އަމީނިއްޔާ ސްކޫލުގެ މޮޑެލް ޔުނައިޓެޑް ނޭޝަންސް ކޮންފަރެންސް (އޭސްމުކް) ކޮންފަރެންސް ބާއްވައިފިއެވެ. މި ކޮންފަރެންސް އޮތީ މިދިޔަ ބުރާސްފަތި ދުވަހު އެ ސްކޫލުގައެވެ.
މި ކޮންފަރެސްގެ ބޭނުމަކީ ދަރިވަރުންގެ މެދުގައި، އދ. ގެ މަސައްކަތްތައް ރާވާ ހިނގާ ގޮތާ ބެހޭ ގޮތުން ހޭލުންތެރި ކުރުވުމާއި، ޑިޕްލޮމަސީގެ ހުނަރާއި، ވާހަކަ ދެއްކުންތެރިކަމުގެ ހުނަރު އަށަގެންނެވުމެވެ. އަދި މުއާމަލާތްކޮށް މަޝްވަރާގެ ތެރެއިން ރަނގަޅުގޮތް ދެނެގަތުމުގެ ހުނަރުގެ އިތުރުން ކަންކަމުގައި އުފެއްދުންތެރި ބިނާކުރަނިވި ވިސްނުން ކުދިންގެ ކިބައިގައި ތަރައްގީ ކުރުން ވެސް މި ކޮންފަރެންސްގެ މަގުސަދު ތަކުގެ ތެރޭގައި ހިމެނެއެވެ.

މި ކޮންފަރެންސްގައި 69 ދަރިވަރުން ދުނިޔޭގެ ތަފާތު ޤައުމުތައް ތަމްސީލު ކުރިއެވެ. އަދި ފަސް ދަރިވަރުން ރިޔާސަތު ބެލެހެއްޓިއެވެ.
މި ކޮންފަރެންސުން ދޭދޭ ގައުމުތަކުގެ މެދުގައި އޮންނަ ގުޅުމާއި އަދި ގައުމުތަކުގެ މެދުގައި އުފެދޭ ހުރަސްތަކާ ދެބަސްވުންތަކުގެ މައުލޫމާތު އުނގެނި، އެކަންކަމުގެ މައްޗަށް ދަރިވަރުން ލޯހުޅުވިގެން ދިޔައެވެ. މި އަހަރުގެ ކޮންފަރެންސްގެ ޝިޔާރަކަށް ކަނޑައަޅާފައި ވަނީ ކަނޑުތަކަށް ލިބޭ ގެއްލުންތައް ކުޑަކުރުމަށް ދުނިޔޭގެ ފެންވަރުގައި މަސައްކަތް ކުރެވޭނެ ގޮތްތަކެއް ހޯދުމާއި ކަނޑުތަކުގެ ދިރުންތައް ހިމާޔަތްކޮށް ދެމެހެއްޓުމެވެ. މި ޝިޔާރުގެ ދަށުން މައިގަނޑު ދެ މައުޟޫއެއް ކޮންފަރެންސްގައި އެޖެންޑާކޮށް ބަހުސްކުރިއެވެ.

އެއީ ތެޔޮ ލީކުވުމާއި ގަވައިދާ ހިލާފަށް ކުރާ ކަންކަމުގެ ސަބަބުން ކަނޑުގެ މާހައުލަށް ކުރާ ނޭދެވޭ އަސަރު ކުޑަކުރުމާއި ކަނޑުގެ ދިރުންތައް ހިމާޔަތްކުރުމުގެ މަސައްކަތްތައް އިތުރުކުރުމެވެ.
މި ކޮންފަރެންސަށް ތައްޔާރު ވުމަށް ގިނަ މައުލޫމާތުތަކެއް ދަރިވަރުން ރިސަރޗްކޮށް ހޯދާ އެއްކުރިއެވެ. އަދި ކޮންފަރެންސް ކުރިއަށް ގެންދާނެ ގޮތުގެ ކުޑަ ރިހާސަލްއެއް ވެސް ބޭއްވިއެވެ.

މި ކޮންފަރެންސް ކުރިއަށް ގެންދިޔައީ ދެ ބަޔަކަށް ބަހާލައިގެންނެވެ. ކޮންފަރެންސްގެ ރަސްމީ ބައެއްގެ ގޮތުން ގެންދިޔަ މޮޑެރޭޓެޑް ކޯކަސް އާއި ނުރަސްމީ ބައިގެ ގޮތުގައި ގެންދިޔަ އަންމޮޑެރޭޓެޑް ކޯކަސްއެވެ.
ކޮންފަރެންސްގެ ރަސްމީ ބައިގެ ތެރެއިން، އެޖެންޑާގައިވާ މައުޟޫއަށް އެ ޤައުމުތަކުން ދެކޭ ގޮތް ހުށައެޅިއެވެ.

ނުރަސްމީ ބައިގެ ގޮތުގައި ގެންދިޔައީ ހުށަހެޅިފައިވާ ކަރުދާސްތަކަށް ވަކިވަކި ޤައުމުތަކުގެ މަޝްވަރާތަކަށް ބިނާކޮށް އެންމެންނަށް އެއްބަސްވެވޭ އެއްބަސްވުމުގެ މައްޗަށް ބިނާކޮށް ގަރާރެއް ތައްޔާރުކޮށް ހުށައެޅުމެވެ.
މި ކޮންފަރެންސަށް ހުށަހެޅި އެންމެ ރަނގަޅު ޕޭޕަރާއި އެންމެ މޮޅު ޑެލިގޭޓްސް ވަނީ ހޮވާފައެވެ.

މި ކޮންފަރެންސްގައި ބައިވެރިވެ ވާހަކަ ދެއްކި ދަރިވަރަކު ބުނީ، އަމީނިއްޔާ ސްކޫލްގެ މޮޑެލް ޔުނައިޓެޑް ނޭޝަންސް ކޮންފަރެންސަކީ ޒިންމާދާރު ކަމާއެކު ކަންތައްތަކާ މަޝްވަރާކުރަން ލިބުނު މުހިންމު ފުރުޞަތެއް ކަމަށެވެ.
މި ކޮންފަރެންސްގައި ރިޔާސަތު ބެލެހެއްޓި ދަރިވަރަކު ބުނީ، ސެޝަންތައް ކުރިއަށް ގެންދާ ގޮތް ދަސްކުރުމާއި، ދުނިޔެއަށް ކުރިމަތިވެފައިވާ ނުރައްކާތައް ހައްލުކުރެވޭނެ ގޮތްތަކާ ގުޅޭ ވިސްނުން ތަކެއް ވިސްނާނެ ފުރުޞަތު ލިބިގެންދިޔަ ކަމަށެވެ.

" އަޅުގަނޑުމެންނަށް ފުރިހަމަ ޒިންމާއެއް ދިނުމުން އަޅުގަނޑުމެންނަށް ރަސްމީ މާހައުލެއްގައި ތަޖުރިބާ ކޮށްލުމުގެ ފުރުޞަތު ލިބިގެން ދިޔައީ. ޖުމްލަކޮށް ބަލާއިރު އަމީނިއްޔާ ސްކޫލުގެ މި ކޮންފަރެންސަކީ އުނގެނުމުގެ ތަޖުރިބާއެއްގެ ގޮތުގައި އެތަކެއް ފައިދާތަކެއް ލިބުނު ކޮންފަރެންސެއް" ކޮންފަރެންސްގައި ބައިވެރިވި ދަރިވަރަކު ޚިޔާލު ފާޅުކުރިއެވެ.
advertisment
ހިޔާލު