އަންނަ މަހު ކިޔަވަން ފަށާއިރު، ސީއެޗްއެސްއީ މާލެ އަށް ބޭނުންވާ ހުރިހާ ޓީޗަރުންނާއި މުވައްޒަފުން ހަމަވާނެ ކަމަށާއި ކިޔަވައި ދިނުމުގެ ފެންވަރަކަށް ބަދަލެއް ނާންނާނެ ކަމަށް އެ ސްކޫލުން ބުނެފިއެވެ.
ސީއެޗްއެސްއީ މާލެ ސްކޫލުގެ ޑެޕިއުޓި ޕްރިންސިޕަލް އައިޝަތު އަބީރާ ދަރިވަރު ނޫހަށް މިއަދު ވިދާޅުވީ، އެ ސްކޫލަށް ބޭނުންވާ ޓީޗަރުންގެ ތެރެއިން ގިނަ ޓީޗަރުން އަންނާނީ މިހާރު ސީއެޗްއެސްއީ ހުޅުމާލެ ސްކޫލުން ކަމަށާއި އެ ޓީޗަރުންނަކީ ގިނަ ދުވަސްވީ ތަޖުރިބާކާރު ޓީޗަރުން ކަމަށެވެ. އެނާ ވިދާޅުވީ އިތުރަށް ބޭނުންވާ ޓީޗަރުން ހޯދަން ކުރި އިއުލާނާ ގުޅިގެން ކުރިމަތިލި ފަރާތްތަކާ އިންޓަވިއު ކުރުމުގެ މަސައްކަތް މިހާރު ވެސް ކުރިއަށް ގެންދާ ކަމަށެވެ.

" މަދުވާ ޓީޗަރުން ހޯދަން އިއުލާން ކުރީ ވެސް. އަލަށް ސްކޫލް ހުޅިވިޔަސް ކިޔަވައި ދިނުމުގެ ފެންވަރަކަށް ބަދަލެއް ނާންނާނެ. އެ ޔަގީންކަން ދެން" އަބީރާ ވިދާޅުވިއެވެ.
އަބީރާ ވިދާޅުވީ ކިޔެވުން ފަށައިގަންނައިރު، ކޯޑިނޭޝަން ބައްދަލުވުންތައް ކުރިއަށް ގެންދާނީ ސީއެޗްއެސްއީގެ ދެ ސްކޫލުގައި އެކީގައި ކަމަށާއި ދެ ސްކޫލުން ވެސް މަސައްކަތް ކުރާނީ އެއް އަމާޒަކަށް ކަމަށެވެ.
" ދެ ސްކޫލުން ގުޅިގެން މަސައްކަތް ކުރާނީ ވެސް. އޭގެ ސަބަބުން ވަކި ސްކޫލެއް ތަފާތެއް ނުވާނެ" އަބީރާ ވިދާޅުވިއެވެ.

ގުރޭޑް 11ގެ ކިޔެވުން ފަށާއިރު، މި އަހަރު އާ ހަތަރު މާއްދާ ވެސް އެ ދެ ސްކޫލުގައި ކިޔަވައިދޭނެއެވެ. އެއީ މެރިން ބައޮލޮޖީއާއި ސައިކޮލޮޖީއާއި ޓްރެވަލް އެންޑް ޓޫރިޒަމާއި ކޮންޕިއުޓަރ ސައިންސެވެ. މީގެ އިތުރުން ބީޓެކް ސްޓްރީމަށް ހުޅުމާލޭގައި ހުންނަ ސީއެޗްއެސްއީގައި ކިޔަވައިދޭނެއެވެ.
ސީއެޗްއެސްއީގެ ކުރީގެ އިމާރާތުގައި ސީއެޗްއެސްއީ މާލެ ހުޅުވަން، އިމާރާތަށް ގެންނަން ޖެހޭ ބަދަލު ކުރިއަށް އޮތް މަދު ދުވަސްތަކެއްގެ ތެރޭގައި ނިންމާލެވޭނެ ކަމަށް އެޑިޔުކޭޝަން މިނިސްޓްރީން ބުނެފައިވެއެވެ. އަދި އެ ސްކޫލް ހުޅުވާއިރު، ހުރިހާ ކުލާސްރޫމެއް އޭސީކޮށް ޓީވީ ވެސް ހަރުކުރާނެ ކަމަށް ވެސް އެ މިނިސްޓްރީން ބުނެފައިވެއެވެ.
advertisment
ހިޔާލު