ޖީމް: ކެޕްޓަންކަން ހޯދީ މާޔޫސް ކަމުން ހޯދި ހިތްވަރުން

ލީޑަރަކަށްވާނަމަ ކުދިންނާއެކު ރަނގަޅު ގުޅުމެއް އުފައްދައި އިތުބާރާއި ރުހުންވެސް ހޯދަން ޖެހޭ

ޝަރަފުއްދީން ސްކޫލުގެ ގުރޭޑް 8އަށް ވަން އަހަރު، ޕްރިފެކްޓްކަން ލިބުމުން، ކުލަބެއްގެ ރައީސްއަކަށް ވާން ބޭނުންވިއެވެ. އެކަމަށް އުއްމީދު ވެސް ކުރިއެވެ. ނަމަވެސް އަލަށް އެ ސްކޫލާ ގުޅުނު ދަރިވަރަކަށް ވުމުން އެ މަޤާމަށް އާދެވޭ ވަރެއް ނުވިއެވެ. ބޭނުންވާ ވަރަށް ކުދިންގެ ވޯޓު ވެސް ނުލިބުނެއެވެ. އެއީ މި އަހަރު އެ ސްކޫލުގެ ކެޕްޓަންގެ ޒިންމާއާ ހަވާލުވި ޖީމް މުޙައްމަދު ނަޞީރަށް އޭރު ލިބުނު މާޔޫސްކަމެކެވެ. ލިބުނު ހިތްދަތި ކަމެކެވެ. މިއަދު ކެޕްޓަން ކަމުގެ ޒިންމާއާ އޭނާ ހަވާލުވީ އެ ދުވަހުވި މާޔޫސް ކަމުން ހޯދި ހިތްވަރުންނެވެ. އެ ހިތްވަރާއި ޖޯޝް އުފައްދައި ދިނީ އޭނާގެ މަންމައެވެ. މަންމަ އެ ދުވަހު ބުނި ބަސް މިހާރު ވެސް ޖީމްގެ ކަންފަތުގައި ހަރުލާފައި އެބަހުއްޓެވެ.

" މަންމައަށް ޔަގީނޭ ޖީމްއަށް ވާނެކަން. ޖީމް ބޭނުންވާ ޕޯސްޓް ލިބޭނީ އެކަމަށް މަސައްކަތް ކޮށްގެން"

 

އެ ދުވަހު މަޤާމަކާ ހަމައަށް ނުދެވުނު ސަބަބުތަކާމެދު ޖީމް ފުންކޮށް ވިސްނިއެވެ. އެއާއެކު ކުރިއަށްދާނެ މިސްރާބު ކަނޑައެޅިއެވެ. ކުރާން ޖެހޭ މަސައްކަތް ލިސްޓް ކޮށްލިއެވެ.

" އެންމެ އިސްކަމެއް ދިނީ ކިޔަވަން. ކިޔެވުމުގެ ތެރެއިން ނުދަންނަ ކުދިން ދަންނަ ކުދިންނަށް ހެދިން. އަދި ހުރިހާ ކުދިންނާ ވެސް ގާތް ގުޅުމެއް އުފައްދަމުން ދިޔައިން. ތަފާތު ހަރަކާތްތަކުގައި ބައިވެރިވުމާއި ވާހަކަ ދެއްކުމާއި އަމިއްލަ ނަފުސަށް އޮތް އިތުބާރާއި ޔަޤީންކަން އިތުރުކުރިން" ކެޕްޓަންގެ މަޤާމް ހޯދަން ޖީމް އެކުލަވާލި ލިސްޓް ކުރަސް އަމަލީ ގޮތުން ކުރާންޖެހުނު މަސައްކަތް ބުރައެވެ.

 

ޖީމްއަށް ކެޕްޓަންކަން ލިބުނީ ވާދަވެރި އެތައް ދަރިވަރުންގެ ތެރެއިންނެވެ. ކެޕްޓަންކަން ލިބޭނެއޭ ސައްތައިން ސައްތައިގެ ޔަގީންކަމެއް ނެތަސް އެ ފުރުޞަތު އޭނާއަށް އޮތްކަން އަބަދު ވެސް ހިތުގައި ބޭއްވިއެވެ.

" ކެޕްޓަންކަން ލިބުމުން ހައިރާން ވެސް ވި. އެކަމަކު އެހާމެ އުފާވެސްވި" ޖީމް ދަރިވަރު ނޫހަށް ބުންޏެވެ.

 

އެންމެ އިސްކަމެއް އަބަދުވެސެ ޖީމް ދެނީ ކިޔެވުމަށެވެ. ސްކޫލުން ގެއަށް އަންނައިރު ވެފައި ހުންނަ ވަރުބަލިކަމާ ހުރެ، މެންދުރުފަހު ނިދާލައި ތާޒާވެލުމަކީ އެއީ ރޭގަނޑު ކިޔެވުމަށް ހުސްކުރަން ޖީމް ގެންގުޅޭ ދުވަސްވީ އާދައެކެވެ. ގޭގައި ހަދަން ދީފައި ހުންނަ މަސައްކަތްތައް ނިންމުމަށްފަހު، ފިލާވަޅުތައް މުޠާލިޔާ ކުރުމުގައި ވެސް ވަގުތުކޮޅެއް ހުސްކުރެއެވެ.

