" ޕްރައިމަރީ ނަތީޖާ ރަނގަޅުކޮށް، ލިޓެރަސީ އެންޑް ނިއުމެރަސީ ރަނގަޅުކޮށްގެން ނޫނީ އަޅުގަނޑުމެންނަށް ލާހިކެއް ނޫން ސާނަވީ މަރުހަލާގެ ނަތީޖާ ރަނގަޅުކުރާކަށް"
ފާއިތުވި ދިހަ އަހަރަށް ބަލާއިރުވެސް ހިސާބާއި ދިވެހިން ދަރިވަރުންގެ ނަތީޖާ ދަނީ ދަށަށް ކަމަށް އެޑިޔުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީޢު މިއަދު ވިދާޅުވެއްޖެއެވެ.
5 މިލިއަން ޑޮލަރުގެ އެޑިޔުކޭޝަން ޓްރާންސްފޯރމޭޝަން އިނީޝިއޭޓިވް ޕްރޮޖެކްޓް އިފުތިތާޙު ކުރުމަށް ހޮޓެލް ޖެންގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި މިނިސްޓަރު ވަނީ ތައުލީމީ ދާއިރާ ބައްޓަން ކުރައްވަން ގަސްތުކުރައްވާ ގޮތް ވިދާޅުވެދެއްވާފައެވެ.
މިނިސްޓަރު ވިދާޅުވީ، އަޅުގަނޑުމެންނަކީ 2000ގެ އަހަރުގެ ކުރީގައި ޔުނިވަރސަލް ގޯލް ޕްރައިމަރީ އެޑިޔުކޭޝަން އިން 100 އިންސައްތަ ހާޞިލްކޮށްފައިވާ ޤައުމެއް ކަމަށާއި އަދި ހަމައެއާއެކު ސާނަވީއަށް ކިޔަވާ ކުދިންގެ އަދަދު ވެސް މި ރީޖަންގައި އެންމެ ގިނައީ ދިވެހިރާއްޖޭގައި ކަމަށެވެ. އެއީ އަޅުގަނޑުމެން ފަޚުރުވެރިކަމާއެކު ފާހަގަކުރަން ޖެހޭ ކަމެއް ނަމަވެސް އަޅުގަނޑުމެންގެ ސްކޫލުގެ ނިޒާމުގެ ތެރެއިން ނިމޭ ދަރިވަރުންގެ ނަތީޖާތަކަށް ބަލާއިރު ނަތީޖާ ހުރީ ކަންބޮޑުވާން ޖެހޭ ހިސާބުގައި ކަމަށެވެ.
މިނިސްޓަރު ވިދާޅުވި ގޮތުގައި، 2014 ވަނަ އަހަރު ހިސާބުގެ ނަތީޖާތަކަށް ބަލާއިރު، ފާސްވާ ކުދިންގެ ނިސްބަތް ހުރީ 45އާއި 50 އިންސައްތައާ ހިސާބަށް ކައިރިއަށް ޖެހިލާފައެވެ. ދިހަ އަހަރު ފާއިތުވެގެން ދިޔައިރު، 2023 އާއި 2024 އަށް ބަލާއިރު އޯލެވެލްގެ ފާސްވާ އިންސައްތަ އަދިވެސް 50 އިންސައްތަ ހުރަސް ނުކުރެވުމުގެ ކަންބޮޑުވުން މިނިސްޓަރު ފާހަގަކުރެއްވިއެވެ.

" މިއީ އަޅުގަނޑުމެން ކަންބޮޑުވާންޖެހޭނެ ކަމެއް. ތައުލީމީދާއިރާގެ ކޮންމެ ބޭފުޅަކު، ކޮންމެ ރައްޔިތަކު، ކޮންމެ ބެލެނިވެރިއަކު، ކޮންމެ ޓީޗަރަކު ކަންބޮޑުވާން ޖެހޭ ކަމެއް." މިނިސްޓަރު ވިދާޅުވިއެވެ.
" ބޮޑު ހޭދައެއްކޮށް، އެތައް އިންވެސްޓްމަންޓެއްކޮށް، ރާއްޖޭގެ ބޭރުގެ އެޖެންސީސްތައް ޚާއްޞަކޮށް ޔުނިސެފާއި ވޯލްޑް ބޭންކް ފަދަ އެޖެންސީތަކުން ކެނޑިނޭޅި އެހީވަމުން ދާއިރުގައި ސާނަވީ މަރުޙަލާ ނިންމާ ފާސްވާ ދަރިވަރުންގެ އަދަދު 50 އިންސައްތައިގައި، 2024 ގައި ހުރުމަކީ އަޅުގަނޑުމެންނަށް ދޫކޮށްލެވޭ ވަރުގެ ކަމެއް ނޫން"
މިނިސްޓަރު ޑރ. އިސްމާއިލް ޝަފީޢު ވިދާޅުވީ، އޭލެވެލްގެ އެޑެކްސެލްގެ ދެ މާއްދާއިން ފާސްވާ ކުދިންގެ އިންސައްތަ ވެސް ހުރީ 50 އިންސައްތައަށްވުރެ ދަށުގައި ކަމަށާއި 7000 ކުދިންނާއެކު ގުރޭޑް އެކެއްގައި ފައްޓާ ބެޗެއް ގުރޭޑް 12 ނިމިގެން ދާއިރުގައި، ގުރޭޑް 12ގައި ކިޔަވަން އެންރޯލް ކޮށްފައިވާ ކުދިންގެ އަދަދުން ފާސްވާ ކުދިންގެ އަދަދު 50 އިންސައްތައަށް ނާރާ ކަމަށެވެ. އަދި ވިދާޅުވީ، 7000 ކުދިން ފެއްޓި ދަތުރުގައި 1500 ކުދިންނަށް ދުނިޔޭގެ މަތީ ފެންވަރުގެ ޔުނިވަރސިޓީތަކަށް ވެދެވޭ ވަރަށް އަޅުގަނޑުމެންނަށް ފާސްކޮށް ނުދެވޭ ކަމަށެވެ.
" މިއީ ގޮންޖެހުމެއް. މިއީ އެއާމެދު އަޅުގނޑުމެން ކަންބޮޑުވާން ޖެހޭނެ ކަމެއް. މިއީ އެޑްރެސްނުކޮށް ދޫކޮށްލެވޭނެ ކަމެއް ނޫން"
މިނިސްޓަރު ވިދާޅުވީ، އެ ހިސާބަށް ދާ ސަބަބަށް، އެކަން ފެށިގެންދާ ހިސާބަށް ބަލަން ޖެހޭ ކަމަށާއި ފެންނަނީ، އޯލެވެލްއާއި އޭލެވެލްގެ ނަތީޖާ ކަމަށެވެ.
މިނިސްޓަރު ވިދާޅުވީ، މައްސަލަ ފެއްޓިގެން އަންނަނީ މާކުރިން ކަމަށާއި ނެޝަނަލް އެސެސްމަންޓް އޮފް ލަރނިންގެ މައުލޫމާތު ތަކަށް ބަލާއިރު 2015އިން ފެށިގެން 2024 އާ ހަމައަށް ނެގުނު މައިގަނޑު 4 އެސެސްމަންޓުން، ގުރޭޑް 3ގެ އިނގިރޭސި މެނުވީ އެހެން މާއްދާތަކުން ކުދިންގެ ކިޔެވުން އަންނަނީ ދަށްވަމުން ކަމަށެވެ.
މިނިސްޓަރު ވިދާޅުވީ " ޚާއްޞަކޮށް އެސެސްމެންޓް މި ނަގާ މާއްދާތައް. ދިވެއްސާއި އިނގިރޭސި އަދި ހިސާބު މި މާއްދާތަކުގެ ނަތީޖާ ހުރީ "ޑައުންވާރޑް ޓްރެންޑެއްގައި" ކަމަށެވެ.
ދަރިވަރުންގެ ލިޓްރެސީއާއި މެތެމެޓިކްސް ސްކިލްސް ޕްރައިމަރީ ގުރޭޑްގައި ނުހިފެހެއްޓޭ ކަމުގައި ވަނީނަމަ އޭގެ ހަޤީޤީ އަސަރު ކުރާނީ އެ ދަރިވަރުންގެ އޯލެވެލްއާއި އޭލެވެލްގެ މަރުހަލާގެ ނަތީޖާއަށް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
" މިއީ އަޅުގަނޑުމެން މިހާރު އެޑްރެސްކުރަން މިއުޅޭ އިޝޫއަކީ. ޕްރައިމަރީ ނަތީޖާ ރަނގަޅުކޮށް ލިޓްރެސީ ނިއުމެރެސީ ރަނގަޅުކޮށްގެން ނޫނީ އަޅުގަނޑުމެންނަށް ލާހިކެއް ނޫން ސާނަވީ މަރުހަލާގެ ނަތީޖާ ރަނގަޅުކުރާކަށް"
މިނިސްޓަރު ވިދާޅުވި ގޮތުގައި، ފާއިތުވި ހަތްމަސްދުވަހުގެ ތެރޭގައި ކުރެވުނު މަސައްކަތުން، ހޯދިހޯދުންތަކުން އެންމެ ބޮޑަށް ފާހަގަކުރެއްވުނީ ޓީޗަރުންގެ ފެންވަރު މަތިކޮށްގެން މެނުވީ ކުރިން މިދެންނެވި ނަތީޖާއާ ހަމައަށް ދެވުމަކީ އުނދަގޫކަމަކަށް ވާނެ ކަމަށެވެ.
މިނިސްޓަރު ވިދާޅުވީ، މިހާރަށް ބަލާއިރު ވެސް 250 ޕްރައިމަރީ ޓީޗަރުން މަދުވާ ކަމަށާއި ހިސާބާއި ލޭންގުއޭޖް މާއްދާތަކަށް މަދުވާ ޓީޗަރުންގެ އަދަދު ވެސް އެހާމެ ގިނަ ކަމަށެވެ.
މިނިސްޓަރު ވިދާޅުވީ، ބިދޭސީ ޓީޗަރުންގެ އަދަދާ އެކުގައި 2700 އެއްހާ ޓީޗަރުން ބޭނުންވާ ކަމަށެވެ.
ރާއްޖޭގެ ތައުލީމީ ނިޒާމުގައި ހުރި ބޮޑެތި މައްސަލަތަކަށް އެޑްރެސް ކުރުމަށް ތިން ގްރާންޓެއްގެ ގޮތުގައި ހަމަޖެއްސި 9.5 މިލިއަން ޑޮލަރުގެ ބޭނުން ކުރައްވައިގެން ބޮޑު ބަދަލެއް ތަޢުލީމީ ދާއިރާއަށް ގެންނަވާނެ ކަމަށް މިނިސްޓަރު ޑރ. އިސްމާއިލް ޝަފީޢު ވިދާޅުވިއެވެ.
advertisment
ހިޔާލު