ދ. އަތޮޅު މަދަރުސާއިން މި ހޯދީ ފާއިތުވި ފަސް އަހަރަށް ވުރެ 52 އިންސައްތައިގެ ކުރިއެރުމެއް

މި އަހަރު އެ ސްކޫލުގެ ދެ ދަރިވަރުން ޤައުމީ ގަދަ ދިހައެއްގައި ވެސް ހިމެނިފައިވޭ

މެއި/ޖޫން 2024  އޯލެވެލް އަދި އެސް އެސް ސީ ލިބުނު ނަތީޖާއަކީ ދ. އަތޮޅު މަދްރަސާގެ ދިގު ތާރީޚްގައި ލިބުނު އެންމެ ރަނގަޅު ނަތީޖާއެވެ. މިފަދަ ނަތީޖާއަކަށް ރަށުގެ ރައްޔިތުން އިންތިޒާރުކުރާތާ އަހަރުތަކެއްވެފައިވާއިރު މިފަހަރު މި ލިބުނު ނަތީޖާއިން މުޅި ރަށަށް މިވަނީ އުފާވެރިކަން ގެނެސްދީފައެވެ.

މި އަހަރުގެ އޯލެވެލް އިމްތިހާނުގައި ނުވަ ދަރިވަރުން ބައިވެރިވިއިރު 5 މާއްދާއިން ފާސްވި ދަރިވަރުންގެ ނިސްބަތް އުޅެނީ 78 އިންސައްތައިގައެވެ. ޤައުމީ ގަދަ ދިހައަކަށް ދެ ދަރިވަރުން ވަނީ ހޮވިފައެވެ. މިއަހަރުގެ ނަތީޖާއަކީ ފާއިތުވި 5 އަހަރުގެ އެވްރެޖް ނަތީޖާ އާ އަޅާ ބަލާއިރު 52 އިންސައްތައިގެ ކުރިއެރުމެކެވެ. ވަކި ވަކި މާއްދާތަކަށް ބަލާއިރު ވެސް ހިތްހަމަ ޖެހޭ އުފާވެރި ނަތީޖާއެއް ދަރިވަރުން ވަނީ ހޯދާފައެވެ. ބައޮލޮޖީ،ކެމިސްޓްރީ، އިކޮނޮމިކްސް، އެކައުންޓިން، ބިޒްނަސް، އަދި ބީޓެކް މާއްދާގައި ބައިވެރި ހުރިހާ ދަރިވަރުންވަނީ ފާސްވެފައެވެ. ދިވެހި، އިސްލާމް އަދި ހިސާބު އިން 77.78 އިންސައްތަ ދަރިވަރުން ފާސްވެފައިވާއިރު ޓްރެވެލް އެން ޓޫރިޒަމް އިން 71 އިންސައްތަ އަދި އިނގިރޭސި މާއްދާއިން 89 އިންސައްތަ ދަރިވަރުން ވަނީ ފަސްވެފައެވެ.

ދ.އަތޮޅު މަދްރަސާއިން ބުނި ގޮތުގައި އެ ސްކޫލުން އެންމެ އަހަމިއްޔަތުކަމެއް ދިނީ ކުލާސްރޫމުގައި ކިޔަވައިދޭ ފިލާވަޅު ދަރިވަރުންނަށް އެނގޭނެހެން ޓީޗަރުން ފިލާވަޅަށް ތައްޔާރުވެގެން ކިޔަވައިދިނުމަށާއި އުނގެނުމުގައި ދަރިވަރުން ޒިންމާދާރު ކުރުމަށެވެ. ހުކުރު ދުވަހާއި އަދި ހަވީރާއި ރޭނގަނޑު ކުލާސްތައް ކުރިއަށް ގެންދިއުމުގެ ބަދަލުގައި ދަރިވަރުން އަމިއްލައަށް ކިޔަވާނެ ވަގުތުދީ ކުޅިވަރާއި އާއިލީވަގުތު ލިބޭނެހެން އުނގެނުން ބައްޓަންކުރެވިފައިވާ ކަން އެ ސްކޫލުން ފާހަގަކުރެއެވެ.

އެ ސްކޫލުގައި ކުރިއަށްގެންދާ ކޮންމެ ކުލާހަކީ މާނަވީ ކުލާހަކަށް ހަދައި ދަރިވަރުންނަށް އަންނަ ކުރިއެރުން ރިކޯޑްކޮށް ވަކިވަކި ދަރިވަރުންނަށް ސަމާލުކަން ދީގެން ފިލާވަޅުތައް ކުރިއަށް ގެންދިޔުމުގެ ނަތީޖާއަކީ ކޮންމެ ދަރިވަރަކަށް އަޅާލުންލިބި ވަކިވަކި މާއްދާއިން ލިބެންޖެހޭ ހުނަރާއި ޢިލްމާއި ޙިލްމު ދަރިވަރުންގެ ކިބަކައި އެދަރިވަރެއްގެ ފެންވަރުން އެންމެ މަތީ ދަރަޖައިގައި އަށަގަތުމެވެ. މިއީ ގިނަދަރިވަރުންނަށް އޭ އަދި އޭ ސްޓަރ ލިބެން ދިމާވި މައިގަނޑު ސަބަބު ކަމަށް އެ ސްކޫލުން ދެކެއެވެ.

ދ. އަތޮޅު މަދަރުސާގައި ދަރިވަރުންގެ ފެންވަރު ރަނގަޅުކުރުމަށް މިދިޔަ އަހަރު އެ ސްކޫލާ ހަވާލުވެވަޑައިގެންނެވި ޕްރިންސިޕަލް އިސްމާޢީލް ޝަނިމް އާއި ސްކޫލުގެ މެނޭޖްމަންޓް ޓީމުން ގިނަ މަސައްކަތްތަކެއް ވަނީ ކުރައްވާފައެވެ. ޕްރިންސިޕަލް ޝާނިމްއަކީ ސްކޫލު ހިންގުމުގެ ދާއިރާގައި 14 އަހަރު ހޭދަކުރައްވާފައެވެ. މަޖީދިއްޔާ ސްކޫލުގައި ދެ އަހަރު ލީޑިންގް ޓީޗަރެއްގެ ގޮތުގައި މަސައްކަތްކުރުމާއި މާލޭގެ އެންމެ ފުރަތަމަ އިންޓަރނޭޝަނަލް ސްކޫލެއްގެ ގޮތުގައި ހުޅުވި ބިލަބޮންގ ހައި އިންޓަރނޭޝަނަލް ސްކޫލް ހިންގުމުގައި ޑެޕުޓީ ޕްރިންސިޕަލެއްގެ ގޮތުގައި ފާއިތުވި 7 އަހަރު މަސައްކަތް ކުރައްވާފައިވެއެވެ.

ޝާނިމް ވަނީ، އިންޓަރނޭޝަނަލް ތަޖުރިބާއަށް ބަލާއިރު 16 ގައުމައްވުރެ ގިނަ ގައުމުތަކަށް ޒިޔާރަތްކޮށް ސްކޫލުތަކުގަ ކިޔަވައިދިނުމުގެ ތަޖުރިބާ ހޯއްދަވާފައެވެ. ބިލަބޮންގ ހައި އިންޓަރނޭޝަނަލް ސްކޫލަށް ނުހަނު ގިނަ ހެޔޮ ބަދަލުތަކެއް ގެނައުމާއި ހިންގުނު އިނޮވޭޓިވް ޕްރޮގުރާމްތައް ރާވާ އިމްޕްލިމެންޓް ކުރުމުގައި އެންމެ އިސްކޮށް އުޅުއްވީ ޝަނިމްއެވެ. އެގޮތުން ލާނިންގ މެނޭންމަންޓް ޕްލެޓްފޯމްތަކައި، ރޮބޮޓިކް ރޮގުރާމްތަކާއި ޓެކްނޮލޮޖީއާގުޅޭ ގިނަ ޕްރޮގުރާމްތައް ހިމެނެއެވެ. ޓީޗަރުން ތަމްރީނުކުރުމުގެ އެތަކެއް ޕްރޮގުރާމްތަކެއް ޝާނިމް ވަނީ ކުރިއަށް ގެންގޮސްފައެވެ. މިތަޖުރިބާ ތަކާއެކު ދ.އެޓޯލް ސްކޫލާ ޝާނިމް ގުޅުނީ ލިބިފައިވާ ތަޖުރިބާ އާއެކު ސަރުކާރުގެ ސްކޫލުތަކަށް ހެޔޮބަދަލުތަކެއް ގެނައުމުގެ އަޒުމުގައެވެ. މިގޮތުން ދ. އަތޮޅު މަދްރަސާގައި ކުރައްވާ މަސައްކަތުގެ ހެޔޮ ބަދަލު ކުޑަދުވަސްކޮޅެއްގެ ތެރޭގައި ފެންނަން ފެށުމަކީ އެއީ މީދު ރައްޔިތުންނަށް ލިބުނު ބޮޑު ހިތްހަމަޖެހުމެކެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *