ސެޓްލައިޓް ސްކޫލުން ސާނަވީ ނިންމި ތިން ދަރިވަރުން ފަސްމާއްދާއިން ފާސްވި

ސެޓްލައިޓް ސްކޫލުގެ ގުރޭޑް 10ގައި ފާއިތުވި އަހަރު ކިޔެވި ފުޅަދޫ ސްކޫލުގެ ދެ ދަރިވަރުން: މި ދެދަރިވަރުން ވަނީ ފަސް މާއްދާއިން ފާސްވެފައި- ފޮޓޯ: ފުޅަދޫ ސްކޫލް

ސެޓްލައިޓް ސްކޫލުން ސާނަވީގައި ބައިވެރިވި ހަތް ދަރިވަރުންގެ ތެރެއިން ތިން ދަރިވަރުން ފަސް މާއްދާއިން ފާސްވެއްޖެއެވެ.

ސެޓްލައިޓް ސްކޫލަކީ ރަށުގައި މައިންބަފައިންގެ ކައިރީގައި ހުރެގެން އޮންލައިންކޮށް ކިޔަވާ ނިޒާމެކެވެ. ސެޓްލައިޓް ސްކޫލުގެ ބެލެނިވެރިއެއްގެ ގޮތުން އޮންލައިންކޮށް ކިޔަވައިދިނުން ކުރިއަށް ގެންދިޔައީ ހުރަވީ ސްކޫލުންނެވެ.

ސެޓްލައިޓް ސްކޫލުން ބައިވެރިވި ދަރިވަރުންގެ ތެރެއިން ފެހެންދޫން ބައިވެރިވި ދަރިވަރު ސާނަވީ އިމްތިޙާގެ އަށް މާއްދާއިން ފާސްވިއެވެ. އަނެއް ދެ ދަރިވަރުންގެ ތެރެއިން އެއް ދަރިވަރަކު ފަސް މާއްދާއިން އަނެއް ދަރިވަރު ހަ މާއްދާއިން ފާސްވިއެވެ. އަދި އިތުރު ދެ ކުދިން އިސްލާމާއި ދިވެހިން ފާސްވިއެވެ.

ސެޓްލައިޓް ސްކޫލުގެ ގުރޭޑް 10ގައި ފާއިތުވި އަހަރު ކިޔެވި ދަރިވަރުންނަށް ހުރަވީ ސްކޫލުގައި ގެންދިޔަ ކޭމްޕްގެ ތެރެއިން: ފޮޓޯ: ހުރަވީ ސްކޫލް

ހުރަވީ ސްކޫލުން ބުނީ، ހަތް ދަރިވަރުން ބައިވެރިވި ނަމަވެސް އޭގެތެރެއިން ދެ ކުދިންނަކީ ޤަވާއިދުން ކުލާސްތަކަށް ހާޒިރުވި ކުދިން ނޫން ކަމަށެވެ.

ސެޓްލައިޓް ސްކޫލުގައި ފުޅަދޫން ބައިވެރިވި ދެ ދަރިވަރުން ފަސް މާއްދާއިން މަތިން ފާސްވުމަކީ އެއީ ކާމިޔާބެއް ކަމަށް ފުޅަދޫ ސްކޫލުން ފާހަގަކުރެއެވެ.

ފުޅަދޫ ސްކޫލްގެ ޕްރިންސިޕަލް އަޙްމަދު އަޝްރަފު ވިދާޅުވީ، އެ ސްކޫލުގެ ދެ ދަރިވަރުން ފާސްވުމަކީ އެއީ ކާމިޔާބެއް ކަމަށާއި އިމާރާތުގެ ދަތިކަމާ ހުރެ ރަށުގައި ތިބެގެން އޮންލައިންކޮށް ކިޔެވި ނަމަވެސް އެ ދަތިކަން ކުދިންނަށް އިހުސާސްވި ކަމަށެވެ.

" ކުލާސްރޫމެއް ބައިކޮށްލައިގެން އެ ކުދިން ބޭނުންކުރަމުންއައީ. ކިޔެވުމުގައި ހުރި ދަތިތައް ދަރިވަރުން ވެސް ފާހަގަކުރޭ" އަޝްރަފު ވިދާޅުވިއެވެ.

އަޝްރަފު ވިދާޅުވީ، ރަށުގައި މައިންބަފައިންގެ ކައިރީގައި ތިބެގެން ފަސް މާއްދާއިން ފާސްވުމަކީ އެއީ މި ވަގުތުގެ ހާލަތަށް ބަލާއިރު ފަށައިގަތުމެއް ކަމަށެވެ.

މި އަހަރު ސެޓްލައިޓް ސްކޫލުގެ ގުރޭޑް 10ގައި ކިޔަވަމުން ދަނީ އެ ސްކޫލުގެ އެންމެ ދަރިވަރެކެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *