅި އަހަރަށް ބަހައިލައިގެން ޚާއްސަ ގިނަ ހަރަކާތްތަކެއް ސްކޫލްގައި ކުރިއަށް ގެންގޮސްފައިވެއެވެ.  އެގޮތުން ލޭ ހަދިޔާ ކުރުމުގެ ޚާއްޞަ ހަރަކާތަކާއި، ގުރައިދޫގައި ހުންނަ ޚާއްޞަ އެހީތެރިކަން ބޭނުންވާ މީހުންގެ މަރުކަޒުގައި ތިބި އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ހަރަކާތަކާއި، ގަސް އިންދުމުގެ ޚާއްސަ ހަރަކާތެއްގެ އިތުރުން  ދަރިވަރުންނަށް ޚާއްޞަ ފަންފެއަރ އެއްވެސް  ސްކޫލުން ވަނީ ކުރިއަށް ގެންގޮސްފައެވެ.

ކަލާފާނު ސްކޫލަކީ ޖަޕާނު ސަރުކާރުގެ ހިލޭ އެހީގެ ދަށުން ބިނާކުރެވިފައިވާ  ސްކޫލެކެވެ. ސްކޫލުގެ އަހަރީ ދުވަހަކީ ޖުލައި މަހުގެ 25ވަނަ ދުވަހެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *