އިއްޔެ އަކީ ޞަލާޙުއްދީން ސްކޫލު ވުޖޫދުވެ ޢިލްމީ ޚިދުމަތަށް ފެށިތާ އެއް އަހަރުފުރުނު ދުވަހެވެ. އެ ސްކޫލް ހުޅުވީ 2023 އޮގަސްޓު 6 ވަނަ ދުވަހު ދިރާސީ އާ އަހަރާ ދިމާކޮށެވެ.

ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ބިނާކޮށްފައި ހުރި އެ ސްކޫލުގެ، އަހަރީ ދުވަސް ފާހަގަކުރުމުގެ ގޮތުން އިއްޔެ ހެނދުނު ޚާއްޞަ އެސެންބުލީއެއް ވަނީ ބާއްވާފައެވެ. މި އެސެންބުލީގެ ޝަރަފުވެރި މެހެމާނެއްގެ ގޮތުގައި، ތަޢުލީމީ ވުޒާރާގެ ނާއިބު ޞުލްޠާން ރާމިޒު ބައިވެރިވެވަޑައިތެވެ. މީގެ އިތުރުން، ޚާއްޞަ މެހެމާނެއްގެ ގޮތުގައި އެޑިޔުކޭޝަން ޕްރޮފަޝަނަލް، އަޙުމަދު ނަސީމް ވެސް މި އެސެންބުލީގައި ބައިވެރިވެވަޑައިގަތެވެ.

މި އެސެންބުލީގައި ވާހަކަފުޅު ދައްކަވަމުން، ފަޟީލަތުއްޝައިޚު ޙުސެއިން ޞަލާޙުއްދީންގެ ޙަޔާތްޕުޅުގައި ޢިލްމު އުނގެންނެވުމާއި ލިބިވަޑައިގެންނެވި ޢިލްމު ފެތުރުއްވުމަށް ކުރެއްވި އަގުހުރި މަސައްކަތްޕުޅުގެ މައްޗަށް އަލިއަޅުވާލެއްވިއެވެ. މިގޮތުން ދިވެހިންގެ ތެރޭގައި ޒަމާނުއްސުރެ އޮތް ޢިލްމު އުންގަންނައިދިނުމުގެ ވައްޓަފާޅިއަށް ޙުސެއިން ޞަލާޙުއްދީން ގެންނެވި ބަދަލަކީ، އޭގެ ސަބަބުން މުޅި ދިވެހި ދީބަށް ޢިލްމުގެ ނޫރު ފެތުރިގެން ދިޔަކަމެއްކަމުގައި ވެސް ފާހަގަކުރެއްވިއެވެ. މީގެ އިތުރުން ވަކި ހަސަބަކަށްނަސަބަކަށް ނުބައްލަވައި އެންމެން ޝާމިލުކޮށްގެން އުންގަންނަވައިދެއްވުމުގެ މަސައްކަތްޕުޅު ކުރެއްވިކަމާއި މި ސްކޫލުގެ އަސާސްތައް ވެސް ބިނާވެފައިވަނީ އުސޫލުންކަމުގައެވެ. އަދި ހަމަމިއާއެކު، ތަޢުލީމުގެ ދަތުރުގައި ކުރިއަށްދާއިރު ކުރިމަތިވާ ގޮންޖެހުންތަކަށް ވިސްނައި 21ވަނަ ޤަރުނުގެ ހުނަރުތަކުން ޖަރީވެފައިވާ ކުދިބަޔަކަށް ވުމަށް ދަރިވަރުންނަށް ނަސޭޙަތްތެރިވެވަޑައިގަތެވެ.

ރާއްޖޭގެ ހުރިހާ އަތޮޅަކަށް ނިސްބަތްވާ ދަރިވަރުން ހިމެނޭ، ނިސްބަތުން ބަލާއިރު އާބާދީ އެންމެ ބޮޑު އެއް ސްކޫލަށް ޞަލާޙުއްދީން ސްކޫލު ވާއިރު، މިފަދަ ގޮންޖެހުންތައް ގިނަ މާޙައުލެއްގައި ޕްރިންސިޕަލް، ނާސިޙާ އިދުރީސް، ސްކޫލު ހިންގެވުމުގައި ގެންގުޅުއްވާ ޙިކުމަތްތެރި ހަރުދަނާ އުސޫލުތަކުން ސާބިތުކޮށްދެނީ އެއީ "ވަރުގަދަ ލީޑަރެއް"ކަމުގައި ވެސް ޝަރަފުވެރިމެހެމާނުގެ ވާހަކަފުޅުގައި ފާހަގަކޮށްލެއްވިއެވެ.

ހަމަމިއާއެކު ފާއިތުވި އަހަރުގައި ތަނުގެ މުވައްޒަފުން ގިރާކުރަންޖެހުނު ދަތި، އުނދަގޫ ދަނޑިވަޅުތަކުގައި ދެއްކެވި ކެތްތެރިކަމާއި ހިތްވަރަކީ މި ސްކޫލު ހިންގުމަށް އެކުލަވާލި ޤަވާއިދާ އެއްގޮތަށް ސްކޫލުގެ އެންމެހައި ކަންކަން ކާމިޔާބުކަމާއެކު ތަންފީޒުކުރުމަށް ބާރު ލިބިގެންދިޔަ ކަމެއްކަމުގައި ފާހަގަކުރައްވައި، އެންމެހައި މުވައްޒަފުންނަށް ވެސް ޝުކުރުއަދާކުރެއްވިއެވެ.
މީގެ އިތުރުން ސްކޫލުގެ ދަރިވަރުންނަކީ ޤައުމަށް ލޯބިކުރާ ވަޠަނީ ރޫޙާއެއްކު ޤައުމަށް ވަފާތެރިކަމާއެކު ޚިދުމަތްކުރުމުގައި ޞަލާޙުއްދީން ފަދަ ދަރިވަރުންތަކެއްކަމުގައިވުމަށް ނަސޭޙަތްތެރިވެވަޑައިގެންނެވެ.

މި އެސެންބުލީގައި، ޞަލާޙުއްދީން ސްކޫލުގެ އަހަރީ ދުވަސް ފާހަގަކުރުމުގެ ގޮތުން މި ހިނގާ އޮގަސްޓުމަހުގެ 24ވަނަ ދުވަހު، ހުޅުމާލޭ، ސެންޓްރަލް ޕާކުގައި ކުރިއަށްގެންދިއުމަށް ރާވާފައިވާ "އެނިވަރސަރީ ރަން"ގެ ބިބް، ޝަރަފުވެރި މެހެމާނަށްވަނީ ހަދިޔާކުރައްވާފައެވެ. މީގެ އިތުރުން، އަހަރީ ދުވަސް ފާހަގަކުރުމުގެ ގޮތުން ހިންގި ފާހަގަކޮށްލެވޭ އެއް ހަރަކާތަކީ، ސްކޫލު ނިސްބަތްވާ ޝަޚުޞިއްޔަތުގެ ޙަޔާތުނާމާގެ މައުލޫމާތު އާންމުކޮށް ފެންނާނެހެން، އިންފޯގްރެފިކެއް ތައްޔާރުކުރުމެވެ.
advertisment
ހިޔާލު