ޓެސްޓް ކައިރިވަމުން އަންނަ ވަރަކަށް ޕާސްޓް ޕޭޕަރު ހަދަން ޖީމް އިސްކަންދެއެވެ. އެއާއެކު އެހެން ކުދިންނަށް ބުނެދިނުމަކީ އޭނާއަށް ލިބޭ އާދަޔާޚިލާފު އުފަލެކެވެ.

" ޓެސްޓް ކައިރިވީމާ ޕާސްޓް ޕޭޕަރު ހަދާފައި އެހެން ކުދިންނަށް ކިޔައިދެނީ. އެހެން ކުދިންނަށް ކިޔައި ދިނުމަކީ އެއީ ކިޔަވަން ލިބޭ ވަރަށް ބޮޑު އެޑްވާންޓޭޖެއް" ޖީމް ކިޔައިދިނެވެ.

ޖީމްގެ ޚާއްޞަ މާއްދާއަކީ ކެމިސްޓްރީއެވެ. ސްކޫލުގައި ނެގި ކެމިސްޓްރީ ޓެސްޓުން ސްކޫލުން ހަމައެކަނި އޭސްޓަރ ލިބުނީ އޭނާއަށް އެކަންޏެވެ. އެ ހިސާބުން އެންމެ ކިޔަވާ ހިތްވާ މާއްދާގެ ގޮތުގައި ކެމިސްޓްރީ ލޭބަލް ކުރިއެވެ.

 

ޖީން ބުނީ، ކެމިސްޓްރީއަށް އޭރުއްސުރެ ޔަގީންކަން އޮންނާތީ އެ މާއްދާއިން ނޭނގޭ އެއްޗެއް އޮވެއްޖެނަމަ އެހެން ކުދިންނަށް ބުނެދޭން މަސައްކަތް ކުރާކަމަށެވެ.

ޖީމްއަށް އެންމެ އުނދަގޫ މާއްދާއަކީ ދިވެއްސެވެ. އެއީ އޭނާ ޓިއުޝަން ނަގާ ހަމައެކަނި މާއްދާއެވެ.

" އަޅުގަނޑަށް އެނގޭ ވަރަށް އެހެން ކުދިންނަށް ބުނެދޭން ބޭނުންވޭ. ކުދިންގެ ކައިރީގައި ބުނެފައި އޮންނާނީ އިންޓަވަލް ގަޑީގައި ނަމަވެސް ޖީމް ހޯދަން އަންނާށޭ. ނޭނގޭ އެއްޗެއް އޮތިއްޔާ ސުވާލުކުރާށޭ. އަހާ އޮޅުންފިލުވާށޭ. އަޅުގަނޑަށް، ކާމިޔާބީ އެންމެ ރަނގަޅަށް އިހުސާސް ވާނީ އަޅުގަނޑަށް ލިބޭ ކާމިޔާބީއާއެކު އެހެން ކުދިންނަށް ވެސް ކާމިޔާބު ލިބުމުން" އެހެން ކުދިންނަށް ކިޔައިދީގެން ޖީމް ހޯދީ އެ ދަރިވަރުންގެ އިތުބާރެވެ.

 

ޖީމްއަކީ ކުޅިވަރުގެ ތަރިއެއް ނޫނެވެ. ކުޅިވަރުން ފާހަގަކުރެވޭ ތަރިއަކަށް ނުވިޔަސް ބެޑްމިންޓަނަކީ އެންމެ ކުޅޭ ހިތްވާ ކުޅިވަރެވެ.

ޖީމް، ދުރާލާ ތައްޔާރު ވަނީ އޯލެވެލް އިމްތިޙާނަށެވެ. ދިވެހި މާއްދާއަށް މިހާރަށްވުރެ ބޮޑަށް ސަމާލުކަންދީ އޯ ލެވެލްއިން އެއްވަނަ ހޯދުމަކީ އަޒުމެކެވެ. އޭނާ ޤަބޫލުކުރާ ގޮތުގައި ދިވެހިން އޭ ސްޓަރއެއް ހޯދިއްޖެނަމަ އެއްވަނަ ލިބޭނެ ކަމުގެ ފުރިހަމަ އިތުބާރު އެބައޮތެވެ.

 

ސްކޫލުގެ ކެޕްޓަންކަން ހޯދަން ބޭނުންވާ ކުދިން ހިނގަންވީ ޖީން ހިނގި މަގުންނެވެ. އެފަދަ ކުދިންނަށް އޭނާ ދޭން އޮތް އިރުޝާދަކީ މިއެވެ. ކުދިންނާއެކު ރަނގަޅު ކުޅުމެއް އުފައްދައި އަބަދުވެސް އެކުދިންގެ އެހީތެރިއަކަށް ވާށެވެ. ކިޔެވުމަށް އިސްކަންދިނުމާއެކު އިތުރު ހަރަކާތްތަކުގައި ވެސް ބައިވެރިވާށެވެ. ލީޑަރަކަށް ވާން ބޭނުންނަމަ ވާހަކަ ދެއްކުމުގެ ހުނަރަކީ ކޮންމެހެން ހުންނަންޖެހޭ ހުނަރެއްކަން ދަނެ އެ ހުނަރު ހޯދަން މަސައްކަތް ކުރާށެވެ. މުދައްރިސުންނާއެކު އޮންނަ ގުޅުން ރަނގަޅުކޮށް އިތުބާރު ހޯދާށެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *